ދަ ޓެލިގްރާފަށް އެކިފަރާތްތަކުން ލިބިފައިވާ ރިޕޯރޓް ތަކުން އެނގޭ ގޮތުގައި ރައީސް ޓްރަމްޕްގެ ތާއީދާ ނުލައި އިސްރާއީލުން ގެނަދަނީ އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދޭން ތައްޔާރު ވަމުންނެވެ. އެމެރިކާގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އީރާނަށް ހަމަލާދޭން އިސްރާއީލުން ވަރަށް ސީރިއަސް ކަމާއެކު ރާވަމުންގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. މިފަދަ ހަމަލާއެއް ދިނުމުގެ ސަބަބުން އެމެރިކާއާއި އިސްރާއީޅުގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރުންވެސް ވަރަށް ކައިރިއެވެ.
މައުލޫމާތު ދިން ފަރާތުން ސީ އެން އެން އަށް ކިޔާދީފައިވާ ގޮތުގައި މިހާރު ކުރިއަށްދާ އީރާނުގެ ނިއުކްލިއަރ އާއިބެހޭ މަޝްވަރާތަކުގައި ތެހެރާނުގެ ހުރިހާ ޔުރޭނިއަމް ބޭރުކުރަންޖެހޭކަން ހިމެނިފައި ނުވާތީ ހަމަލާދިނުމަކީ އެޅެންއޮތް ހަމައެކަނި ފިޔަވަޅު ކަމުގައި އިސްރާއީލުން ދެކެއެވެ.
އެމެރިކާގެ އޮފިޝަލުން ގަބޫލުކުރާގޮތުގައި އިސްރާއީލުގެ މުވާސަލާތުތަކެއް އެމެރިކާއަށް ވަނީ އެނގިފައެވެ. އަދި އެކަމަށް ބޭނުންވާ ޚާއްސަ ތަމްރީނުތައްވެސް ހަދަމުން ގެންދާކަން ވަނީ އެނގިފައެވެ. އަދި އިސްރާއީލުގެ ހަރަކާތްތަކުން ފެންނަގޮތުގައި ވަރަށް އަވަހަށް އެ ހަމަލާތައް ދީފާނެކަމަށްވެސް ބެލެވެއެވެ. އިސްރާއީލުން ދީފާނެ ހަމަލާއެއްގައި އެމެރިކާއިން އެހީތެރިވެދިނުން ވަރަށް ގާތެވެ. އަދި އެމެރިކާގެ އެހީއާނުލައި އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ސައިޓްތައް ފޫއަޅުވާ ނުލެވޭނެ ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ގަބޫލު ކުރެއެވެ.
އެމެރިކާގެ ކަންބޮޑުވުމަކީ އިސްރާއީލުން ދީފާނެ ހަމަލާއެއްގެ ސަބަބުން މުޅި މެދު އިރުމަތީގައި ހަނގުރާމައެއްގެ ނުރައްކާ ފެތުރިގެން ދިއުމެވެ. ހަމަ އެއާއެކު މިހާރު އީރާނާއެކު ކުރެވުންދާ މަޝްވަރާތައް ކާމިޔާބު ނުވެއްޖެ ނަމަ އީރާނު ހަލާކު ކޮށްލާނެ ކަމަށް ރައީސް ޓްރަމްޕް ގެންދަނީ އިންޒާރުވެސް ދެއްވަމުންނެވެ. އީރާނުން އެމެރިކާ ބުނާ ގޮތަކަށް އެއްބަސްވުމަށް މިދިޔަ މާރޗް މަހުގެ މެދުތެރޭގައި ރައީސް ޓްރަމްޕް ދެއްވި 60 ދުވަހުގެ މުހުލަތު މިހާރު ފާއިތު ވެގެން ހިނގައްޖެއެވެ.
އެމެރިކާއާއި އީރާނުން ކުރަމުންގެންދާ މަޝްވަރާތައް އިސްރާއީލުން ހިތްހަމަނުޖެހޭގޮތަކަށް ނިމިއްޖެނަމަ އިސްރާއީލުން އަމިއްލައަކަށްވެސް އީރާނަށް ހަމަލާ ދޭނެކަމަށާއި އީރާނުން ޔުރޭނިއަމް ފައްކާކުރަން ފުރުސަތު ނުދޭނެކަމަށް އިސްރާއީލްގެ އޮފިޝަލަކު ސީ އެން އެން އަށް ވަނީ ކިޔާދީފައެވެ.
އެމެރިކާގެ ޚާއްސަ ސަފީރު ސްޓީވް ވިކްޓޯފް އާއި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އެންމެ ފަހުންކުރެއްވި މަޝްވަރާތަކުގައި އީރާނުން މަދަނީ ބޭނުންތަކަށްވެސް ޔުރޭނިއަމް ފައްކާ ނުކުރެވޭނެ ކަމަށް ވިކްޓޯފް ވަނީ އަންގާފައެވެ. އީރާނުން އެއްޕަރސެންޓަށްވެސް ޔުރޭނިއަމް މުއްސަނދި ނުކުރެވޭނެކަމަށް ވިކްޓޯފް ވަނީ އޭ ބީ ސީ ނިއުސްއަށްވެސް މައުލޫމާތު ދީފައެވެ.
ސްޓީވް ވިކްޓޯފަށް ރައްދުދެއްވައި އީރާނުގެ ސުޕްރީމް ލީޑަރ ވިދާޅުވެފައިވަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރާނެ މިންވަރެއް އެއީ މަޝްވަރާގެ މޭޒަށް ހުށައަޅާފައިވާ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ ޔުނައިޓެޑް ނޭޝަންސްގެ ނިއުކްލިއަރ މުއާހަދާއިން އީރާނުގެ ފުރިހަމަ އިޚްތިޔާރުގެ ދަށުގައިވާ ކަމެކެވެ.