މެނިންގޯކޮކަލް ބަލީގައި މީހަކު ނިޔާވުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގގައި އެ ބަލީގެ އިތުރު މީހަކު ފެނިފައި ނުވާކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިއަދު ބުނެފިއެވެ.
ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ މި ބަލީގައި ނިޔާވީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ މެލޭޝިއާއަށް ކުރި ދަތުރަކަށްފަހު ރާއްޖެ އައިތަނާއެވެ.
އެކަމާ ގުޅިގެން އެޗްޕީއޭން ވަނީ ކޮންޓެކްޓް ޓްރޭސިންގ ހަދައިފައެވެ.
މި ބައްޔަކީ ބެކްޓީރިއާއަކުން ޖެހޭ ސީރިއަސް ބައްޔެއް ކަމަށާއި، ރާއްޖޭން ފެނިފައިވާ މި ބަލީގެ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖޭން ބޭރުން ބަލި ޖެހިފައިވާ ފަރާތްތައް ކަމަށް އެޗްޕީއޭން ބުނެއެވެ.
މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި:
ހުން އައުން
ހަމުގައި ރަތް ބިހިތަކެއް ނެގުން
ބޮލުގައި ރިއްސުން
އަދި ބަލީގައި ބޮޑުވަރުވުމުން: ސިކުނޑިއަށް އަސަރުކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) ހިމެނެއެވެ.
އެޗްޕީއޭން ބުނީ، މި ބަލި ޖެހިފައިވާ މީހާއާއެކު ގިނަވަގުތު ގާތްކޮށް އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ. މި ބަލީގެ އަލާމަތްތައް ފެންނާނީ ބަލިޖެހޭތާ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.