އިޒްރޭލުގެ ނިއުކްލިއަރ ޕްރޮގްރާމާބެހޭ ގިނަ ސިއްރުތަކެއް ލިބިފައިވާކަމަށް އީރާނުން ބުނެފިއެވެ. ކެބިނެޓް ބައްދަލުވުމަކަށްފަހު އީރާންގެ ދައުލަތުގެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން އީރާންގެ އިންޓެލިޖެންސް މިނިސްޓަރ އިސްމާއިލް ޚަތީބް ވިދާޅުވީ އިޒްރޭލުގެ ނިއުކްލިއަރ ޕްރޮގްރާމާބެހޭ ވަރަށް މުހިންމު ސްޓްރެޓީޖިކް އޮޕަރޭޝަނަލް ،އަދި ސައިންޓިފިކް އިންޓެލިޖަންސް ޑޮކިއުމަންޓް ތަކެއް ލިބިފައިވާކަމަށެވެ.
މިކަމާބެހޭ އެއްވެސް ހެއްކެއް ނުދައްކަވާ މިނިސްޓަރު ވިދާޅުވީ މިކަން ފަހިވެފައިވަނީ ﷲގެ މަދަދާއެކުގައި ކަމަށެވެ.
އިތުރަށް މިނިސްޓަރ ޚަތީބް ވިދާޅުވީ އިޒްރޭލުގެ އިތުރުން ޔޫރަޕް އެމެރިކާ އަދި އެހެން ބައެއް ގައުމުތަކާބެހޭ އެތައްހާސް ޑޮކިއުމަންޓް ވެސް އީރާނަށް ލިބިފައިވާކަމުގައެވެ. މިނިސްޓަރު ވިދާޅުވީ މި މައުލޫމާތުތައް ލިބިފައިވަނީ ”އިންފިލްޓްރޭޝަން“ ބޭނުން ކޮށްގެން ކަމަށާ އަދި ބައެއް މަސްދަރު ތަކަށް ”އެކްސެސް“ ވެގެން ކަމުގައެވެ.
އާދީއްތަ ދުވަހު މިނިސްޓަރ ވިދާޅުވީ އަލަށް ލިބުނު މައުލޫމާތުތައް ދާދި އަވަހަށް ހާމަ ކުރައްވާނެ ކަމުގައެވެ.
ސައިބަރ ކްރައިމް ހިންގެވި ކަމަށް ތުހުމަތު ކޮށް 2022ވަނަ އަހަރު އެމެރިކާއިން ވަނީ މިނިސްޓަރ ޚަތީބާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
އީރާނުން މިހެން ބުނެފައި މިވަނީ އެގައުމުން ކުރިޔަށް ގެންދާ ނިއުކްލިއަރ އަދި އެޓޮމިކް މަސައްކަތްތަކާބެހޭގޮތުން އެގައުމާ ދެކޮޅަށް ޑިޕްލޮމެޓިކް ޕްރެޝަރު އިތުރު ކުރަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ.
2018 ވަނަ އަހަރު އިޒްރޭލުން އީރާންގެ ނިއުކްލިއަރ ޕްރޮގްރާމާބެހޭ ބައި ޓަނެއްހާ ޑޮކިއުމަންޓް ވަގަށް ސްމަގްލް ކޮށްފައި ވެއެވެ.