ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދު އައްޔަންކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާމެދު ގޮތެއް ނިންމެވުމަށް މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގެ ހޯމަދުވަހުއެވެ.
މުޙައްމަދު ސަލީމާއި ޢަބްދުﷲ ޙަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމާމެދު ރުހުން ދީފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުދެއްވި މެންބަރުންގެ އިއްތިފާޤުންނެވެ.
7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމްކޯޓުގެ ބެންޗުން ދެ މަޤާމު ހުސްވެފައިވަނީ، ސުލޫކީ މައްސަލައެއްގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
![]()
