އެދުވަހުވެސް ސާރާ ދެކުދިން ގޮވައިގެން ގޮސް މަންމަގޭ ދޮރުގައި ތަކި ޖަހާލީ އޭނަބުނާ ހުރިހާ ކަމަކަށް މަންމަ ރުހޭނެ ކަމަށް ހީކޮށްފައެވެ. ދެ ބެކްޕެކް ދެކުދިންގެ ކޮޑުގައި އަޅުވައިގެން ގޮސް ޓަކި ޖަހާލުމުން މަންމަ ދޮރު ހުޅުވިއެވެ. އަދި ދޮރު ހުޅުވުމަށްފަހު ގޮސް ކުޑަދޮރުކައިރީ ހުންނަ، މަންމަ އާދައިގެ މަތިން އިށީދެ އިންނަ ގޮޑީގައި އިށީދެލިއެވެ. ވަރުބަލިކަމާއެކުއެވެ.
އެވަގުތު ސާރާ ބުންޏެވެ. ދެކުދިން މިގޭގައި ދެތިން ގަޑިއިރަށް ބައިތިބާލަދެވިދާނެހެއްޔެވެ. މަންމަ ކިހިނެއްތޯ އަހާލުމެއް މަންމަގެ ހާލު އަހާލުމެއް ކަމެއް ނެތެވެ. ސާރާގެ ސުވާލަށް މަންމަ އޭނާއާ ދިމާލަށް ބަލާލިއެވެ. ނަމަވެސް ހަޔާތުގައި ފުރަތަމަ ފަހަރަށް އާއެކޭ ބުނުމުގެ ގޮތުން މަންމަ ބޯ ޖަހައެއް ނުލިއެވެ.
މަންމަ އެވަގުތު ބުންޏެވެ. ނޫނެކެވެ .މިއަދަކު ނުބޭތިއްބޭނެއެވެ. ސާޜާ ހައިރާން ވިކަހަލައެވެ. އަދި ސުވާލު ކުރިއެވެ. ”ނޫނެކޭ ތިޔަބުނީ ކީއްވެގެން ހެއްޔެވެ. ބަންމަ ކުދިން ބަލާ ނުދޭނަމަ އަހަރެން ތަންތަނަށް ދާނީ ކިހިނެއްހެއްޔެވެ؟“
މަންމަ ޖަވާބުގައި ބުންޏެވެ. ”އިނގެއެވެ.ދަރިފުޅު މަސައްކަތްކުރާކަން އިނގެއެވެ.ތަންތަނަށް ދާންޖެހޭ ކަންވެސް އިނގެއެވެ. ތިޔަގޮތަށް ”ދެތިންގަޑިއިރަށް“ ކުދިން ގެނެސްފަ ހަފްތާ ދެހަފްތާވެސް ނުގެންދަމު ނޫންހެއްޔެވެ. ތިޔަށް ވުރެ ކުދިން ކުޑައިރު ތިޔަގޮތަށް ގެނައި ފަހަރަކު ކުދިން ބައިތިއްބާފަ ދިޔަ ގޮތަށް އެއްއަހަރު ވީއިރުވެސް ނާންނަމު ނޫންހެއްޔެވެ.“
މަންމަ ވާހަކަ ދެއްކީ ބާރަކަށް ނޫނެވެ. އަޑު ބާރު ނުކުރި ނަމަވެސް ސާފު ސީދާ މެސެޖް ތަކަކުން އޭނާ ބުނަން ބޭނުންވި އެއްޗެއް ބުނަމުންގެންދިޔައެވެ. ”މަންމަގެ މުސްކުޅި ހާލަށް ބަލާލުމެއްނެތި ކުދިން ބައިތިއްބާފަ ދިއުމުން މަންމަ އުޅުނު ހާލު އިނގޭ ހައްޔެވެ. އެކަމަކުވެސް ކުދިންނަށް އެއްވެސް ކަމެއް އުނިވިޔަ ނުދީ އަމިއްލަ ދަރިންހެން ބެލީމެވެ. ސްކޫލް އަށް ގެންދިޔައިމެވެ. ގަޑިންގަޑިޔަށް ކާން ދިނީމެވެ.ބަލިވީމަ ފަރުވާ ކުރީމެވެ. ދަރިފުޅު އަމިއްލަ ހަޔާތުގެ ކަންކަމުގައި ކުރިޔަށް ދިޔައިރު މަންމަ ބޭނުންވާ ކަންކަން ޖެހުނީ ފަސްކޮށްލާށެވެ.“
އޭރުވެސް ދެކުދިން ގޭތެރޭގައި ހަޅޭއްލަވަމުން ދުވަނީ އެވެ.ކުޅޭއެއްޗެތި ތައް އުކަނީ އެވެ. ކުދިންގެ މިފަދަ ކަންކަމުން އުމުރުން ދުވަސްވީ މީހަކަށް ވާނެ އުނދަގޫ އިނގޭނޫން ހެއްޔެވެ. ނަމަވެސް އޭރުވެސް ސާރާ ހުރީ އަވަހަށް ގެއިން ބޭރަށް ދާން ލަސްވެފަ ކަހަލައެވެ.އެއްފައި ދޮރުން ބޭރުގައި އަޅައިގެންނެވެ.
