ޑެންގީ ހުން ދަނީ ގަދައަށް ފެތުރެމުން

Loading

June 4, 2025
profile
Facebook
Twitter
WhatsApp

ޗިކުންގުންޔާގެ އިތުރުން ޑެންގީ ހުންވެސް ދަނީ ގަދައަށް ފެތުރެމުން ކަމަށް ޑރ. އަޙުމަދު ފައިޞަލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޑރ. ފައިޞަލް ވިދާޅުވީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭވެސް 1 އަހަރުން ދަށުގެ ކުއްޖަކު ޑެންގީ ހުން ޖެހިގެން އެޑްމިޓްކުރަން ޖެހުނުކަމަށެވެ.

މި ހުމުގައި ފުރާނައަށް ނުރައްކާވަނީ ހުން ފިލުމަށްފަހު އަންނަ 24 ގަޑިއިރާ 48 ގަޑިއިރާ ދޭތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ފައިޞަލް ވަނީ ޑެންގީ ހުމުގައި ސަމާލުވާންވީ މުހިންމު ކަންތައްތަކުގެ މައްޗަށް އިރުޝާދު ދެއްވާފައެވެ. މިގޮތުން އެންމެ ސަމާލުކަންދޭންވީ އެއް ކަމަކީ މަދިރި ހެފިޔަނުދިނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ހުން ޖެހިއްޖެނަމަ ގިނަ ވަގުތު އަރާމުކުރުމަށާއި، ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ. ދިޔާތަކެތި ބޭނުންކުރާއިރު ހަމައެކަނި ފެނުގެ ބަދަލުގައި ލޮނު ޕެކެޓް، ކުރުނބާފެން، އަދި ޖޫސް ފަދަ ތަކެތި ބޭނުންކުރުމަށާއި، ކެފޭން ހުންނަ ތަކެތި ބޭނުން ނުކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ހޮޑުލެވޭނަމަ ރަތްކުލައިގައި ހުންނަ ބުއިންތައް ބޭނުން ނުކުރުމަށާއި މައިލޯފަދަ ކުލަގަދަ ބުއިންތައް ބޭނުން ނުކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

މި ހުމަށް ޕެރަސެޓަމޯލް ފިޔަވައި އިތުރު ބޭހެއް ބޭނުން ނުކުރުމަށްވެސް ޑރ. ފައިޞަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ ތިރީގައި ބަޔާންކޮށްފައިވާ ކަމަކުން ކަމެއްގެ ޢަލާމާތެއް ފެނިއްޖެނަމަ އަވަހަށް ދެއްކުމަށްވެސް ޑރ. ފައިޞަލް ވަނީ އިރުޝާދު ދެއްވާފައެވެ.

  • ހުން މަޑުވާއިރު ބަލިހާލު ބޮޑުވުން
  • ހޭވެރިކަން ނެތުން
  • ކުޑަކުދިންނަމަ މާ ގިނައިން ރުއިން
  • ގައިގެ އެއްވެސް ތަނަކުން ލޭ އައުން
  • ބޮޑުކަމުދާ ތަކެތީގައި ރަތްކުލަ ނުވަތަ ކަޅުކުލަ ހުރުން
  • ރަތްކުލައިގެ ބިހި ނެގުން
  • އަތްފައި ފިނިވުން
  • ގަދައަށް ބަނޑުގައި ރިއްސުން
  • މާ ގިނައިން ހޮޑުލެވި، ދިޔާތަކެތި ނުބޮވުން.
  • 6 ގަޑިއިރު ވާއިރު ކުޑަކަމުނުދެވުން

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް