މަކަރުވެރި ކެހިވެރި ރޭވުންތަކުގެ ތެރެއިން ތިމާމެންގެ ހަވާ ނަފްސުގެ އެދުންތަކާއި ޣަރީޒާތައް ފުއްދައިގަތުމަށް އޮތް ނުބައި މަގަކަށް ރުގުޔާކުރުން ހަދައިގެން ނުވާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެެވެ.
”ރުގުޔާކުރުމުގެ ޝަރުއީ ހަމަތައް“ މި މައުޟޫއަށް ޚާއްސަކޮށްގެން މިއަދު އިއްވި ޚުތުބާގައި ބުނީ ސިހުރު ހާހޫރާއި ހަސަދަ އާއި އެސްފީނާގެ ޝިކާރައަކަށް ވެފައިވާ އެތައްބަޔަކަށް ޝަރުއީ ރުގުޔާ އަކީ އެންމެ އެކަށީގެންވާ ފަރުވާ ކަމަށާއި މިފަދަ ބަލިތަކަށް ރުގުޔާއިން ފަރުވާ ހޯދިދާނެކަމަށެވެ.
ޚުތުބާގައި ބުނީ ޝަރުއީގޮތުން ހުއްދަ ވަސީލަތްތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ.
“ ކަމުގެ ސައްޚަ މައުލޫމާތާއި ޝަރުއީ ހަމަތަކަށް ބީރައްޓެހި ބަޔަކު ދުންޔަވީ މަންފާތަކެއް ހާސިލްކުރަން ބޭނުންކުރާ ވަސީލަތަކަށް މިއަދު މިކަން ހަދަންފަށައިފި. ރުގުޔާގެ ނަމުގައި މީސްތަކުންނަށް ކެހިދީ މަކަރުހަދައި އޮޅުވާލަން ފަށައިފި. ރުގުޔާގެ ނަމުގައި ބަލިމީހާއަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްގެން ނުވާނެ“ ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ހަށިގަނޑުން ޖިންނި ނެރުމާއި ސިހުރު ބާތިލް ކުރުމުގެ ބަހަނާގައި މަހްރަމަކާނުލައި އެކަހެރިކޮށް އަންހެނުންނާ ބައްދަލުކޮށް އޭނާގެ ގައިގައި އަތްލުން ހުއްދަވެގެން ނުވާކަމަށެވެ.
“ ރުގުޔާ ކުރުމަށްޓަކައި ގުރުއާންފިޔަވައި އަންހެނާ ގަޔަށް ފުމެލުމަކީ މައްސަލައެއްނޫން. އެހެނަސް އަންހެނަކަށް ނުވަތަ މަހުރަމަކަށް ނުވާ މީހަކަށް އޭނާގެ ހަށިގަނޑުން ބައެއްދެއްކުމަކީ ހުއްދަކަމަމެއްނޫން. އަދި މަހުރަމަކު ފިޔަވައި އަންހެނެއްގެ ގައިގައި ހުރަހަކާނުލައި އަތްލައިގެންނުވާނެ އަދި އޭނާގެ ހިޖާބު ނަގައިގެންނުވާނެ. އެފަދަ ހާލަތުގައި އަންހެނަކު ނުވަތަ މަހުރަމަކު ލައްވައި ރުގުޔާކުރާނީ. ނޫންނަމަ އަންހެނާ އަމިއްލައަށް ރުގުޔާ ކުރާނީ“ ޝައިޚް އަބްދުﷲ ބިން އަބްދުރަހްމާނުލް ޖިބްރީންއާ ހަވާލާދެއްވާ ޙުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ޖިންނީންނާއި ވަލީވެރިންގެ ކިބައިން ކަންކަން ހިންމަވައިދެއްވާތޯ އެދުމަކީ ރުގުޔާތެރޭގައިވާ ކަމެއްނޫންކަމަށެވެ.
”އެގޮތުން ބަލިމީހާ އާއި ބަލިމީހާގެ މަންމަގެ ނަން އޮޅުންފިލުވުމާއި ބަލިމީހާގެ ފުނާ ނުވަތަ އިސްތައްޓެއް ނުވަތަ އަންނައުނު ފަދަ ތަކެތި ހޯދުމަކީ ވެސް ރުގުޔާގެތެރޭގައި ހިމެނޭ ކަމެއްނޫން އެއީ ސިހުރަ ހާހޫރަ ހަދާ މީހުން ކުރާކަމެއް.“ ޚުތުބާގައި ފާހަކުރިއެވެ.
އަދި މީގެ އިތުރުން ފާލުބެލުމާއި އިރުވަރު ބެލުމާއި އަކަ ކުރެހުމާއި ގުރުއާނުގެ އާޔަތްތަކާއި ﷲގެ އިސްމަފުޅުތަކާއި ސިފަ ފުޅުތައް ނުބައިކޮށްލިޔުމާއި ބަލިމީހާގެ ހަށިގަނޑުތެރެއަށް ޖިންނި ޝައިތާނުން ވައްދައި ކަންކަން އޮޅުން ފިލުުމާއި ﷲގެ އިސްމަފުޅުނަންގަތުމެއް ނެތި ޖަނަވާރާއި ދޫނި ފަދަ ތަކެތި ކަތިލަން ބުނުމަކީ ޝަރުއީ ރުގުޔާ އާއި އެއްވެސް ގުޅުމެއް ހުރި ކަމެއްނޫންކަމަށާއި އެގޮތަށް އެކަންކުރުމީ ހަރާމް ކަމެއްކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.
ޖިންނި ޝައިތާނުންނާއި ސިހުރުވެރިންގެ ނުބައިކަމުން ސަލާމަތްވުމަށް ކީރިތި ގުރުއާން ގިނަގިނައި ކިޔަވައި ހެނދުނާއި ހަވީރު ކިއުމަށް ވާރިދުވެފައި ހުރި ދުއާތަކާއި ޒިކުރުތައް ކިޔައި މުސީބާތްތަކުން ދުރުވުމަށް ނަމާދުން ވާގިހޯދައި ﷲއަށް ދުއާ ކުރުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
”ރުގުޔާކުރުމުގެ ޝަރުއީ ހަމަތަކުގެ މަށްޗަށް މިއަދުގެ ޚުތުބާ އިއްވާފައި މިވަނީ ރުގުޔާގެ ނަމުގައި އަންހެނަކާއި އޭނަގެ ތިން ދަރިންނަށް ބޮޑެތި އަނިޔާތަކެއް ކުރި މައްސަލައެއް ފެންމަތިވެގެން އުޅެނިކޮށެވެ. އަދި މިނޫނަސް ރާއްޖޭގައި ރުގުޔާގެ ނަމުގައި މިފަދަ އެހެން މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވެއެވެ.