މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބޭއްވުމަށް ޢާއިލާއިން ނިންމައިފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ޢާއިލާއިން މިގޮތަށް ނިންމާފައިވަނީ ރާއްޖެ ގެންނަނަމަ ޕޯސްޓްމޯޓަމް ހަދަންޖެހޭތީއެވެ.
ޝައިޚް ފަރީދު މެލޭޝިއާއަށް ވަޑައިގެން އުޅުއްވަނިކޮށް އެއާޕޯޓުތެރެއަށް ވެއްޓިވަޑައިގަތުމުން އަވަސް ފަރުވާ ދީފައިވެއެވެ. ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ޝައިޚް ވަނީ އަވަހާރަވެފައެވެ.
ޝައިޚް ފަރީދަކީ ދިވެހިންގެ މެދުގައި ފަހަކަށްއައިސް އުފެދުނު އެންމެ ނުފޫޒުގަދަ އެއް ދީނީ ޢިލްމުވެރިޔާއެވެ. އަދި އެހާމެ ރީތިކޮށް ޤުރުއާން ކިޔަވާވިދާޅުވާ ޤާރީއެއްމެއެވެ.
ދީނީ އެކި ދަރުސްތައް ދެއްވުމާއި ދީނާ ގުޅުންހުރި އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އުޅުއްވި ބޭފުޅެކެވެ. ނިކަމެތިންނަށް އެހީވުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެއް ކަމަށްވާ ”ޚިދުމަތް“ ޖަމްޢިއްޔާގެ އެއް މުއައްސިސު މެއެވެ.
މާތްﷲ ޝައިޚް ފަރީދުގެ ހެޔޮ ޢަމަލުތައް ގަބޫލުކުރައްވައި، އެ ފުރާނައަށް ފުއްސެވުމާއި ރުއްސެވުން މިންވަރުކުރައްވާށިއެވެ! އާމީން!