އޮސްޓްރޭލިއާއިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެއް ހަދިޔާކުރަނީ

Loading

June 3, 2025
profile
Facebook
Twitter
WhatsApp

އޮސްޓްރޭލިއާއިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެއް ހަދިޔާކުރުމާގުޅޭ ފަހުމުނާމާއެއްގައި އެ ގައުމުގެ ސަރުކާރާއެކު ސޮއިކޮށްފައިވާކަމަށް ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އެ ކަމަށްޓަކައި ޖޫން މަހުގެ 2ވަނަ ދުވަހު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ފަހުމުނާމާގައި އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ދިފާޢީ ވަޒީރު، އޮނަރަބްލް ރިޗަޑް މާލްސްއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ދިފާޢީ ވަޒީރު، އޮނަރަބްލް މުޙައްމަދު ޣައްސާން މައުމޫނެވެ.

މި އުޅަނދާއެކު އޮސްޓްރޭލިއާއިން ރާއްޖެއަށް މަލްޓި ބީމް އިކޯ ސައުންޑަރއެއް ހަދިޔާކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ. މިއީ ހައިޑްރޯގްރަފީ ދިރާސާކުރުމަށްޓަކައި ބޭނުންކުރާ އާލާތެކެވެ. މި ހައިޑްރޯގްރެފިކް އިކުއިޕްމަންޓުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ފަށަލަ މެޕްކުރުމަށް ފަސޭހަވެ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާނެކަމަށް ދިފާޢީ ވުޒާރާއިން ނެރެފައިވާ ޖޮއިންޓް ސްޓޭޓްމަންޓުގައި ހާމަކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޣައްސާން ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސިފައިންގެ ޚިދުމަތަށް މި އުޅަނދު ނެރެވޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. މި އެހީތެރިކަމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ހަރުދަނާ އަދި ދެމެހެއްޓެނިވި ގުޅުމުގެ ހެތްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިއީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޯސްޓްގާޑުގެ ބާރު ދެގުނައަށް އިތުރުކުރެެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ގާބިލުކަން ހަރުދަނާކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވަނީ، އޮސްޓްރޭލިއާ ސަރުކާރުން ދެއްވަން ނިންމަވާފައިވާ މި އެހީއަށްޓަކައި އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

މި ރަސްމިއްޔާތުގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ދިފާޢީ ވަޒީރު ވަނީ، ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގާބިލުކަން އިތުރުކުރުމަށް ރާއްޖެއާ ގުޅިގެން ބައިވެރިވުމަކީ އޮސްޓްރޭލިއާއަށް ލިބޭ ފަޚުރެއް ކަމަށް ވިދާޅުވެފައެވެ.

އަދި އެ ގައުމުގެ ނޭޝަނަލް ޑިފެންސް ސްޓްރެޓެޖީއާ އެއްގޮތްވާގޮތުގެ މަތިން އޮސްޓްރޭލިއާއިން ދަނީ، ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އިރުއުތުރު އިންޑިއާ ކަނޑުގެ އެކި ކަންކޮޅުތަކުގައި ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ދިފާޢީ ދާއިރާއާއި، ސަލާމަތާއި، ސަރަހައްދީ ހަމަޖެހުމުގެ ރޮނގުން ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް