ޒުވާނާގެ އިންޓަރވިއު

Loading

Facebook
Twitter
WhatsApp

ޒުވާން ފިރިހެން ކުއްޖަކު އޭނާގެ ފުރަތަމަ ވަޒީފާ އަށް ވަނުމަށްޓަކައި އިންޓަރވިއުއަށް ދިޔައެވެ. އިންޓަރވިއު އަށް ދިޔައިރުވެސް އޭނާ ހުރީ އޭނާގެ މައިންބަފައިން ދެކެ ހިތްހަމަ ނުޖެހި ރުޅި އަންނަ ގޮތް ވެފައެވެ. އެތެރެޔަށް ވަންނަން ގޮވާލަންދެން އިންއިރުވެސް އޭނަ ހިތަށް އަރަމުން ދިޔައީ މަންމަ މެން އަބަދު އޭނަޔަށް ކަންކަމަށް އަމުރު ކުރަމުން ދާގޮތެވެ. ”އެނދު ތަންމަތިއަޅާ!، ބޮކިތައް ނިއްވާލާ!، ދޮރު ރަނގަޅަށް ލައްޕާ!!، އެއްޗެތި ތަރުތީބުން ބަހައްޓާ!!“ މިފަދަ އަޑުތައް އަހާކަށް އޭނާ ބޭނުމެއް ނުވެއެވެ.އަދި ބޭނުންވަނީ އަވަހަށް އަމިއްލަ ތަނެއް ހޯދައިގެން ގެއިން ދިއުމަށެވެ.


އެތެރެޔަށް ވަނުމަށް ގޮވާލަންދެން މަޑުކޮށްގެން އިން އިރު އޭނާޔަށް ކަމެއް ފާހަގަ ވިއެވެ. އޭރު ހެނދުނު ވެގެން 10ޖަހަން ދާއިރުވެސް އެއޮފީހުގެ ވެރެންޑާ ގެ ބޮކިތައް ހުރީ ދިއްލާފައެވެ.އޭނާގެ ކަންފަތުގަ ޖެހުނީ ބައްޕަ ބުނާއަޑެވެ. ”ކަރަންޓް ބޭކާރު ނުކުރައްޗެވެ.“ އިތުރަށް ވިސްނާލުމަކާނުލާ ތެދުވެގެން ގޮސް ބޮކިތައް ނިއްވާލިއެވެ. އެނބުރި އައިސް އިށީން ތަނާ ތިކިތަޅަމުންދާ އިސްކުރެއް އޭނާޔަށް ފެނުނެވެ. މިފަހަރު އިވުނީ މަންމަގެ އަޑެވެ.“މައްސަލަ ތައް ބޮޑުވެ، ފުލާވެގެން ނުދަނީސް އަވަހަށް އެމައްސަލަޔަކަށް ހައްލު ހޯދާށެވެ“. އޭނާ ތެދުވެގެން ގޮސް އިސްކުރު ބާރު ކޮށްލިއެވެ. ދެން އައިސް ހަމަ އިށީން ތަނާ މަގު ބަންދުވާ ގޮތަށް ގޮނޑިއެއް ހުއްޓާފެނިގެން ގޮސް ގޮނޑި އެއްކައިރިޔަށް ޖެއްސިއެވެ.
ފަހަރަކު ކެންޑިޑޭޓަކު އެތެރެޔަށް ވަންނަމުން ދިޔަ ނަމަވެސް ކުޑައިރުކޮޅެއްވެސް ނުވެ ނިކުމެގެން ދެއެވެ. ސުވާލުތަކަކަށް ޖަވާބު ދޭހެނެއް ހިއެއް ނުވެއެވެ.މިވާ ގޮތެއް ނޭނގި ކަންބޮޑުވެފައި ޒުވާނާ އިށީދެލައިގެން އިނެވެ.
އެންމެ ފަހުން އޭނާޔަށް ޖެހިއްޖެއެވެ. އެތެރެޔަށް ވަނުމަށްފަހު ފައިލް އެތާތިބި އިސްމީހުން އަތަށް ދިނުމަށްފަހު އިންޓަރވިއުގެ ހަރުކަށި ސުވާލުތަކަށް ތައްޔާރު ވެލިއެވެ. ނަމަވެސް އިންޓަރވިއު ކުރަން އިން މީހާ ފައިލް ހުޅުވާ ބަލާލުމަށްފަހު ސުވާލު ކުރިއެވެ. ”އޮފީހަށް ނިކުމެވޭނީ ކޮން އިރަކުން ހެއްޔެވެ؟“ ޒުވާނާ ވަރަށް ހައިރާން ވިއެވެ. ސުވާލެއް ނުކުރެއެވެ. ފެންވަރެއް ނުބަލައެވެ. އެވަގުތު އިންޓަރވިއު ކުރަން އިން މީހާ ހިނިތުން ވެލާފައި ބުންޏެވެ. “ އިންޓަރވިއު އަށް އައި އެންމެން ބޭރުގަ ތިބި އިރު އަހަރުމެން މިގެންދަނީ ސީސީޓީވީ މެދުވެރިކޮށް ބަލަމުންނެވެ.އެހެންމީހުން އިށީދެގެން ތިބިއިރު ކަލޭ ވަނީ ބުނުމަކާ ނުލާ އޮފީހަށް ފައިދާވާނެ އެތައް ކަމެއް ކޮށްފައެވެ. އަހަރުމެން ހޯދަން ބޭނުންވެގެން މިއުޅެނީ މިފަދަ ސިފަތައް ހުރި މީހެކެވެ.އާއެކެވެ. ފެންވަރު ހުރުން މުހިންމެވެ.ހަމައެޔާއެކުއެކީ ރަގަޅު އާދަކާދަތަކެއް އަށަގަނެފައި ހުރުމަކީ މަސައްކަތުގެ މާހައުލުގައި އަދި ހަމައެފަދައިން އަމިއްލަ ދިރިއުޅުމުގައިވެސް ފައިދާކުރާނެ ކަމެކެވެ.“
ޒުވާނާ ވަރަށް އުފަލުން ހުރެ އޮފީހުން ނިކުމެގެން ދިޔައެވެ. ގެޔަށް ދެވުމާއި އެކު މަންމައާއި ބައްޕަ ކައިރިޔަށް ގޮސް އެމީހުންގެ ގައިގައިގައި ބާރަށް ބައްދާލިއެވެ. އަދި އެމީހުންނަށް ޝުކުރު އަދާކުރިއެވެ. ހާޔާތުގައި ފުރަތަމަ ފަހަރަށް އޭނާޔަށް ކަމެއް ވިސްނުނެވެ. މަންމައާއި ބައްޕަ ކަންކަން ހަނދާން ކޮށްދެނީ އޭނާއަށް އަގުހުރި ފިލާވަޅު ތަކެއް ދަސްކޮށް ދިނުމަށް ކަމެވެ.
މިވާހައިން ދަސްވާ ފިލާވަޅަކީ ތިމާ ކާމިޔާބު މީހަކަށް ވަނީ ހަމަ އެކަނި ޑިގްރީ ތަކެއް އޮވެގެން ނުވަތަ ހުނަރުވެރިމީހަކަށް ވެގެން ނޫންކަމެވެ.ރަގަޅު އާދަކާދަ ތަކާއި ރަގަޅު އަޚުލާގު އަދި ޒިންމާ ނަގަން ކެރުން، މިއީވެސް އަހަރުން މިއީ ކޮންކަހަލަ ބައެއްކަން ކަނޑައަޅާ ކަންކަމެވެ.އަދި މިކަންކަމުގެ ސަބަބުން ވަރަށް ގިނަ ފަހަރު ރަގަޅު ފުރުސަތުތައް ހުޅުވިގެން ދެއެވެ.
މިއަދު މައިން ބަފައިން ގެ މަގުދެއްކުން އެއީ އެއްޗެތި ކިޔަނީ ކަމަށް ހީވެދާނެއެވެ.ނަމަވެސް އެއީ ތިބާގެ މުސްތަގްބަލް ބަދަލުކޮށްލާނެ ބުއްދިވެރި ނަސޭހަތަކަށް ވެސް ވެދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް