އޭޕްރީލް މަހާ އަޅައިބަލާއިރު މޭ މަހުގެ ކަރަންޓު ބިލު ބޮޑުކަމަށް ދައްކަނީ އޭޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ދީފައިވާތީކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިހެން ބުނެފައިވަނީ މޭ މަހުގެ ބިލު އޭގެ ކުރީގެ ކަރަންޓު ބިލްތަކަށްވުރެ ބޮޑުކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރުމާގުޅިގެން އެކަމުގެ ތަފްސީލު ހިއްސާކޮށް، ކޮށްފައިވާ ޕޯސްޓެއްގައެވެ.
ސްޓެލްކޯއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަރަންޓުގެ ޓެރިފް ރޭޓުތައް އަގުހެޔޮކުރުމަށް އެންގެވުމާ ގުޅިގެން، އެ ރޭޓަށް ހަދާފައިވާ މޭ މަހުގެ ކަރަންޓު ބިލު ބޮޑުކަމަށް ދައްކަނީ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ ކަމަށެވެ. އަދި ޓެރިފް ރޭޓުތަކަށް އައި ބަދަލާއެކު ކަރަންޓު ބިލަށް އައި ބަދަލު ސާފުކޮށް ފެންނާނީ އެންމެފަހުން ގޭބިސީތަކަށް ފޮނުވި ތިން ބިލުގެ ކުރިން ގޭބިސީތަކަށް ފޮނުވާފައިވާ ބިލުތަކާ އަޅައިކިޔުމުން ކަމަށެވެ.
މޭ މަހުގެ ކުރިން ފޮނުވާފައިވާ ތިން ބިލުގެ ތެރޭން ދެ ބިލަކީ ރަމަޟާން މަހު ސަރުކާރުން ދެއްވާފައިވާ ޑިސްކައުންޓް ހިމެނޭ ދެ ބިލެވެ. އަދި އަނެއް ބިލަކީ ކުރު މުއްދަތަކަށް ކޮށްފައިވާ ބިލެކެވެ. އެހެންވެ ޓެރިފުގެ ބަދަލާއެކު ކަރަންޓު ބިލުތަކަށް އައި ފަރަގު ފެންނާނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ބިލު ނުވަތަ މި އަހަރުގެ ޖެނުއަރީ މަހުގެ ބިލާ އަޅައިކިއުމުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކަރަންޓު ބިލުގެ އަގުތަކަށް މިހާރު އައިސްފައިވާ ބަދަލުތަކަކީ:
1-100 އާ ދެމެދުގެ ބޭންޑުތައް 1.50 ރުފިޔާއިން 1.25 ރުފިޔާއަށް
101ން 400 އާ ދެމެދުގެ ބޭންޑުތަކުގެ އަގު 1.50 ރުފިޔާއަށް
401-500ގެ ބޭންޑުތައް 2.95 ރުފިޔާއިން 2.66 ރުފިޔާއަށް
501-600ގެ ބޭންޑުތައް 3.55 ރުފިޔާއިން 3.20 ރުފިޔާއަށް
އަދި
600ން މަތީގެ ހުރިހާ ބޭންޑުތަކުގެ އަގު 4.25 ރުފިޔާއިން 3.83 ރުފިޔާއަށެވެ.