އީރާނާއެކު އެމެރިކާއިން ކުރިއަށް ގެންދާ މަޝްވަރާތައް ފޭލިކޮށްލަން އުޅެގެން ނުވާނެ

Loading

Facebook
Twitter
WhatsApp

އެމެރިކާއިން އީރާނާއެކު ކުރިއަށް ގެންދާ ނިއުކްލިއަރ ޕްރޮގްރާމްގެ މަޝްވަރާތަކަށް ނުރަނގަޅު އަސަރެއް ކޮށްފާނެ އެއްވެސް އަމަލެއް ނުކުރުމަށާއި އަދި އިސްރާއީލުން އީރާނަށް ބޮން އަޅަން ރާވާފައި ރޭވުން ކުރިއަށް ނުގެންދަން ރައީސް ޓްރަމްޕް އިސްރާއީލްގެ ބޮޑުވަޒީރަށް އިންޒާރު ދެއްވައިފިއެވެ.   

                       

ނަތަންޔާހޫ އާއި ޓްރަމްޕްގެ ދެބަސްވުން މީޑިއާތަކަށް ފުޅާ ދާއިރާއެއްގައި އެނގިފައިވާ މިދަނޑިވަޅުގައި އެމެރިކާގެ މަދަދާ ނުލައި އިސްރާއީލުން އެކަނިވެސް އީރާނަށް ހަމަލާ ދޭނެކަމަށް ނަތަންޔާހޫ ރައީސް ޓްރަމްޕް އަށް ފޯނުން ދެންނެވިކަމަށް ނިއުޔޯރކް ޓައިމްސްއިން ވަނީ ރިޕޯރޓް ކޮށްފައެވެ. ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ނަތަންޔާހޫ އާއެކެ ވާހަކަ ދެކެވުނު ކަމަށާއި އަދި އަހަރެމެންގެ މަޝަވަރާތައް ކާމިޔާބީ އާ ދިމާލަށް ކުރިއަށްދާއިރު އީރާނަށް ހަމަލާދިނުމަކީ ރަނގަޅުކަމެއް ނޫންކަމަށް ވިދާޅުވެފައި ވާނެ ކަމަށެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އީރާނުން އެއްބަސްވުމަކަށް އަންނާނެއެވެ. އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދިއުމަކަށް އީރާނުންވެސް ބޭނުމެއް ނުވާނެއެވެ. 

އެމެރިކާއިން އީރާނާއެކު ކުރަމުންގެންދާ މަޝްވަރާތައް ކާމިޔާބު ވިޔަސް ނުވިޔަސް އިސްރާއީލުން އީރާނަށް ހަމަލާ ދޭނެކަމަށް އިސްރާއީލުގެ އޮފިޝަލުން އެމެރިކާގެ އޮފިޝަލުންނަށް ވަނީ އިންޒާރު ދީފައިވާ ކަމަށްވެސް ނިއުޔޯރކް ޓައިމްސްގެ ރިޕޯރޓުގައި ބުނެފައިވެއެވެ. އެހެންނަމަވެސް އިސްރާއީލުގެ ސިޔާސީ ބޭފުޅުންނާއި ތަޖްރިބާކާރުންގެ ނަޒަރުގައި އެމެރިކާގެ މަދަދާނުލައި އިސްރާއީލުން އީރާނަށް ހަމަލާދީފިނަމަ އިސްރާއީލުން ކުރިމަތިލާން ޖެހިދާނެ ހާލަތު ހިތަށް ގެންނާންވެސް ނޭގެއެވެ. އީރާނަށް ހަމަލާ ދިނުމަށްޓަކައި ކޮންމެ ގޮތެއްގައިވެސް އިސްރާއީލުން އެމެރިކާގެ ހަތިޔާރު ބޭނުންކުރަން ޖެހޭނެއެވެ. މި ސަބަބަށްޓަކައި ރައީސް ޓްރަމްޕް އީރާނުގެ މައްސަލައަށް ސިޔާސީ ހައްލެއް ގެންނަވަން މަސައްކަތްކުރައްވަމުންގެންދަވާއިރު އިސްރާއިޅުން އެނޫންގޮތަކަށް އަމަލުކުރުމަކީވެސް އިސްރާއީލަށް ގެއްލުން ހުރިކަމަކަށް ނޫނީ ނުވާނެއެވެ.                         

އިސްރާއީލަށް އެންމެ ބޮޑު ނުތަނަވަސްކަމެއް ލިބިފައިވަނީ އެމެރިކާއިން އީރާނާއެކު މިހާރު ކުރިއަށް ގެންދާ މަޝްވަރާތަކުގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހުއްޓުމަކަށް ނުގެނެސް ތަންކޮޅެއް ސޯފްޓް ޑީލަކަށް އެމެރިކާގެ ރައީސް އެއްބަސްވެ ވަޑައިގެންފާނެ ކަމަށް ބެލެވޭތީއެވެ. އިސްރާއީލުން ދެން ފިކުރު ބޮޑުވަނީ މަޝްވަރާތައް ނިމޭއިރު ހަމަލާދިނުމުގެ ވަގުތާއި ހާލަތު ގެއްލިގެން ހިނގައިދާނެތީއެވެ. ލެބަނަންގެ ހިޒްބު ގެ ބާރު ކެނޑުމާއި ހަމާސް ބަލިވުންފަދަ ކަންކަމުގައި އިސްރާއީލަށް މި ދަނޑިވަޅުގައި މަތީފަޑިން ޖާގަލިބިފައިވާކަމަށް އެ ގައުމުގެ ވެރިން ދެކެއެވެ. އަދި މިހާލަތު ގިނަ ދުވަހަށް ދެމިގެން ނުދާނެކަމަށްވެސް އިސްރާއީލަށް އެނގެއެވެ.         

އެމެރިކާއިން އީރާނާއެކު އެއްބަސްވުމަކަށް އާދެވިއްޖެނަމަ އެމެރިކާގެ އންސްޕެކްޓަރުން އީރާނަށް އައުން ހުއްދަ ކުރެވިދާނެކަމަށް ހުކުރުދުވަހު އީރާނުން ބުނެފިއެވެ. އީރާނުގެ ނިއުކްލިއަރ ހަކަތައާއި ބެހޭ އެންމެ އިސް ވެރިޔާ މުހަންމަދު އިސްލާމީ ވިވާދުވެފައިވަނީ އާންމުގޮތެއްގައި ދެކޮޅުވެރި ގައުމުތަކުގެ އިންސްޕެކްޓަރުން އައުމަށް އެއްވެސް ގައުމަކުން ހުއްދަ ނުދޭނެއެވެ. އެހެންނަމަވެސް އެމެރިކާއިން އީރާނާއެކު އެއްބަސްވުމަކަށް އާދެވިއްޖެނަމަ ޔޫ އެން އައި އޭ އީ އޭ ގައި މަސައްކަތްކުރާ އެމެރިކާގެ އިންސްޕެކްޓަރުން އީރާނަށް އައުމަށް ހުއްދަ ދެވިދާނެއެވެ.

މިވަގުތު ޖެރޫސަލަމްގައި ހުންނެވި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީއާބެހޭ ވަޒީރު ކްރިސްޓީ ނިއޯމް ވިދާޅުވެފައިވަނީ ރައީސްޓްރަމްޕްގެ އިރުޝާދާއެކު އެކަމަނާ ވަޑައިގެން އެހުންނެވީ އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގެ މުހިންމުކަން އިސްރާއީލުގެ ވެރިންނަށް އޮޅުންފިލުވާ ދެއްވުމަށާއި އަދި މިވަގުތު އިސްރާއީލާއި އެމެރިކާގެ ގުޅުމަށް ބުރޫ އަރާފާނެ ހަރަކާތަތަކުން އެކަހެރިވުމުގެ މުހިންމުކަން ހާމަކުރުމަށެވެ. އެ ކަމަނާ އިތުރަށް ވިދާޅުވެފައިވަނީ ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލަން އީރާނުން ދެކޮޅު ހެދިކަމުގައިވިޔަސް އީރާނާއެކު ދެކެވޭ ވާހަކަތަށް ކުރިއަށްދަނީ ވަރަށް ބޮޑަށް ހުޅުވިފައިވާ އެކުވެރި މާހައުލެއްގައި ކަމަށެވެ.                  

އީރާނުން ބުނަމުންގެންދަނީ އެގައުމުން ޔުރޭނިއަމް މުއްސަނދިކުރަނީ މަދަނީ ބޭނުންތަކަށް ކަމަށެވެ. އެކަމަކު ބައިނަލް އަގްވާމީ ތަޖްރިބާކާރުން ބުނަމުންގެންދަނީ %60 އަކީ މަދަނީ ބޭނުންތަކަށްވުރެން މާ މަތީ އަދަދެއް ކަމަށެވެ.                                                                

ނަތަންޔާހޫގެ ތަތުޖަމާނު މިދިޔަ ބުދަދުވަހު ބުނެފައިވަނީ ނިއު ޔޯރކް ޓައިސްގެ ރިޕޯރޓުގައި ވަނީ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް