ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން މުޖުތަމަޢަށް ބޭނުންތެރި ޒިންމާދާރު ބަޔަކަށް ހެއްދެވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.
ދައުލަތުގެ ބެލުމުގެދަށުގައި 160އެއްހާ ކުދިން މިހާރުވެސް ތިބިއިރު، އެކުދިންނަކީ މުޖްތަމަޢު ބަލައިގަންނާނެ ޚިދުމަތްތެރި ބަޔަކަށް ހެއްދެވުމަށްޓަކައި ބޭނުންވާ ތަމްރީނާއި ހުނަރުތައް ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން، އެއިން ކޮންމެ ކުއްޖެއްގެ އުމުރުން 14 އަހަރު ފުރުމުން، އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ހުނަރާއި ތަމްރީނު ފޯރުކޮށްދެއްވުމުގެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
އަދި އެފަދަ ހުނަރުތަކާއި ތަމްރީނު ދެވޭނެ ފަރާތްތަކާ ގުޅިގެން، އެ ކުދިންގެ އުމުރުން 18 އަހަރު ވާއިރަށް އެ ދާއިރާއަކުން ތަމްރީނުވެ، އެކަމުގެ ލިޔުން ލިބޭނެގޮތް ހަމަޖައްސަވަމުން ގެންދަވާކަމަށްވެސް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.