އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް ސައޫދީގެ އިންޒާރު އީރާނަށް

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއެކު ނިއުކްލިއަރ އެއްބަސްވުމަކަށް އައިސް އިސްރާއީލާއެކު ހަނގުރާމައަކަށް ދިއުމުން އެއްކިބާ ވުމަށް ސައޫދީ އެރޭބިއާގެ ދިފާއީ ވަޒީރުގެ ބްލަންޓް މެސެޖެއް އީރާނުގެ އޮފިޝަލުންނަށް ރައްދު ކުރެއްވި ޚަބަރެއް  އާންމު ވެއްޖެއެވެ. އެ މެސެޖް ރައްދު ކުރެއްވިކަމަށްވަނީ މި ހުސްވި މަހު އެމަނިކުފާނު ތެހެރާނަށް ކުރެއްވި ޒިޔާރަތުގައެވެ. 

                                

ގަލްފް ސަރުކާރުތަކުގެ މައުލޫމާތު އެނގޭ ފަރާތްތަކުންނާއި އަދި އީރާނުގެ 2 އޮފިޝަލަކަށް ހަވާލާ ދީ މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ޖެހިލުންވެ ވަޑައިގަންނަވާތީ ސައޫދީ އެރޭބިއާގެ ރަސްގެފާނު ސަލްމާނު ބިން އަބްދުލް އަޒީޒު ގެ އިންޒާރާއެކު އެ ރަސްގެފާނުގެ ފިރިހެން ދަރިކަލުން ޕްރިންސް ޚާލިދު ބިން ސަލްމާން އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއީ އަރިހަށް ފޮނުއްވެވީ ކަމަށް ވެއެވެ. ސައޫދީގެ މެސެޖް ރައްދު ކުރެއްވި ކްލޯސްޑް ޑޯރ ބައްދަލުކުރެއްވުމުގެ ވަގުތު އެތަނުގައި ތިއްބެވީ އީރާނުގެ ރައީސް މަސްއޫދު ޕެޒެސްކިއާން އާއި ސިފައިންގެ ވެރިޔާ މުހަންމަދު ބާޣެރީ އަދި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ކަމަށް ޚަބަރުގައި ބުނެފައިވެއެވެ. ޕްރިންސް ޚާލިދުގެ ދަތުރުފުޅު މީޑިއާއިން ކަވަރ ކުރިނަމަވެސް ރަސްގެފާނުގެ ސިއްރު މެސެޖާބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. ރައީސް ޓްރަމްޕްގެ ފުރަތަމަ ރިޔާސަތުގައި ޕްރިންސް ޚާލިދު ހުންނެވީ ސައޫދީ އެރޭބިއާއިން އެމެރިކާއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައެވެ. ނިއުކްލިއަރ މަޝްރޫއާ ބެހޭ މަޝްވަރާތަކުގައި އެމެރިކާގެ ކެތްތެރިކަން ވަރަށް ކުޑަވާނެ ކަމަށެވެސް ޕްރިންސް ޚާލިދު އިންޒާރު ދެއްވިކަމަށް ވެއެވެ. އަދި ސިޔާސީގޮތުން މައްސަލަ ހައްލުކުރުމަށްޓަކައި މިހާރު ހުޅުވާފައިވާ ކުޑަދޮރު ވަރަށް އަވަހަށް ބަންދުވެގެން ހިނގައިދާނެކަމަށާއި އިސްރާއީލާ ދެކޮޅަށް ހަނގުރާމައަކަށް ދިއުމަށްވުރެން މަޝްވަރާތައް ކުރުމުއްދަތެއްގައި އެއްބަސްވުމަކަށް ގެނައުން މާރަނގަޅުވާނެ ކަމަށްވެސް ޕްރިންސް އިންޒާރު ދެއްވި ކަމަށްވެސް ވެއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރައީސްޓްރަމްޕް އަކީ ރައީސް ބައިޑްން އަށްވުރެން މާ ހަރުކަށިބޭފުޅެއްކަމަށް ވިދާޅުވެ ރައީސް ޓްރަމްޕް އާއި ދެކޮޅުވެރިވުން ބުއްދިވެރި ނުވާނެކަމަށްވެސް ވިދާޅުވިއެވެ. އެއްވެސް ހާލަތެއްގައި އީރާނަށް ހަމަލާއެއް ދިނުމަށް ސައޫދީ އެރޭބިއާގެ އެއްވެސް ސަރަހައްދެއް އެމެރިކާއަކަށް އަދި އިސްރާއީލަކަށްވެސް ނުލިބޭނެކަމަށް ސައޫދީ ވަޒީރު ވިދާޅުވިއެވެ.                                           

