ދައުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިންނަށް ދިރާގުން 230,380 (ދެލައްކަ ތިރީސްހާސް ތިންސަތޭކަ އަށްޑިހަ) ރުފިޔާގެ އެހީއެއް ދީފިއެވެ.
ދިރާގުން ބުނީ މި ފައިސާގެ ތެރޭގައި ހިމެނެނީ ދިރާގުން ހަދިޔާކުރި 150،000 ރުފިޔާއާއި ރަމަޟާން މަހު ދިރާގު އެޕް މެދުވެރިކޮށް އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ފައިސާކަމަށެވެ.
ދިރާގުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާބެހޭ ވުޒާރާއާ މި ފައިސާ ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ރަޝީދެވެ. ވުޒާރާގެ ފަރާތުން އެ ފައިސާއާ ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ.
މި ފައިސާ ހަދިޔާކޮށްފައި މި ވަނީ އެ ވުޒާރާއިން، ދައުލަތުގެ ހަވާލުގައި ތިބޭ ކުދިން ބަލަހައްޓާ މަރުކަޒުތައް ކަމަށްވާ ފިޔަވަތި، އަމާންވެށި އަދި އަމާންހިޔާއަށެވެ.
ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ޚާއްޞަކޮށްފައިވާ ތަނެވެ. އަމާންވެއްޓާއި އަމާންހިޔާއަކީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބޭތިއްބުމަށް ޚާއްޞަކޮށްފައިވާ ދެ ތަނެވެ.
މި ފައިސާ ހޭދަކުރާނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ދުޅަހެޔޮކަމާއި ތަރައްޤީއަށް ވުޒާރާއިން ކަނޑައަޅާފައިވާ މުހިއްމު ޕްރޮގްރާމްތަކަށް ކަމަށް ދިރާގުން ބުނެއެވެ.
![]()
