މުވައްޒަފުން ވަކިކުރީ މަސައްކަތެއް ނެތިފައި ތިބުމުން: ފެނަކަ

Loading

June 12, 2025
profile
Facebook
Twitter
WhatsApp

ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމަށް ހއ. ހޯރަފުށީގައި ހަދަމުން އަންނަ ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާކަމަށާއި، މުވައްޒަފުުން ވަކިކުރީ ކުރާނެ މަސައްކަތެއް ނެތިފައި ތިބުމުން ކަމަށް، ފެނަކަ ކޯޕަރޭޝަނުން ރޭ ބުނެފިއެވެ.

ފެނަކައިން މިހެން ބުނެފައި މި ވަނީ، ހޯރަފުށީ ބޮޓްލިންގ ޕްލާންޓުގެ މަސައްކަތަށް ނަގާފައިވާ ދާއިމީ މުވައްޒަފުން ވަކިކުރާތީ އެކަން ކުށްވެރިކޮށް، ހޯރަފުށީ ކައުންސިލުން ނޫސްބަޔާނެއް ނެރެފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، އިންޑިއާގެ އެހީއާއެކު، އެ ކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދުގައި 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ހަދާ ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ހުއްޓައިލިކަމަށް ބުނާ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ.

އަދި 2019ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު، މަސައްކަތަށް ކަނޑައެޅި ބިމުގައި ވަށައިގެން އިންފާރެއް ރޭނުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ.

މި މަޝްރޫޢަށް 30 މިލިއަނެއްހާ ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ނިމިފައިއޮތީ މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ކަމަށް ފެނަކައިން ބުނެއެވެ. އެ މަޝްރޫޢަށް ޖުމްލަ 36.7 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދުވެފައިވާއިރު، އެއީ އިންޑިއާ ސަރުކާރުން ދިން 9 މިލިއަން ރުފިޔާގެ އެހީއާއި، ކައުންސިލުން ޚަރަދުކޮށްގައިވާ 2.4 މިލިއަން ރުފިޔާއާއި، ފެނަކައިން ޚަރަދުކޮށްފައިވާ 34.3 މިލިއަން ރުފިޔާ ހިމަނައިގެން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ފެނަކައިން ބުނީ، ކުންފުނީގެ މާލީ ހާލަތަށް ރިޢާޔަތްކޮށް، މަސައްކަތެއް ނެތިފައި ތިބި މުވައްޒަފުންނަށް މުސާރަ ދެމުން ގެންދިއުމަކީ މި ވަގުތު ކުރެވެން އޮތް ކަމަކަށް ނުވާތީ، އެ މުވައްޒަފުން ވަކިކުރިނަމަވެސް، ޕްލާންޓުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދަން ކުންފުނީގެ ބޯޑުން ނިންމާފައިވާކަމަށެވެ.

ބޮޓްލިންގ ޕްލާންޓުގެ މުވައްޒަފުން ވަކިކުރި މައްސަލާގައި ހޯރަފުށީ ކައުންސިލުން ވަނީ ފެނަކައާ ދެކޮޅަށް ދަޢުވާކުރުމަށް ޝަރީޢަތަށް ދިއުމަށް ނިންމައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް