ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރޭން، މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު ބަންދަށް ލުއި ދިނުމަށް އެދުނު 20 މީހަކަށް ލުއި ނުދޭން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން ބުނެފިއެވެ.
ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދޭންފެށީ މޭ މަހުގެ 28ގައެވެ.
ޕީޖީގެ ތަރުޖަމާނު އަޙުމަދު ޝަފީޢު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ލުއި ދިނުމަށް އެދިފައިވާ މީހުންގެ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 121 މީހަކު ލުއި ދިނުމަށް އެދި ހުށަހަޅާފައިވާއިރު އޭގެތެރޭން 20 މީހަކަށް ވަނީ ލުއި ނުދޭން ނިންމައިފައެވެ. އަދި 9 މީހަކަށް ލުއި ދިނުމަށް ނިންމާފައިވާއިރު، ފުލުހުންގެ އެސެސްމަންޓް ނުނިމޭތީ 92 މީހުންނާމެދު އަދި ވަނީ ގޮތެއް ނުނިންމިފައެވެ.
ޕީޖީން ކުރިން ބުނެފައިވާގޮތުގައި، ލުއި ދޭނީ އެ މީހުންގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށެވެ.