އިއްޔެ (ހޯމަ ދުވަސް) އިންޑިއާގެ ކެރެލާ ސްޓޭޓް ކައިރިން ދަތުރުކުރަމުންދިޔަ ސިންގަޕޯރގައި ރެޖިސްޓްރީ ކޮށްފައިވާ ކޮންޓޭނަރ އުފުލާ ބޯޓެއްގައި ރޯވެ އަނދަމުން ދާކަމަށް ޚަބަރު ލިބިއްޖެއެވެ.
މި މަހު 7 ވަނަ ދުވަހު ކޮޅުނބު ބަނދަރުން ފުރައިގެން ބޯޓު ދަތުރުކުރަމުންދިޔައީ މުމްބާއި އަށެވެ. އިންޑިއާގެ ކޯސްޓްގާރޑުގެ ތަރުޖަމާނު ކޮމާންޑަންޓް އަމިތު އުނިޔަލް ވިދާޅުވެފައިވަނީ ސިންގަޕޯރުގައި ރަޖިސްޓަރީ ކޮށްފައިވާ 890 ފޫޓު ދިގު އެމް. ވީ. ވޭން ހައި 503 ގައި ބަރުކޮށްފައިހުރި ކޮންޓޭނަރެއްގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން އަލިފާން ރޯވުމުގެ ސަބަބުން އެ ބޯޓުގައި ތިބި 22 ފަޅުވެރިންގެ ތެރެއިން 18 ފަޅުވެރިން ވަނީ އިންޑިއާގެ ކޯސްޓް ގާރޑުންގެ އެހީގައި ބޯޓު ދޫކޮށް ފައިބާފައި ކަމަށާއި އަނެއް 4 ފަޅުވެރިން އަދިވެސް ނުފެންނަ ކަމަށެވެ. އެކޮންޓޭނަރުގައި ރޯވި އަލިފާން މިހާރު އެހެން ހިސާބުތަކަށްވެސްވަނީ ފެތުރިފައެވެ. އަދި ބޯޓުން ސަލާމަތް ކުރެވުނު ފަޅުވެރިއަކު ވަނީ ވަރަށް ބޮޑަށް ޒަޚަމް ވެފައިކަމަށާއި ހާލު ވަރަށް ސީރިއަސް ކަމަށްވެސް ކޮމާންޑަންޓް އަމިތު އުނިޔަލް ވިދާޅުވިއެވެ. މިހާތަނަށް ފެނިފައިނުވާ 4 ފަޅުވެރިންގެ ތެރެއިން 2 މީހުންނަކީ ތައިވާނުގެ ރައްވެހިންނެވެ. އަނެއް ދެ މީހުންގެ ތެރެއިން އެކަކު ނިސްބަތްވަނީ އިންޑޯނޭޝިއާއަށެވެ. އަނެއް މީހާއަކީ މިޔަންމާރުގެ ރައްވެއްސެކެވެ. އިންޑިއާގެ ނޭވީންނާއި ކޯސްޓް ގާރޑުން ގެންދަނީ އެ 4 މީހުންފެނޭތޯ ކަނޑާއި އަދި ވައިގެ މަގުން ބަލަމުންނެވެ. ބޯޓު މިހާރު ކެރެލާ ސްޓޭޓުގެ ބޭޕޫރުން 88 މޭލު ދުރުގައި އޮޔާދަނީ ކަމަށްވެސް ޚަބަރުގައި ބުނެފައި ވެއެވެ. ފަޅުވެރިން ސަލާމަތްކުރުމާއި ތިވެއްޓަށް ލިބިދާނެގެއްލުން ކުޑަކުރުމަކީ އިންޑިއާ ކޯސްޓް ގާރޑުންގެ ފުރަތަމަ މަސްއޫލިއްތެވެ. ބޯޓުގައި ހުރެދާނެ މުދަލެއްގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުން ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި މިވަގުތު ކޯސްޓް ގާރޑުން މިގެންދަނީ ބޯޓުގައި ހުރި މުދަލުގެ ބާވަތްތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ކޮންޓެއިނަރ ގޮވަން ދިމާވި ސަބަބު އަދި ނުހޯދޭ ކަމަށް އިންޑިއާ ކޯސްޓްގާރޑުން މައުލޫމާތު ދީފައި ވެއެވެ. ހަމައެއާއެކު ބޯޓުގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތްވެއް ކުރިއަށް ގެންދާ ކަމަށް ކޯސްޓުގާރޑުން މައުލޫމާތު ދީފައި ވެއެވެ.
އެމް. ވީ. ވޭން ހައި 503 އިން ފޮނުވި ޑިސްޓްރެސް މެސެޖް އިންޑިއާ ކޯސްޓްގާރޑަށް ލިބުނީ ހޯމަ ދުވަހު ހެނދުއެވެ. ސިންގަޕޯރުގެ ކަމާބެހޭ އިދާރާއިން ބުނެފައިވަނީ އެއީ ސިންގަޕޯރުގެ ވޭން ހައި ލައިންސްގެ ބޯޓެއް ކަމަށެވެ.
ދުނިޔޭގެ އެންމެ ބިޔަ ކޮންޓޭނަރ އުފުލާ ބޯޓު މިދިޔަ ހަފުތާގެ ތެރޭގައި ކެރެލާގެ ވިޅިންޖަމް ބަނދަރުން ޖާގަ ނުލިބިގެން ބޭރު ކަނޑުގައި ދުއްވާލަ ދުއްވާ އޮންނަން ޖެހުނު ޚަބަރެއް މީޑިއާގައި ވަނީ އާންމެ ވެފައެވެ، އަދި އާންމުކޮށް ކެރެލާގެ ވިޅިންޖަމް ބަނދަރުން ކޮޗިންއަށް ދަތުރު ކުރާ ކޮންޓޭނަރ ބޯޓު އެމް އެސް ސީ އެލްސާ-3 ވަނީ މިހުސްވި މަހު ކެރެލާ ސްޓޭޓްގެ ގޮނޑުދޮށުން ފެށިގެން 38 މޭލު ބޭރަށް ފެތިފައެވެ. މިހާދިސާތަކާ ގުޅިގެން އެ ބޯޓުތަކުން އުފުލަމުން ގެންދިޔަ ކޮންޓޭނަރުތަކުގައި ނުރައްކާތެރި މުދާ ހުރެދާނެކަމަށް ބަލައި އެ ސަރަހައްދުގެ މަސްވެރިން އެ ސަރަހައްދުތަކާ ކައިރިއަށް ނުދިއުމަށް ކެރެލާ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.