އެއްދުވަހަކު ހިމާރަކާ މިނިކާވަގަކާ ދެމެދު ދެބަސްވުމެއް ހިނގިއެވެ.

Loading

May 26, 2025
profile
Facebook
Twitter
WhatsApp

ހިމާރު ބުންޏެވެ. ”ވިނަ ހުންނަނީ ނޫކުލައިގައެވެ.“

މިނިކާވަގު ބުންޏެވެ. ”ތިޔަހެންނެއް ނުވާނެއެވެ. ވިނަ ހުންނާނީ ފެހިކުލައިގައެވެ.“

މި ޒުވާބު ހޫނުވަމުންގޮސް ދޭތިންކުރެ އެއްވެސް އެއްޗަކަށް މިކަމާމެދު އެއްބަސްވުމަކަށް ނާދެވުމެވެ. އެންމެ ފަހުން ދޭތި ނިންމީ މިކަމާމެދު ގޮތެއް ނިންމަވައިދެއްވުންއެދި ޖަންގަލީގެ ރަސްގެފާނު ކަމުގައިވާ ސިންގާގެ އަރިހަށް މައްސަލަ ހުށަހަޅާށެވެ.

ސިންގާ ރަސްގެފާނުގެ ދަރުބާރާ ހަމައަށް ނުދެވެނީސް ހިމާރު ހަޅޭއްލަވަން ފަށައިފިއެވެ. ”މާތް ރަސްގެފާނެވެ! ވިނަ ހުންނަނީ ނޫކުލައިގައި ނޫންތޯއެވެ!“

ސިންގާ ރަސްގެފާނު ވަގުތުން ޖަވާބުދެއްވިއެވެ. ”އާނއެކެވެ! ވިނަ ހުންނަނީ ނޫކުލައިގައެވެ.“

ހިމާރު ދެންނެވިއެވެ. ”މާތް ރަސްގެފާނެވެ! މި މައްސަލާގައި މިނިކާވަގު އަޅުގަނޑާ ވަރަށް ޒުވާބުކޮށް އަޅުގަނޑު ރުޅިއަރުވައިފިއެވެ. އަޅުގަނޑު އެދެނީ މާތް މަނިކުފާނު މިނިކާވަގަށް އަދަބު ދެއްވާށެވެ.“

ސިންގާ ރަސްގެފާނު ހުކުން ނެރުއްވިއެވެ. ”މިނިކާވަގަށް ފަސްއަހަރު ވަންދެން ވާހަކަދައްކައި އުޅުން މަނާވީއެވެ.“

ހިމާރު އޭތީގެ ކާމިޔާބާމެދު އުފަމުން ފުމެމުން ދަމުން އެބަ ގޮވައެވެ. ”ވިނަ ހުންނަނީ ނޫކުލައިގަޔޯ! ވިނަ ހުންނަނީ ނޫކުލައިގަޔޯ!“

މިނިކާވަގަށް ލިބުނު އަދަބާމެދު ހައިރާންވެގެން ސިންގާ ރަސްގެފާނަށް ދެންނެވިއެވެ. ”މާތް މަނިކުފާނެވެ! އަޅުގަނޑަށް މިފަދަ އަދަބެއް ލިބުނީ ކީއްވެތޯއެވެ؟ އަޅުގަނޑަށް ބުނެވުނީ ދޮގު ބަހެއްތޯއެވެ؟“

ސިންގާ ރަސްގެފާނު ވިދާޅުވިއެވެ. ”މިނިކާވަގު ބުނީ ތެދެކެވެ. ވިނަ ހުންނަނީ ފެހިކުލައިގައެވެ.“

މިނިކާވަގު ދެންނެވިއެވެ. ”އެހެންވިއްޔާ މަނިކުފާނު އަޅުގަނޑަށް ތިޔަ އަދަބު ދެއްވަނީ ކީއްވެގެންތޯއެވެ؟“

ސިންގާ ރަސްގެފާނު ވިދާޅުވިއެވެ. ”އަހަރެން މިނިކާވަގަށް މި އަދަބު ކަނޑައެޅީ ވިނައިގެ ކުލަޔާމެދު މިނިކާވަގު ދޮގެއް ހަދައިގެންނެއް ނޫނެވެ. އެހެނެއްކަަމަކު، ތިޔަ ކަހަލަ ތޫނުފިލި ޖަނަވާރެއް މިފަދަ ކުޑަކުޑަ މައްސަލައެއްގައި ހިމާރަކާ ދެބަސްވެ، އެވަރުން ނުވެގެން އަހަރެންގެ ކުރިމައްޗަށް މައްސަލަ ހުށަހަޅައި އަހަރެންނަށް އުނދަގޫކުރީތީއެވެ.“

Loading

Leave a Reply

ފަހުގެ އަޕްޑޭޓް