މަންމަ އެވަގުތު އަނެއްކާވެސް ވާހަކަ ކުރިޔަށް ގެންދިޔައެވެ. ”މަންމަ ދަރިފުޅުދެކެ ރުޅިއެއްނާދެއެވެ.މި އެއްޗެތި ކިޔަނީކީ ނޫނެވެ. ނަމަވެސް ދަރިފުޅުވެސް ނިކަން ވިސްނާލަބަލާށެވެ. މަންމަ މިހާރު މިވަނީ އުމުރުން ފަސްދޮޅަސް އަހަރަށް ވުރެ މަތިވެފައެވެ.މަންމަގެ ކަކުލުގެ ބާރު ވަނީ ދޫވެފައެވެ. ރޭވެއްޖިއްޔާ ބުރަކަށީގަ ރިއްސައެވެ.އަތްމަތިވެސް ވަނީ ކޮށިވެފައެވެ. ދަރިފުޅާ ދަރިފުޅުގެ ކުދިންދެކެ މަންމަ ވަރަށް ލޯބިވެއެވެ. ނަމަވެސް މަންމަ ގެ ހަށިގަނޑު މިވަގުތު ގޮވާ ހަޅެއްލަވަނީ އަރާމު ކުރުމަށެވެ.“
ކުޑައިރުކޮޅަކަށް ވާހަކަ މެދު ކަނޑާލުމަށްފަހު މަންމައަނެއްކާވެސް ވާހަކަ ކުރިޔަށް ގެންދިޔައެވެ.
”ތެދެއް ބުނަންހެއްޔެވެ. މަންމަ އަކީ އުޅޭ މީހެއްކަން ނޫޅޭ މީހެއްކަންވެސް ދަރިފުޅަށް އިނގޭ ހެނެއް ހިއެއް ނުވެއެވެ. ދަރިފުޅު މަންމަ ހޯދަން އަންނަނީ ހަމައެކަނި ކަމެއް ބޭނުން ވީމައެވެ. މަންމަ ކިހިނެއްތޯ އެއްފަހަރުވެސް އަހާލީމު ހެއްޔެވެ. މަންމައާ އެކީ ކޮފީއެއް ބޯލަން މަޑުކޮށްލީމު ހެއްޔެވެ. މަންމަ އެކަނިވެރިތޯ ، ފޫހިވޭތޯ އަހާލީމުހެއްހެއްޔެވެ. މަންމަޔަށް ހަދިޔާ ގަނޑެއް ދިއްކޮށްލިން ހެއްޔެވެ؟“
ސާރާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.ނަމަވެސް މަންމަ އޭނާ ހުއްޓުވުމުގެ ގޮތުން އަތް އުފުލާލިއެވެ.
”މަންމަ މި ދަރިފުޅާ ދިމާއަށް އެއްޗެތި ކިޔަނީކީ ނޫނެވެ. ހަމައެކަނި ބުނަންބޭނުމީ މަންމަ މީ ދަރިފުޅުގެ ކުދިން ގެ ދެވަނަ މަންމަ އެއްނޫން ކަމެވެ.މަންމަ އަށް ލިބުނު ކުދިން މަންމަ ބޮޑެތިކޮށް ނިމިއްޖެ އެވެ. މަންމަގެ ޖާނާ މާލު އެކަމަށް ހުސްކޮށްލައިގެންނެވެ. މިއަދަކީ ތަންކޮޅެއް ހަށިގަޑަށް ލުއިކޮށް މަންމަ އުޅެން ޖެހޭ ދުވަހެވެ.އާއެކެވެ .މާމައެއްގެ ހައިސިއްޔަތުން ވެސް މެއެވެ. ނަމަވެސް ކުދިންގެ ނެނީ އެއް،ހައުސްކީޕަރެއް އަދި ނޫނީ ކުދިންބަލަން ހުންނަ ނަރުހެން ގެ ހައިސިއްޔަތަކުން ނެއްނޫނެވެ.“
މަމްމަގެ އަޑު އެވަގުތު ރުތުރު އެޅިއެވެ.ނަމަވެސް އިރުކޮޅަކުން ހަމަ ޖެހިލިއެވެ.
”މިހާރު މަންމަ މިއުޅެންޖެހޭ ގޮތަށް އުޅެމުން ދާނަމަ މަންމަޔަށް އެނދުން ނުފޭބޭ ދުވަސްވެސް އޮންނާނީ ދާދި ގާތުގައެވެ.އެދުވަސް އަންނަ އިރު އޮންނާނީ މާލަސްވެފައެވެ.“
މަންމަގެ ވާހަކަ ތައް އަޑުއެހުމަށްފަހު ސާރާއަށްވެސް މިއަދު އަސަރު ތަކެއް ކުރިއެވެ.މަންމަ އުފުލި ބުރަޔާމެދު އޭނާޔަށް ހަގީގަތުގައިވެސް ވިސްނާލެވިފައި ނެތީއެވެ.އޭނާގެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަތައް އޮހޮރި ގަތެވެ.
ސިޓިންރޫމްގައި ކަމެއްވާކަމުގެ އިހުސާސް ކުދިންނަށްވެސް ވެގެން ދުވެފަ ކައިރިޔަށް އަޔެވެ.އެވަގުތު ކުދިންގެ މާމަ ތިރިވެލާފަ ކުދިން ގައިގަ ބައްދާލިއެވެ.އަދި ބުންޏެވެ. ”މާމަ ދަރިފުޅުމެންދެކެ ވަރަށް ލޯބިވެއެވެ.އެކަމަކު މާމަ ، މާމަ ދެކެ ލޯބިވާންވެސް ދަސްކުރަން އެބަ ޖެހެއެވެ.“
މިވާހަކައިން ދަސްވާ ފިލާވަޅު: މާމަ އެއް ނުވަތަ ކާފައެއް ހުރުމުގެ މާނައަކީ އަނެއްކާދެވަނަ ފަހަރަށް އެމީހުން ލައްވާ ކުދިން ބެލުވުމެއް ނޫނެވެ. މާމަ ނުވަތަ ކާފަގެ ހިތުގައި ކުދިންނަށް އިންތިހާދަރަޖައިގެ ލޯބި ވާނެއެވެ. ނަމަވެސް އެލޯބި ދައްކަން ޖެހޭނީ އެމީހުން ބޭނުންވާ ގޮތަކަށެވެ. އެލޯބި ވާކަން ދައްކާދިނުމަށް ކޮންމެހެން ގުރުބާނީ އެއް ވާކަށް ނުޖެހެވެ.
ދަރިންގެ ހިތުގައިވެސް މުސްކުޅި މައިންބަފައިން ނަށް ރަހުމެއް ހުރިނަމަ ، މަންމަ ދެން އަރާމު ކޮށްލާށޭ ބުނަންޖެހޭ ވަގުތު އިނގެންޖެހޭނެއެވެ.