މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ވާންޖެހޭ

Loading

Facebook
Twitter
WhatsApp


ހުޅުމާލެއަކީ ޒަމާނީ ފެންވަރަށް ޕްލޭން ކޮށްގެން ސަރުކާރުން ހަދާފައިވާ ރަށެކެވެ. ދެމީޓަރު އުސްމިނުގައި ހިއްކާފައިވާ ހުޅުމާލޭގައި ޕާކް ކުރުމުގެ ޕްލޭނެއް ސަރުކާރުން އެކުލަވާލާފައެއް ނުވެއެވެ. އެކަމުގެ ސަބަބުން އެކްސިޑެންޓްތައް ގިނަވެ މަރުވަމުންދާ މީހުންގެ ޢަދަދު ނިސްބަތުން ހުޅުމާލޭގައި އަންނަނީ އިތުރުވަމުންނެވެ.

ހުޅުމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވާ ލައިން ކުރަހާފައިވީ ނަމަވެސް އެ ލައިންތަކުގެ ބޭނުން ވެހިކަލް ދުއްވާފަރާތްތަކަށް ނުކުރެވެއެވެ. ސަބަކަށް ވެފައި ވަނީ ކާރާއި ޕިކަޕާއި ސައިކަލާއި ލޯރިފަދަ ވެހިކަލް ތައް ޕާކުކުރާނޭ ޖާގަ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ގާއިމް ކޮށްފައި ނެތުމެވެ. އަނެއްކޮޅުން މަގުމަތީގެ ގަވާޢިދުތަކަށް ވެހިކަލް ދުއްވާ ފަރާތްތަކުން އިޙުތިރާމް ނުކުރުމަކީވެސް މަގުމަތީގެ ރައްކާތެރިކަން ގެއްލި ދިއުމުގެ ސަބަބެކެވެ.
ހުޅުމާލޭގެ ހަލިމަގަކީ މާލެއަށާއި އަދި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ނުހަނު ކާރޫބަރު ބޮޑު މަގަކަށް ވާއިރު ކާރު މަޑުކޮށް މަގުމަތިން ހަނާއަޅާ މީހުން ނެގުމަށްޓަކާ ދިމާވި ކޮންމެ ތަނަކަށް ކާރު ހުއްޓާލުމަކީ ވެސް މަގުމަތީގެ ރައްކާތެރިކަން ގެއްލެން ދިމާވާ ސަބަބެކެވެ. ހުޅުމާލޭގެ ހަލިމަގުގައި މޮޓޯ ސައިކަލް ދުއްވަން ހަދާފައިވާ ލައިނުގައި ކާރާއި ސައިކަލްތައް ހުންނަނީ ޕާކު ކޮށްފައެވެ. އެކަމުގެ ސަބަބުން ސައިކަލަށް ޚާއްޞަ ކުރެވިފައިވާ ލައިނުން ސައިކަލްތަކަށް ޖާގަ ނުލިބި ސައިކަލާއި ކާރާއި ޕިކަޕާއި ލޯރި ދުއްވަން ޖެހިފައި ވަނީ އެއްލައިނުންނެވެ.
އަދި މީގެ އިތުރުން ސައިކަލަށް ޚާއްޞަކުރެވިފައިވާ ލައިނުގައި ސައިކަލާއި ކާރު ޕާކު ކޮށްފައި ހުންނައިރު އެ ވެހިކަލްތަކުގެ ބޭރުފަރާތުގައި ސައިކަލާއި ކާރު ހުއްޓާލައިގެން ތިބުމާއި އެއްލައިނުން ހުރިހާވެހިކަލްތައް ދަތުރުކުރަން ޖެހުމުން އެކްސިޑެންޓްތައް ހިގަން މަގުފަހިވެފައިވާކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ. ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކުގައި މަގުތައް ހަދާފައި ހުންނަނީ މަގުމަތީގައި ދުއްވާ ވެހިކަލްތަކަށް ރައްކާތެރިކަމައެކު ދަތުރުފަތުރު ކުރެވޭނޭ ގޮތަށް ޕްލޭން ކޮށްގެނެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި އެއްވެސް ހަލިމަގެއްގައި ވެހިކަލް ޕާކުކުރުމެއް ނޯވެއެވެ.

އެހެނަސް ޒަމާނީ ފެންވަރަށް އަމާބުނީތީ ފަރަށްދާހެން ހުޅުމާލޭގެ ހަލި މަގުގައި ވެހިކަލްތައް ޕާކުކުރުމުގެ ނުބައި އާދަ ނައްތާލެވޭނޭ ވިސްނުމެއް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ޚާއްޞަކުރެވިފައިވާ ފަރާތްތަކުގެ ކިބައިގާ ނެތެވެ.
ކަންމިހެން ހުރިއިރު ހުޅުމާލޭގެ މީހުން ދިރިއުޅޭ ސަރަޙައްދާއި ދިމާވާ ގޮތަށް ހުޅުމާލޭގެ ހަލިމަގުގައި ވެހިކަލް ދުއްވަން ވަކި ސްޕީޑެއް ލިމިޓް ކޮށްފައިވާއިރު އެ ސްޕީޑަށް ސަމާލުކަން ދެނީ މަދުބައެެއްކަން ވެސް ފާހަގަ ކުރަމެވެ.

އަދި ހުޅުމާލޭގެ ދެކޮޅަށް ދުއްވާ ބައެއް ހަނި މަގުތަކުގައި ކާރާއި ޕިކަޕާއި ލޮރީގެ އިތުރުން ސައިކަލްތައް މަގުގެ ދެފަރާތުގައި ޕާކުކޮށްފައި ހުންނައިރު އެފަދަ މަގުތުގައި ހުންނަފުލެޓްތަކަށް ވެހިކަލް ތަކުގައި މީހުން ގޮވައިގެން އައިސް މަގުމެދުގައި ވެހިކަލް ހުއްޓާލައިގެން ތިބުމާއި މަގުމަތިން ވެހިކަލްތަކަށް މީހުން ނެގުމަށްޓަކާ ވެހިކަލްތައް މަގުމެދުގައި އެތައް އިރެއްވަންދެން މަޑުކޮށްގެން ތިބުމުގެ ސަބަބުން ދިމާވާ އުނދަގޫތަކާއި ގެއްލިގެންދަ ވަގުތުތަކާއި އަދި އެންބިއުލާންސްތަކަށްވެސް ބޮޑެތި އުނދަގޫތައް ކުރިމަތި ވަމުން ދާކަން ފާހަގަ ކުރަމެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ އެންމެން ހޭލުންތެރިވެ އެންމެންގެ އެއްބާރުލުން ލިބިގެންނެވެ. ހުޅުމާލޭގެ ހަލިމަގުގެ ދެފަރާތުގައި ނުހަނު ފުޅާކޮށް ދުވާރު ހަދާފައިވާއިރު އަދި މަގުގެ ދެފަރާތުގައި ސައިކަލް މަަޑުކޮށްގެން ތިބެ ރަށްޓެހިން އެއްކޮށް އޮލަވާހަކަތަކުގައި ހޭވެރިކަން ގެއްލި ފައި ތިބޭ މީހުންގެ ސަބަބުން މަގުމަތީގައި ދުއްވާ ވެހިކަލްތަކަށް ފޯރަމުންދާ އުނދަގޫތައްވެސް ދުވަހެއް ދުވަހެއް ގިނަ ވަމުން ދާކަން ފާހަގަ ކުރަމެވެ.
މާލޭ ސަރަޙައްދަށް ބިމާއި ނުބައްދަލު މިންވަރަކަށް ވެހިކަލްތައް އެތެރެ ކުރަމުން ދިއުމަކީ ސަރުކާރުގެ އިހުމާލުން ރަައްޔިތުންނަށް ކުރިމަތިވާ ވަރަށްބޮޑު އުނގުލެއް ކަމުގައި މެނުވީ ނުވެއެވެ. ދުނިޔޭގެ ހޭލުންތެރި ގައުމުތަކުގައި އެގައުމުތަކަށް ވެހިކަލްތައް އެތެރެކުރެވެނީ ބިމުގެ ނިސްބަތަށް ބަލައިގެންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް