ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ ނުރައްކާތެރި މެނިންގޯކޮކަލް ބަލި ރާއްޖޭން ފެނިއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.
އެޗްޕީއޭން ބުނީ ހަލުވިކަމާއެކު ފެތުރޭ މި ބަލީގެ ކޭސްއެއް ފެނުމާގުޅިގެން ކަމާބެހޭ މަޢުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގ ހަދައި، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
މި ބައްޔަކީ ބެކްޓީރިއާއަކުން ޖެހޭ ސީރިއަސް ބައްޔެއް ކަމަށާއި، ރާއްޖޭން ފެނިފައިވާ މި ބަލީގެ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖޭން ބޭރުން ބަލި ޖެހިފައިވާ ފަރާތްތައް ކަމަށް އެޗްޕީއޭން ބުނެއެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި:
ހުން އައުން
ހަމުގައި ރަތް ބިހިތަކެއް ނެގުން
ބޮލުގައި ރިއްސުން
އަދި ބަލީގައި ބޮޑުވަރުވުމުން: ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) ހިމެނެއެވެ.
އެޗްޕީއޭން ބުނީ، މެނިންގޯކޮކަލްއަކީ ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ ބައްޔެއް ކަމަށާއި، ބަލި ޖެހިފައިވާ މީހާއާއެކު ގިނަވަގުތު ގާތްކޮށް އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާ 10 ދުވަހާ ދެމެދު ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.
One Response
އެޗްޕީއޭ އިން ކުރާ ކަމަކީ ހަމައެކަނި މިކަން ކަމެވެ. އެ މީހުންގެ ކަމަކީ ޓްވީޓް ކުރުމާއި، ނޫސް ބަޔާން ނެރުމެވެ.