ގައްޒާގައި ހިނގަމުންދާ ހަނގުރާމައާއި އަދި ލެބަނަންގެ މިހާރުގެ ހާލަތަށް ބަލާއިރު އިތުރު ދެކޮޅުވެރިކަމެއް އުފުލުމުގެ ގާބިލުކަން މެދު އިރުމަތީ ނެތްކަމަށް ވިދާޅުވެ ވަރަށްގިނަ ވާހަކަފުޅު ދެއްކެވިކަމަށް 2 ގައުމުގައި ތިއްބެވި މައުލޫމާތު އެނގޭ ބޭފުޅުންނާއި އަދި ބޭރުގެ ޑިޕްލޯމެޓަކުވެސް ކިޔާދީފައިވެއެވެ.                

ނިއުކްލިއަރ މަޝްވަރާތަކުގައި އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކަށް އަތުވެއްޖެނަމަ އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިހުރި އެންމެހާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވާނެކަމަށް ރައީސް ޓްރަމްޕް މީގެ ހަފުތާއެއް ކުރިން އިއުލާންކުރެއްވުން ފާހަގަ ވެގެންދިޔައީ މީޑިއާތަކަށްވެސް ލިބުނުހައިރާންކަމެއްގެ ގޮތުގައެވެ. ރައީސް ޓްރަމްޕްގެ މި އިއުލާންކުރެއްވުން އެންމެ ބޮޑަށް ފާހަގަ ކުރެވިގެންދިޔައީ އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާ ދިނުމަށްޓަކައި އެމެރިކާގެ ތާއީދު ހޯދުމަށް އިސްރާއީލުގެ ބޮޑުވަޒީރު އެމެރިކާއަށް ވަޑައިގެން ރައީސް ޓްރަމްޕް އަރިހުގައި އިންނަވަނިކޮށް އެކަން އާންމު ކުރެއްވުމުންނެވެ.                           

ސައޫދީ އެރޭބިޔާގެ މެސެޖުން އީރާން ދެކޭގޮތް ރޮއިޓާރސް އަށް ތަސައްވުރު ކުރެވޭ ގޮތެއް ނުވިއެވެ. އީރާނުގެ ރައީސް ވިދާޅުވެފައިވަނީ އީރާނުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި އެމެރިކާއާއެކު އެއްބަސްވުމަކަށް އަންނަން ބޭނުން ކަމަށެވެ. އަދި އޭގެ މާނައަކީ އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލުމެއްވެސް ނޫނެވެ.                                                                 

ރޮއިޓާރސްގެ ރިޕޯރޓް ޝާއިއު ކުރުމާ ހަމަޔަށްވެސް އީރާން ސަރުކާރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ. އެހެންނަމަވެސް އެ ރިޕޯރޓް ޝާއިއު ކުރިފަހުން އެއީ ދޮގު ޚަބަރެއް ކަމަށް އީރާން ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއީލް ބާގެރީ ވިދާޅުވެފައިވާ ކަމަށް ފާރސް ނިއުސް އޭޖެންސީން ޚަބަރު ދީފައި ވެއެވެ. ރޮއިޓާރސްގެ ރިޕޯރޓާ ބެހޭގޮތުން ސައޫދީ އެރޭބިއާއިން ވާހަކަދައްކަން ބޭނުމެއް ނުވެއެވެ. ސައޫދީ އެރޭބިއާގެ މެސެޖްގެ މައުލޫމާތު ވައިޓްހައުސް އަށްވެސް ލިބިފައިވާ ކަމަކަށް ނުވެއެވެ.                 

ޕްރިންސް ޚާލިދަކީ ސައޫދީ އެރޭބިއާގެ ވަލީ އަހްދު މުހަންމަދު ބިން ސަލްމާނުގެ ކޮއްކޯފުޅެވެ. ޕްރިންސް ޚާލިދު ތެހެރާނަށް ވަޑައިގަތުން ފާހަގަ ވެގެން މިދިޔައީ ސައޫދީ އެރޭބިއާގެ ޝާހީ ޚާންދާނުގެ އެފަދަ އިސް ބޭފުޅަކު ފާއިތުވެގެންމިދާ ވިހި އަހަރުދުވަހުގެ ތެރޭގައި ތެހެރާނަށް ކުރެއްވިފުރަތަމަ ޒިޔާރަތް ކަމުގައެވެ.            

ކާރނެޖީ މިޑްލް އީސްޓް ސެންޓަރުގެ އީރާނާބެހޭ ތަޖްރިބާކާރަކު ބުނެފައިވަނީ ތެހެރާން ބަލިކަށިވުމުގެ ފައިދާ ސިޔާސީ ގޮތުން މެދުއިރުމަތީގައި ސައޫދީ އެރޭބިޔާގެ ނުފޫޒު ފެތުރުމަށް އެހީތެރިވެދޭނެކަމަށެވެ. އިސްރާއީލާއި އީރާނުގެ ކުރިމަތި ލުމަކަށް ސައޫދީން ބޭނުން ނުވަނީ އެކަމުގެ ސަބަބުން ސައޫދީގެ އިގްތިސާދަށްވެސް ނޭދޭވޭ ގޮތްތަކެއް މެދުވެރިވުން އެކަށީގެން ވާތީއެވެ.                                          

މަދަނީ ބޭނުންތަކަށް އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްގު ލިބިފައިވާކަން ގަބޫލުކުރުމާއެކު ވޯޝިންގްޓަނުން އެކި ގައުމުތަކުގައި ހިފާއްޓާފައިހުރި އީރާނުގެ ފައިސާ ދޫކުރަން އެއްބަސްވެއްޖެނަމަ މިވަގުތަށް “ ޕޮލިޓިކަލް ޑީލަކަށް “ އީރާނުން އެއްބަސްވުން ވަރަށް ގާތްކަމަށާއި އަދި ފަހުން ނިއުކްލިއަރ މަޝްވަރާ ތަކައިގެން އެއްބަސްވުމަށް ދިއުން އީރާނުން ގަބޫލުކޮށްފާނެ ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ރޮއިޓާރސް އަށް ކިޔާދީފައި ވެއެވެ. އެހެންނަމަވެސް އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނަށް ހަވާލާދީ  ފާރސް ނިއުސް އޭޖެންސީން އިން ޚަބަރު ދީފައިވަނީ އެއީވެސް ދޮގެއް ކަމަށެވެ.                                       

Loading

2 Responses

  1. ތި ޕްރިންސް ތަކުގެ ކާފަގެ ކާފަގެ ކާފަ އެއީ ޢަރަބި ބައްރުގައި އޮތް އުސްމާނު ޚަލީފާ ނުވަތަ އޮޓަމަން އެމްޕަޔަރ ގޮއްވާލަން ބަޣާވަތް ކުރި ބައިގަނޑު ނޫންތޯއެވެ. ވީމާ އިސްލަމިކް ރިޕަބްލިކް އީރާން ބަލިކަށިކޮށްލުމަށްވެސް ތިބައިގަނޑު ފަރަންޖީންނާއި ގުޅިގެން ބަޣާވާތް ކުރާނެއެވެ. އެހެނީ މިހާރު އެކިޔޭ ރޯޔަލް ސަލްމާނު ރޯޔަލް ސަޢޫދީ އަކީ އެބަޣާވާ ފަރަންޖީނާއި ގުޅިގެން ހިންތާލަދިން ރަނގަޅުކަމުން އިންގިރޭސިން ތިބައިގަނޑަށް ދިން ވެދުމެއްނޫންތޯއެވެ. އެ އެއްޗެއްގެ އަސްލު ހަނދުމަނެތުނީމާ މުސީބާތް ޖެހޭނެއެވެ. އެގޮތުން އިސްލާމް ދީން ބަލިކަށިވެ ފަލަސްތީންުގެ 60 ހާސް މީހުންގެ މައްޗަށް އިސްރޭލާއި އެމެރިކާއިން ގަތުލު ޢާންމު ހިންގާއިރުވެސް އެތިބެނީ ބަނޑުފުރާ ކައިގެން އަންހެން ރީތި ކުދިން އެއްކޮށްގެން އިސްތަށިގައު އަބުރާ ލަވަކިޔާ ޓްރަންޕަށް ވެދުމަށް އަރުވައިގެން ނޫންތޯއެވެ! ތިވެރީންގެ ވާހަކަ ދީނާއި ގުޅުވައިގެން ދެއްކުންވެސް ހުށްޓާލަން ވެއްޖެއެވެ. ދެރަ ހަރަމްފުޅުވެސް މިހާރު އެބޭުނުން ކުރަނީ އެމީހުންގެ ޓްއަރިޒަމް ކުރިއަރުވާށެވެ.

  2. ޓުރަމްޕު ދިޔާމާ، ފަލަސްތީނު ރައްޔިތުން ސަލާމަތް ކުރުމަށް ވާހަކަ ދެއްކެވިނަމަ، އެއީ މުސްލިމުންގެ މައްސަލައެއް، ތިޔައީ އިޒުރާއީލާއި އެމެރިކާގެ މައްސަލައެއް. އެމީހުންގެ މަސްލަހަތު އޮތްކަމެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް