”ކޮލޮމްބޯ ނިދިން ހޭލެއްވުން“ މަޝްރޫއުގައި ސްރީލަންކާގެ ކޮއްލުޕިޓިޔާއިން ފެށިގެން މައުންޓް ލެވެނިޔާއާ ހަމަޔަށް އޮންނަ ހިތްގައިމު ބީޗް ސަރަހައްދު ރޭގަނޑުގެ ޓްއަރިޒަމަށް ޚާއްސަ ކުރެވިފައިވާ ހޮޓްސްޕޮޓަކަށް ތަރައްގީކުރަން ނިންމައިފިކަމަށް މިނިސްޓަރ ނަލިންދާ ޖަޔަތިއްސާ ވިދާޅުވެއްޖެއެވެ.
”މެރިން ނައިޓްސް، އެވޭކެނިންގ ކޮލޮމްބޯ“ ގެ މި މަޝްރޫއުގައި ކޮއްލުޕީޓިޔާ ރެއިލްވޭ ސްޓޭޝަނުން ފެށިގެން ދެހިވަލާއާ ހަމަޔަށް އޮންނަ 7.4 ކިލޯމީޓަރގެ ދިގު ސަރަހައްދު ތަރައްގީ ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ޖަޔަތިއްސާ ވިދާޅުވިއެވެ. މިއީ އާންމު ރައްޔިތުންގެ އަތްމަތި ތަނަވަސްކުރުމަށްޓަކައި ކޮލޮމްބޯގައި ކުރެވޭ ޓްއަރިޒަމްގެ ތަޖްރިބާ ރޭގަނޑުގެ ވަގުތުތަކަށްވެސް ފުޅާކުރުމެވެ. މި މަޝްރޫއުގައި ފޯކަސްކުރެވިފައިވަނީ ގޯލްފޭސްގެ އަރިމަތިން 400 ވަރަކަށް މީޓަރުން ފެށިގެން ސެއިންޓް ތޯމަސް ޕްރައިމަރީ ސްކޫލާ ހަމައަށެވެ. މި މަޝްރޫއުގައި ހޮޓެލް ހިންގާ ފަރާތްތަކާއި އަދި ވިޔަފާރި ހިންގާ ފަރާތްތަކުގެ އެހީއަށްވެސް ހުޅުވިގެންދާނެއެވެ.
ސްރީލަންކާގެ އަމާޒަކީ 2025 ވަނައަހަރު 3 މިލިއަން ޓްއަރިސްޓުން ގެނައުމެވެ. އެކަމަކު އެ ގައުމުގައި ރޭގަނޑު އާމްދަނީ ހޯދުމާއި އުފާކުރުމުގެ ހަރަކާތްތައް ނެތްކަން އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ. މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރުދުވަހު ސްރީލަންކާފައިސާގެ އަގު އުޅެނީ އެމެރިކާ ޑޮލަރުގެ ނިސްބަތުން 299.35ގައެވެ.
ސްރީލަންކާގެ ގްރަމާ ނިލަންދާރި (ސިޔާސީ މަގާމުތަކުގައި ތިއްބަވާ ވިލެޖް އޮފިސަރުން) އަކު ރަސްމީ ލިއުންތަކެއްގައި ސޮއިކުރުމަށްޓަކައި ޕެން-ޑްރައިވެއް ހަދިޔާއަކަށް ގަބޫލުކުރުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ބަލައި ރިޝްވަތު ގަބޫލުކުރި މައްސަލައެއްގެ ގޮތުގައި ތަހްގީގަށް ހައްޔަރު ކޮށްފިއެވެ. ގްރަމާ ނިލަންދާރީއަކީ ލޯކަލް ކޮމިއުނިޓީއާއި މަރުކަޒީ ސަރުކާރު ގުޅުވާދޭ ވަސީލަތެވެ. ހައްޔަރު ކުރެވުނު ގްރާމާ ނިލަންދާރީ އަކީ އިރުމަތީ ޖަފްނާއާއި އަދި ޖަފްނާ ޑިސްޓްރިކްޓްގެ ސެކްރެޓްރިއޭޓް ތަމްސީލު ކޮށްދޭ އޮފިޝަލް އެވެ. އޭނާ ގަބޫލުކުރެއްވި 128 ޖީ ބީ ގެ ޕެން-ޑްރައިވްގެ އަގަކީ 4000 ރުޕީސް ނުވަތަ 13.3 އެމެރިކާ ޑޮލަރެވެ. އެންޓި ކޮރަޕްޝަނަށް އެ މައުލޫމާތު ދީފައިވަނީ ޖަފްނާގައި ދިރިއުޅޭ އެގައުމުގެ އާންމު ރައްޔިތެކެވެ.
އެހެން ހާދިސާއެއްގައި ޑްރައިވިންގ ލައިސެންސް ނެތި އެއްގަމު އުޅަނދު ދުއްވި މީހަކަށް ގާނޫނީ ފިޔަވަޅު ނޭޅުމަށްޓަކައި 10000 ރުޕީސް އަތުލަން އުޅުމުން އިރުމަތީ ކިއްނިޔާ ޕޮލިސް ސްޓޭޝަންގެ ސަރޖެންޓަކު ވަނީ އެންޓި-ކޮރަޕްޝަނުން ހައްޔަރު ކޮށްފައެވެ.
ސްރީލަންކާގެ އެންމެބޮޑު ބަނގުރާ އުފައްދާ ކުންފުންޏަކީ އާންމުގޮތެއްގައި ގެއްލުން ދައްކާ ވިޔަފާރިއެކެވެ. އެހެންނަމަވެސް މިއަހަރު މާރޗް މަހުގެ ނިޔަލަށް 4.49 ބިލިއަން ރުޕީސް ލިބިފައިވާކަން ހާމަކޮށްފިއެވެ. އެއީ ކުރީ އަހަރާ އަޅާ ބަލާއިރު %19 ގެ ކުރިއެރުމެކެވެ.