އަޅުގަނޑުމެންގެ ކިއުންތެރިންނަށް މިގެނެސްދެނީ އެމެރިކާ މަޝްހޫރު ޕޮލިޓިކަލް ވެބްސައިޓުގެ އޮޕީނިއަން ކޮންޓްރިބިއުޓަރ ޔުއާން ވިލިއަމްގެ އާރޓިކަލްއެކެވެ. ބުނެވޭގޮތުގައި ދަ ހިލް އަކީ އެމެރިކާގެ ސިޔާސީ ބޭފުޅުންގެ މެދުގައި އެންމެ މަގްބޫލު ވެބްސަޓެވެ.
މި ލިއުމުގައި ސަންދާނުގެ އެއްވެސް އޮޕީނިއަނެއް ވިސްނުމެއް އަދި ޚިޔާލެއް ވިޔަސް ހިމަނާފައެއް ނުވާނެއެވެ. އެހެންނަމަވެސް ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންވެސް ނުފުދިގެން އުޅޭއިރު އަޅުގަނޑުމެންގެ ހާލު ހުންނާނެ ގޮތާ ދޭތެރޭ ސަންދާނު ކިއުންތެރިން ވިސްނާލުން ރަނގަޅުކަމަށް ދަންނަވާލާނަމެވެ.
އެއީ މީގެ 49 އަހަރުކުރީގެ ފިލްމެކެވެ. އެފް ބީ އައި ގެ އޭޖެންޓް “ ޑީޕް ތުރޯޓުގެ ރޯލް ކުޅެފައިވަނީ ހަލް ބްރޫކް އެވެ. ފިލްމަކީ ވޯޝިންގްޓަން ޕޯސްޓުގެ ޒުވާން ބޮބް ވޫޑްވާރޑްގެ ރޯލް ކުޅެފައިވާ ރޮބާރޓްރެޑްފޯރޑް އަށް ދީފައިވާ މަޝްވަރާގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމް “ އޯލް ދަ ޕްރެޒިޑެންޓ’ސް މެން “ އެވެ. އެ ފިލްމުގައި އެ މަޝްވަރާ ވެގެންދިޔައީ ރަނުގެ އަގުހުރި މަޝްވަރާއަކަށެވެ. އަދި މިހާރު ރައީސް ޓްރަމްޕްގެ ރިޔާސީ ދެވަނަ ދައުރުގައި ހިނގަމުންދާ ކޮރަޕްޝަން ބަލާމީހަކަށްވެސް އެއީ ހަމަ ރަނުގެ މަޝްވަރާއަކަށް ވާނެއެވެ. ދައްކަން މިއުޅެނީ އެ ފިލްމުގެ ވާހަކައެއް ނޫނެވެ. މިހާރުގެ ދިރިހުރި ވާހަކައެވެ.
މިހާރު ފެންނަ މަންޒަރުތަކުގެ ރައީސްގެ ވަށައިގެން ފައިސާގެ ބޯ ވާރޭ ވެހެމުންދާތަނާއި އަދި ބޭރު ގައުމަކުން ހަދިޔާއަކަށް ލިބޭ ލަގަޒަރީ އެއާރކްރާފްޓް ބަލަންބޭނުން މީހަކަށް ނުފެނިއެއް ނުދާނެއެވެ. ފައިސާ ބައްކުރުން އިންތިހާއަށް ގޮސްފައިވާއިރު ޓްރަމްޕް އަށް ފާޑުކިޔާމީހުންގެ ލައުނަތާ ކުރިމަތިލާންޖެހޭ ހިސާބަށް ހިނގައްޖެއެވެ. އާންމު ގޮތެއްގައި ސަރުކާރުގެ ކޮރަޕްޝަނަށް ފާޑުކިއުއްވާ ކޮންގްރެސްގެ މެމްބަރުންވެސް ތިބީ ބުނާނެ އެއްޗެއް ނޭގި ދޫބަންދުވެފާ ކަހަލަ ގޮތަކަށެވެ، ފައިސާއެއްކުރުމުގެ މި ހަރަކާތުގައި ފާއިތުވެގެން މިދާ ހައެއްކަ މަސް ދުވަހު ޓްރަމްޕްގެ ޖުމުލަ ނެޓްވާރތުގެ ތެރެއަށް %40 އިތުރު ވެފައިވާ ކަމަށްވެއެވެ.
