އިންޑިޔާގެ ބިހާރުގައި ރޭޕް ކުރެވުނު އުމުރުން 10 އަހަރުގެ ކުއްޖަކަށް ފަރުވާލިބުން ލަސްވެ،މަރުވުމާއިގުޅިގެން އަނެއްކާވެސް އާންމުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ކުއްޖާއަކީ އިންޑިޔާގައި އޮންނަ އެންމެ ދަށް ފަންތި،ދަލީތު ކޮމިޔުނިޓީ އަށް ނިސްބަތްވާ ކުއްޖަކަށްވާއިރު، އާއިލާއިންނާއި އިހުތިޖާޖު ކުރާ ފަރާތްތަކުން ބުނާގޮތުގައި އެކުއްޖާޔަށް ފަރުވާދިނުން ލަސް ކުރީ އެއީ ފަގީރު އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށްވާތީއެވެ.ކުއްޖާގެ ބޮޑުބޭބެ ބުނެފައިވަނީ ހޮސްޕިޓަލުން އެނދެއް ނުދީގެން ކުއްޖާ އެމްބިއުލެންސުން ނުބޭލިފަވެސް ހަތަރުގަޑިއިރެއްހާއިރު ބާވަންޖެހުނެވެ. އަދި އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ދުއްވަން ޖައްސާފައި ވާކަމަށް އޭނާ ބުނެފައި ވެއެވެ.
މި ތުހުމަތުތައް ހޮސްޕިޓަލުން ވަނީ ދޮގުކޮށްފައެވެ.
ކުއްޖާ ރޭޕްކޮށްފައިވަނީ މޭމަހުގެ 26 ވަނަ ދުވަހު،ކުއްޖާގެ ބޮޑުދައިތައެއްގެ ގެއާ ކައިރީގައި ދިރިއުޅޭ މީހެއްކަމަށް ވެއެވެ.އެމީހާ މިހާރު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
ކުއްޖާ ގެއާކައިރީގައި ކުޅެން އުޅެނިކޮށް ފުރަތަމަ ގެއްލުނީ ކަމަށްވެއެވެ.އެއަށްފަހު އާއިލާއިން ކުއްޖާހޯދަމުން ދަނިކޮށްފެނިފައިވަނީ ޒަޚަމްތަކާއެކު މަގެއްމައްޗަށް އެއްލާލާފައި އޮއްވައެވެ.ފުލުހުން ބުނި ގޮތުގައި ކުއްޖާގެ މޭމަތީގަ އަދި ކަރުގަ ވަޅިން ކޮށްފައިވާ ޒަޚަމްތަކެއް ވެސްހުއްޓެވެ.
ކުއްޖާގެ ޚަބަރުތައް ވައިރަލް ވެފައިވަނީ އިދިކޮޅު ކޮންގްރެސް ޕާޓީން ކުއްޖާ އެޑްމިޓް ކޮށް ދިނުން އެދި ހޮސްޕިޓަލްގެ ސްޓާފުންނާ ކުރި ޒުވާބެއްގެ ވީޑިއޯ ތައް ވައިރަލް ވުމާއި ގުޅިގެންނެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީ އަދި ބިހާރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ރަސްތުރިޔާ ޖަނަތާ ދާލް އިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ކޮރަޕްޝަނާ ތަފާތުކުރުން ތަކާއެކު،ރިސޯސްތައްނެތި،އޯގާތެރިކަމެއްނެތި ހޮސްޕިޓަލްތަކެކޭ ކިޔައިގެން ބޮޑެތި އިމާރާތްތަކެއް ބެހެއްޓުމުގެ ބޭނުމެއް ކޮންމެހެން ނެތްކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.