މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެކަމަށް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އަޙުމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
އާރްޓީއެލްގެ ޚިދުމަތް ދިނުމަށް ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މިގޮތުން، މި ޖޫން މަހު ރ. އަތޮޅުގައި ޚިދުމަތް ފަށާއިރު، ޖުލައި މަހު ބ. އަތޮޅުގައި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިހާތަނަށް އައިއިރު 9 އަތޮޅެއްގެ 81 ރަށް ފެރީގެ ނިޒާމުން ވަނީ ގުޅައިލާފައެވެ.
މިއީ ކަނޑުމަގުން ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ މަގުތައް ފަހިކޮށްދިނުމަށް ސަރުކާރުން ހިންގަވަން ނިންމަވާފައިވާ މަޝްރޫޢެކެވެ.