ނިއު ޔޯރކް ޓައިމްސްގެ ރިޕޯރޓަރ ޕީޓަރ ބޭކަރ މިދިޔަ ހަފުތާގައި އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވެއެވެ. މީގެ ކުރީގައި ވައީޓް ހައުސްގައި ދިރިއުޅުއްވި އެއްވެސް އިއްޒަތްތެރިއަކު ފައިސާ ޖަމާކުރަން ވައިޓް ހައުސް ބޭނުން ނުކުރައްވާވަރަށް ޓްރަމްޕްއާއި އެމަނިކުފާނުގެ އާއިލާއިން ގެންދަނީ އެއީ އާދައިގެ ކަމެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ. މީގެ ކުރިން އެއީ ބޮޑެތި ގާނޫނީ މައްސަލަތަކަށް ހުޅުވިގެންދާނެ މުއާމަލާތްތަކެކެވެ.
އެމެރިކާގެ ސިޔާސީ މަސްރަހްގައިވެސް ބަދުނާމީއާއި ފަޒީހަތަށް ހުޅުވިގެންދިޔަ ހާދިސާތައް ހިމެނެއެވެ. އޭގެ ތެރޭގައި ރައީސް ނިކްސަންގެ ވޯޓަރގޭޓް މައްސަލައާއި ހިލަރީ ކްލިންޓަންގެ ގެރި ބަކަރީގެ ވިޔަފާރިއާއި އަދި ރައީސް އައިޒެންހާވަރގެ ޗީފް އޮފް ސްޓާޕްގެ ކޯޓު ގެ މައްސަލަ ހިމެނެއެވެ. އެކަމަކު އެއިން ކޮންމެ ކަމަކީވެސް މިހާރު ހިނގަމުންދާ މުއާމަލާތުތަކާއި އަޅާކިޔާއިރު ސުމެއްގެ ކަންތަކެވެ. ޓްރަމްޕް ގެ ސެލްފް-ސަރވިސް ޚިދުމަތުގައި މިހާރު އެ އުޅުއްވަނީ އެމެރިކާގެ ތާރީޚަށްވުރެން މާކުރީގައެވެ. ރިޗަރޑް ނިކްސަން ކުށް ގަބޫލު ކުރައްވައި ރިޔާސަތުން ދުރަށް ވަޑައިގަތީއެވެ. އެ މަނިކުފާނަކީ އުސޫލުތަކާ ޚިލާފަށް ބާރުގެ ބޭނުން ކުރައްވާނެ ބޭފުޅެއް ނޫންކަން އެމެރިކާގެ ރައްޔިތުންނަށް ނަމޫނާއާއި މިސާލު ދައްކަވާފައެވެ. ޓްރަމްޕް ގެ ތަފާތަކީ އެބޭފުޅާ ކޮންމެހެން ނޫންކަމަށް ހެދޭކަށް ބޭނުންފުޅެއް ނުވެއެވެ. ނިކްސަންގެ ރިޔާސަތުގައި އެމެރިކާގެ އިގްތިސާދު އޮތީ ވަރަށް ބޮޑަށް ހަމަޖެހިފައެވެ. މިހާރު އާންމުންގެ އަނގާޔާ އަތަކާ ދިމާލެއް ނުވެއެވެ. މޯގޭޖް ރޭޓްތައް %7 އުފުލިއްޖެއެވެ. އެންމެ މުއްސަނި ގައުމު އެމެރިކާގެ ދަރަނި ނުދެއްކި އިތުރުވަމުން ދިއުމާއެކު ގްލޯބަލް އިންވެސްޓަރުންނަށް އެމެރިކާއަކީ އިންވެސްޓް ކުރަން ނުރައްކާ ތަނަކަށް ވެއްޖެއެވެ. ފެޑެރަލް ދަރަނި އިތުރުވަމުން ދިއުމާ ގުޅިގެން މުސްކުޅި އުމުރަށް ނުވަތަ ރިޓަޔަރމެންޓް ގެ އުސޫލުތަކަށް ގެނެވޭ ބަދަލުތައް ކިޔާލުމުން މުސްކުޅިވެދާނެ ކަމަށްޓަކައިވެސް ބިރުން ތުރުތުރު އަޅާގަނެއެވެ. އަދި މިހާރު ސެނޭޓުގައި ބަހުސްކުރެވެމުންދާ ބިއުޓިފުލް ބިލެއްގެ ސަބަބުން ގައުމު އިތުރަށް ދަރަނިވެރިވެގެންދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.
އެމެރިކާގައި ރީޓެއިލްކޮށް މުދާ ވިއްކާ ފަރާތްތަކަށް ލިބޭ ފައިދާގެ މާރޖިން ވަރަށް ކުޑަކަމުގައި އެނަލިސްޓުން ބުނެފައިވެއެވެ. މިހާލަތުގައި ޓްރަމްޕް ވިދާޅުވަނީ ޓެރިފްގައި ހިމެނޭ ތެލުގެ އަގު ވޯލްމާރޓްގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނުމަށެވެ. މިހެން ހެދުމުން މިހާރުވެސް ރީޓެއިލް ވިޔަފާރީގައި ލިބޭ ކުޑަފައިދާގެ މާރޖިން އަދިވެސްދާނީ ކުޑަވެގެންނެވެ.
ޓްރަމްޕްގެ ޓެރިފަކީ ގާނޫނާ ޚިލާފް ނިންމުމެއްކަމަށް މިދިޔަ ހަފުތާގައި އެމެރިކާގެ ކޯޓް އޮފް އިންޓަރނޭޝަނަލް ޓްރޭޑް އިން ވަނީ ހުކުމް ކޮށްފައެވެ. މީގެ ސަބަބުންވެސް މާރކެޓް އޮތީ މިހާރު ވާނުވާނޭގޭ ސިއްކަ ޖަހާފައެވެ.
ކޮންގްރެސްގައި ތިއްބަވާ ރިޕަބްލިކަން ކޮންޒަރވޭޓިވް ބޭފުޅުން ވިޔަފާރީގައި ފައިދާ ނަގަންޖެހޭނެ މިންވަރާ ބެހޭގޮތުން ފެޑެރަލް ސަރުކާރުން ގޮތްކިޔައި އޭގެ ތެރެއަށް އަތްބޭނުމަށް ނުރުހުން ފާޅުކޮށް ހެދި ދުވަސް އަދި މާ ފަހަތަކަށް ނުދެއެވެ. އެކަމަކު މިއަދު މިފެންނަނީ ހަމަ އެ މެމްބަރުން ޓްރަމްޕްގެ ސޯޝަލް މީޑިއާގެ ބިރަށް ދޫ ހަފާލަ ހަފާލަ ތިބޭތަނެވެ.
ޓްރަމްޕް ގެ ފުރަތަމަ ދައުރުގައި ޓެކްސް ދަށްކޮށް އިތުރު ވަޒީފާތައް އުފެއްދުމާއި މަސައްކަތުމީހުންނަށް މުސާރައިގެ ކުރިއެރުން ލިބިދޭނެކަމަށް ވައުދުވަމުން ގެންދެވތަން އޮތީ ފެނިފައެވެ. އޭގެ ނަތީޖާއަކަށްވީ ގައުމު އިތުރު 1.9 ޓްރިލިއަން ޑޮލަރުން ދަރަނިވެރި ވުމާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނާއި އިންވެސްޓަރުންގެ ޖީބުތައް ތަނަވަސް ވެގެންދިއުމެވެ. މަސައްކަތު މީހުންނަށް ލިބު އެއްޗެއް ނެތެވެ.
