މޫސުން ބަލާ އިތުރު މަރުކަޒެއް ނ. މާފަރުގައި ޤާއިމުކުރަނީ

Loading

June 4, 2025
profile
Facebook
Twitter
WhatsApp

މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ނ. މާފަރުގައި އިތުރު މަރުކަޒެއް ޤާއިމުކުރުމަށް ނިންމައިފިއެވެ.

މިއީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް)އާއި ވޯރލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 4 އަހަރުގެ މުއްދަތަށެވެ.

މި މަޝްރޫޢުގެ ދަށުން، މިހާރު ރާއްޖޭގައި ޤާއިމުކޮށްފައިހުރި މިފަދަ މަރުކަޒުތަކުގައި ބަހައްޓާފައިވާ މޫސުމާބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރާނެއެވެ.

މީގެއިތުރުން، އައްޑޫ ސިޓީ ގަމުގައި ޤާއިމްކުރެވިފައިވާ ވައިގެ މަތީ ފަށަލަތަކުން މޫސުމާބެހޭ މަޢުލޫމާތު އެއްކުރާ ނިޒާމު މަރާމާތުކުރާނެއެވެ. އަދި މޫސުމާބެހޭ ވިއުގަތައް ދެމެހެއްޓުމަށް ބޭނުންވާ ތަކެއްޗާއި ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން މާފަރުގައި ޤާއިމުކުރާ މި މަރުކަޒަކީ ރާއްޖޭގެ އުތުރު ސަރަހައްދުތަކުގެ މޫސުމާބެހޭ މަޢުލޫމާތު އެއްކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަރުކަޒަކަށް ވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

މިހާރު ރާއްޖޭގައި މޫސުން ބަލާ މިފަދަ މަރުކަޒުތައް ޤާއިމުކޮށްފައިވާ ރަށްތަކަކީ؛ ހުޅުލެ، ހދ. ހަނިމާދޫ، ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި އައްޑޫ ސިޓީގެ ގަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް