ކުޑަ ފިރިހެން ކުއްޖަކު އެއްދުވަހަކު ގޭދޮށުގެ މަގަކުން ހިނގާލާފަ ދަނިކޮށް އޭނާގެ ސްކޫލްގެ ރަހުމަތްތެރިއަކު ހަމަޖެހިލައިގެން ޓީވީ ބަލަން އިންދާ ކުޑަދޮރަކުންފެނުނެވެ. އޭނާ އުފަލުން ކުޑަދޮރާ ކައިރި ވެލާފައި ގޮވާލިއެވެ.އަހަރެން އެތެރެޔަށް ވަނަސް އެންމެ ރަނގަޅު ހެއްޔެވެ.
ގޭތެރޭގަ އިން ކުއްޖާއަށް އޭނާގެ ރަހުމަތްތެރިޔާފެނި ހީނލާފަ އެތެރެޔަށް ވަނުމަށް އޯކޭ ދެމުން ހަނާއަޅާލިއެވެ. ބޭރުން ދިޔަ ކުއްޖާ ދިޔަގޮތަށްގޮސް އޭނާގެ ރަހުމަތްތެރިޔާގެ ކައިރީގަ ސޯފާގައި ޖައްސާލިއެވެ.
އިރުކޮޅަކުން އެތެރޭން އެގޭ ކުއްޖާގެ މަންމަ ނިކުމެގެން އައެވެ.އަދި ބޭރުން އައި ކުއްޖާގެ ހެދުން ހަޑިވެފައި ހުރި ކިލާ ކަމުން އޭނާގެ ދަރިފުޅު ކައިރީ ސޯފާގައި އިނުމުން އެކަމާ ނުރުހި ޒާތަކަށް ލޯއަޅާލިއެވެ. އެވަގުތު ބޭރުން އައިކުއްޖާ ސޯފާއިން ފައިބާ ތަޅުންގަނޑު މަތީގައި އިށީނެވެ.އޭނާޔަށް ދުވަހަކުވެސް އެޗްޑީ ޓީވީއެއް މީގެ ކުރިން ފެނިފައިނުވާތީ ހައިރާންވެފައި ޓީވީ ބަލަން މަޑުމަޑުން އިނެވެ.
އިރުކޮޅަކުން އެގޭ ކުއްޖާގެ މަންމަ މީރު ތާޒާ ކެއުމެއް ތައްޓަކަށް އަޅައިގެން އައިސް އޭނާގެ ދަރިފުޅުގެ ކުރިމަތީގައި ބެހެއްޓިއެވެ.ބޭރުން އައިސް އިން ކުއްޖާއަށް ނުގެންނަތާގައި އޭނަޔާ ދިމާލަށް ބަލާވެސް ނުލައެވެ. ރަހުމަތްތެރިޔާ ކަމުންދާތަން ބަލަން އިން އިރު ބޭރުން އައި ކުއްޖާގެ ބަނޑުން އަޑުއަޑު ގޮވަމުން ދިޔައެވެ.ބަނޑުހައިވެގެން އިންވަރުންނެވެ. މިތަން ފެނި އޭނާގެ ރަހުމަތްތެރިޔާގެ ހިތަށް އަސަރުކޮށް، އޭނާގެ ތަށިން ކެއުމަށް ދައުވަތު ދިނެވެ. ވަރަށް ނުކެރިފަ އިނދެފަވެސް ބޭރުން އައި ކުއްޖާ އެތިކޮޅެއް ކާލިއެވެ.އެވަގުތު އޭނާގެ މުޅިގައިތެރެޔަށް ހީވީ ހޫނުކަން ފެތުރިގެން ދިޔަހެންނެވެ.އޭނާ ހޫނުތާޒާ ކެއުމެއް ނުކާތާ ވަނީ ވަރަށް ދުވަސް ވެފައެވެ.
އެވަގުތު އެގޭ ކުއްޖާގެ މަންމަ އައިގޮތަށް އައިސް ޓީވީ ނިވާލިއެވެ. އަދި އޭނާގެ ދަރިފުޅަށް ކޮޓަރިއަށް ދިއުމަށް އެންގިއެވެ. އެކުއްޖާ ވަރަށް ބަސް އަހައިގެން މަޑުމަޑުން ކޮޓަރިއަށް ދިޔައެވެ. ދެން ބޭރުން އައި ކުއްޖާޔާ ދިމާލަށް އެބުރިފަ އަންހެންމީހާ ބުންޏެވެ. ކަލެޔަށް އުޅެންވީ ނޫޅެންވީގޮތް ކަލޭގެ މަންމަ ކިޔާނުދޭ ހެއްޔެވެ. މިކަމުގަ ކަލޭގެ މަންމަ އެބަ ކުށްވެރިވެއެވެ.އަހަރެން ގޮވައިގެން ކަލޭގެ މަންމަ ކައިރިޔަށް ހިނގާށެވެ.
ބޭރުން އައި ކުއްޖާވެސް ޖަވާބުގައި އެއްޗެކޭ ނުބުނެއެވެ. އަދި އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.އަދި މަޑުމަޑުން ނިކުމެގެން ހިނގައިގަތެވެ.އޭނާއާ އެކު އަންހެންމީހާވެސް އާދެއެވެ.
ދެމީހުން ހިނގަމުން ދިޔަވަރަކަށް ގެތައް މަދުވެ މަގުމަތީގެ ހިމޭންކަން އިތުރު ވަމުން ދިޔައެވެ. އަންހެންމީހާ ހުރީ މިވާއެއްޗެއެއް ނޭނގި ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
އިރުކޮޅަކުން ދެމީހުންނަށް ދެވުނީ އެ އަވަށުގެ ގަބުރުސްތާނަށެވެ. އެވަގުތު އެކުއްޖާ ހުއްޓިފަ މަހާނައަކާ ދިމާއަށް އަތް ދިއްކޮށްލަމުން ބުންޏެވެ. އަހަރެންގެ މަންމަ އޮތީ މިތާނގައެވެ.މަންމަވީ މިހާރު ސުވަރުގޭގައެވެ.
އަންހެންމީހާއަށް އެވަގުތު ވަރަށް އަސަރު ކުރިއެވެ. އަދި ތިރިވެފަ އެކުޑަކުއްޖާ ގައިގައި ބައްދާލިއެވެ.އަދި ބުންޏެވެ.އަހަރެންނަށް މައާފް ކުރާށެވެ. އަހަރެންނަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮންނެވެ. އަވަހަށް ރަހުމަތްތެރިޔާ ކައިރިޔަށް ހިނގާށެވެ.ގޮސް ރަނގަޅަށް ކާންވާނެއެވެ.
މިހެންބުނެ ކުއްޖާގެ އަތުގައި ހިފައިގެން ގެއަށް ދިއުމަށް ހިނގައިގަތެވެ.
މިވާހަކައިން ބުނެދޭ އެއްޗަކީ އަހަރުމެން އަބަދުވެސް ތިބެންޖެހޭނީ އަނެކާއަށް ހެޔޮކޮށް ހިތުމަށް ތައްޔާރަށެވެ.އަނެކާ ތަހައްމަލް ކުރަމުން ގެންދާ ވޭނާ ކެކުޅުން އަހަރުމެންނަކަށް އެއްގޮތަކަށްވެސް ނޭނގޭނެއެވެ.