މިއަހަރު ފަހުކޮޅުގައި ވަރޖީނިއާއާއި ނިއު ޖަރސީގައި އޮންނަ ގުބަރނެޓޯރިއަލް ( އެމެރިކާގެ ސްޓޭޓްތަކުގައި ގަވަރނަރުން އިންތިޚާބު ކުރުން ) އިންތިޚާބާއި އަދި ކޮންގްރެޝަނަލް މިޑްޓާމް އިންތިޚާބުގައި އާންމު ރައްޔިތުން ކިހާވަރަކަށް ވިސްނާނެތޯ ސުވާލުތަކެއް އުފެދެއެވެ. އާންމު ރައްޔިތުން ބޭނުންވާނީ ޓްރަމްޕްގެ އާއިލާއާއި އެމަނިކުފާނުގެ ވިޔަފާރި ބައިވެރިންގެ ޖީބުތައް ފުރިގެން ބަންޑުންދާތަން އިތުރަށް ދެކެން ހެއްޔެވެ ؟ ނުވަތަ ދުނިޔޭގެ އެންމެ މުއްސަނދި މީހާ އިލޯން މަސްކް އަށް އެމެރިކާގެ ބޮޑެތި ހުރިހާ ވިޔަފާރިވެރިންގެ މާލީ ހާލަތު ހުރި ނެތްގޮތް ދެނެގަނެވޭނެ ވަސީލަތްތައް ލިބުމުން ޓްރަމްޕް ދޫކޮށް ދިޔައީ ކީއްވެގެންތޯ ބަލަން ހެއްޔެވެ ؟ މިހާރުވެސް ޖާރނަލިސްޓުންނާއި އަދި ސެނޭޓަރުން ވަނީ އޭގެ ސަބަބުން އިލޯން މަސްކް ގެ ވިޔަފާރި ފުޅާކުރަން ބޭނުންވާ ހުރިހާ މައުލޫމާތެއް ވަގުތުން ވަގުތަށް އޭނާއަށް ލިބުމުން އޭނާގެ ވިޔަފާރި ފުޅާކޮށް އަދި އެހެން މީހުންގެ ވިޔަފާރިއަށް ކުރާނެ ނުރަނގަޅު އަސަރާއި އަދި އޭގެ ސަބަބުން ގައުމަށް މެދުވެރިވެދާނެ ނުރައްކާ ހާމަކޮށްދީފައެވެ.
އަދިވެސް ސަރުކާރުގެ ޚަރަދުތައް މަދުކުރަން އިލޯންމަސްކް ދިން ލަފާގެ ނަތިޖާއަކީ ކޮބައިތޯއާއި އެމެރިކާގެ ތާރީޚުގައި މިހާތަނަށް އައްޔަން ކުރެވުން އެންމެ ގިނަ މުއްސަނދިން ހިމެނެނީ ޓްރަމްޕްގެ ވަޒީރުންގެ މަޖިލީހުގައިކަން އާންމު ރައްޔިތުން ވޯޓު ދިނުމުގައި ވިސްނާނެތޯ ވެސް ސުވާލު އުފެދެއެވެ.
ޓްރަމްޕްގެ އަރިސް ބޭފުޅުންގެ މުއްސަނދިކަން އިތުރުވަމުންދާއިރު އާންމު ރައްޔިތުން ފަގީރުވަމުން ދިއުމުގެ ސަބަބުން މިހާރު މިއޮތީ އެމެރިކާގެ ރައްޔިތުންވެސް ފައިސާ ފައިސާއޭ ގޮވަމުން ފަހަތުން ދުވަން ޖެހިފައެވެ.