ކޮންމެވެސް ގައުމެއްގެ އެޑިޔުކޭޝަން މިނިސްޓަރު ދުރުގައި ހުންނަ އަވަށު ސްކޫލް އަކަށް ޒިޔާރަތް ކޮށްލައްވަން ނިންމެވިއެވެ. ދަތުރު ކުރަމުންގޮސް އެސްކޫލް އާ ދާދި ގާތްވެފައި ވަނިކޮށް މިނިސްޓަރުގެ ކާރު ކުއްލިއަކަށް ހުއްޓިއްޖެއެވެ.
ހަދާނެ ގޮތެއް ނޭނގި ކާރުގެ ކުރީބައިގެ މަތިގަނޑު ނަގައިގެން ވީގޮތެއް އިނގޭތޯ ބައްލަވަން މިނިސްޓަރު ފެއްޓެވިއެވެ. ނަމަވެސް ވެފައި ހުރި ގޮތެއް މިނިސްޓަރަކަށް ނޭގުނެވެ.
އެވަގުތު އެމަގުން ދިޔަ ކުޑަވަރެއްގެ ފިރިހެން ކުއްޖަކު ކާރު ކައިރިން ދަމުން ހުއްޓިފަ އެހީއެއް ބޭނުންތޯ ސުވާލު ކުރިއެވެ. މިނިސްޓަރު ވަރަށް ހައިރާންވެފަ އެއްސެވިއެވެ. ކާރުގެ އިންޖީނާ ބެހޭ އެއްވެސް އެއްޗެއް ކޮއްކޮއަށް އެނގޭ ހެއްޔެވެ. ކުއްޖާ ހީނލަމުން ބުންޏެވެ. އަޅުގަނޑުގެ ބައްޕަ އަކީ މެކޭނިކް އެކެވެ. ބައްޕަގެ ވަރކްޝޮޕްގައި އަޅުގަނޑު ބައްޕަޔަށް އެހީތެރިވެދީ އުޅެމެވެ. އެހެންވީމަ އަޅުގަނޑަށްވެސް ކާރުގެ އިންޖީނާބެހޭ ކަންތައް ކޮންމެވެސް ވަރަކަށް އެނގެއެވެ.
މިނިސްޓަރު ކުޑަކޮން ޖެހިލުންވެފަ ހުންނަވާ ވިސްނާލެއްވުމަށްފަހު މިކުއްޖާޔަށް ފުރުސަތެއް ދެއްވުމަށް ނިންމެވިއެވެ. އަދި ޑިކީން ޓޫލް ފޮށި ނަންގަވާ އެކުއްޖާއަތަށް ދެއްވިއެވެ. ކުއްޖާ ވަރަށް ފަރުވާތެރިކަމާއެކު އިންޖީނުގެ އެކި ބައިތަކަށް ބަލާލިއެވެ.އޭރު މިނިސްޓަރު ކައިރީގައި ބައްލަވަން ހުންނެވިއެވެ.
އިރުކޮޅަކުން ކުއްޖާއަށް މައްސަލަ ފެނުނެވެ.އަދި އަވަސް އަވަހަށް ހަދަން ފެށިއެވެ. މިނިސްޓަރު ހުންނެވީ ހައިރާންވެފައެވެ. ކުއްޖާ އެމަސައްކަތަށް ފަރިތަކަމުންނެވެ. މޮޅު ކަމުންނެވެ. އިރުކޮޅަކުން ހަދާ ނިންމާ ލުމަށްފަހު ބުންޏެވެ. އަޅެ ސްޓާޓް ވޭތޯ ބައްލަވާ ލައްވާށެވެ.
މިނިސްޓަރު ކާރަށް އަރުއްވާ ސްޓާޓު ކޮށްލެއްވުމުން އެއްފަހަރުން ސްޓާޓް ވެއްޖެ އެވެ. ހަލާކުވި އިންޖީނެއް ހެންވެސް ހިއެއް ނުވެއެވެ.މިނިސްޓަރު ވަރަށް އުފަލުން ކުއްޖާއަށް ޝުކުރު އަދާކުރެއްވިއެވެ.އަދި ސުވާލު ކުރެއްވިއެވެ. ކޮއްކޮ މިގަޑީގަ ހުންނަން ޖެހޭނީ ސްކޫލްގަ ނޫންހެއްޔެވެ. ސްކޫލްއަށް ނުދިޔައީ ކީއްވެގެން ހެއްޔެވެ. އެވަގުތު އެކުއްޖާގެ ހިނިތުންވުން ފިލައިގެން ދިޔައެވެ.އަދި އިސްޖަހާލުމަށްފަހު ދެންނެވިއެވެ. މިއަދު އެޑިޔުކޭޝަން މިނިސްޓަރު ސްކޫލްއަށް ވަޑައިގަންނަވާގޮތަށް އޮތީ ހަމަޖެހިފައެވެ. އަޅުގަނޑަކީ ކްލާހުގައި ހުރި ކިޔެވުމަށް އެންމެ ދަށް ކުއްޖާކަމުން މިނިސްޓަރުގެ ކުރިމަތީގައި އަޅުގަނޑު ބުނާއެއްޗަކުން ޓީޗަރު ލަދުގަންނަން ޖެހިދާނެތީ އަޅުގަނޑު ކައިރީ މިއަދު ސްކޫލްއަށް ނައުމަށް އެދުނެވެ. ނަމަވެސް އަޅުގަނޑު ގޭގެ މީހުން މިކަމާ ކަންތައް ބޮޑުވާނެކަން އެނގޭތީ ފޮތް ދަބަސް ހިފައިގެން ގެއިން ނިކުތީއެވެ.
ކުއްޖާ ދެއްކި ވާހަކަތައް އަޑު އެއްސެވުމަށްފަހު މިނިސްޓަރު ވަރަށް ދެރަވެއްޖެއެވެ. މިހާ މޮޅު އަދި ސްމާޓް ކުއްޖަކު އެއީ ބޭކާރު ކުއްޖެއްކަމަށް ބެލީތީ މިނިސްޓަރު ހުންނެވީ ހައިރާން ވެފައެވެ. މިނިސްޓަރު ދެން ކުއްޖާކައިރީ ވިދާޅުވިއެވެ. ކާރަށް އަރާށެވެ.އަދި މަށާ އެކުގައި އަންނާށެވެ.
ކާރުގައި މިނިސްޓަރާ ކުއްޖާއަށް ސްކޫލަށް ދެވުނު އިރު ހުރިހާ ކުދިންނާއި ޓީޗަރުން މިނިސްޓަރަށް މަރުހަބާ ދެންނެވުމަށް އެއްވެފައި ތިއްބެވެ. އަދި އެއްކަލަ ކުއްޖާ މިނިސްޓަރުގެ ކާރުން ފައިބާތަން ފެނިފައި އެންމެން ހައިރާންވެ އަނގަ ހުޅުވިގެން ދިޔައެވެ.
ހުރިހާ އެންމެންގެ ކުރިމަތީގައި މިނިސްޓަރު ކުއްޖާ އޭނާގެ ކައިރިޔަށް ގެންނެވިއެވެ.އަދި އެންމެންގެ ކުރިމަތީގައި ކުއްޖާގެ މޮޅުކަމުގެ ވާހަކަ ދައްކަވާ ތައުރީފް ކުރެއްވިއެވެ.އަދި ޓީޗަރު އެފަދަ ގޯސް ކަމެއް ކުރީތީ ޓީޗަރު ކުށްވެރިކުރައްވާ އަދަބު ދެއްވިއެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި ކުދިންގެ ކިބައިގައި ވިސްނުންތޫނުކަމާއި ކުޅަދާނަކަން އެކިގޮތްގޮތަށް ހުރެދާނެއެވެ. އަދި މީހާ ވިސްނުން ތޫނު މީހަކަށް ވަނީ ހަމައެކަނި އެކަޑަމިކް ގޮތުން މަޅުވީމަ ނޫންކަމަށް ވިދާޅުވިއެވެ.އަދި ހަމަ އެކަނި ކްލާހުގަ ހޯދާ ގްރޭޑަށް ބަލައިގެން ކުއްޖަކު ޖަޖް ނުކުރުމަށް އެންގެވިއެވެ.
މިނިސްޓަރު ވަނީ އެކި މީހުންގެ ކިބައިގައި ކުޅަދާނަކަން ހުންނާނީ އެކި ދާއިރާ ތަކުންކަން ހާމަ ކޮށްދެއްވާފައެވެ. އަދި ހަމައެކަނި ކިޔެވުމަށް މޮޅު ނުވިޔަސް އެފަދަ ކުދިންނާއަޅާނުލާ ދޫކޮށްލައިގެން ނުވާނެކަމަށް ހުރިހާއެންމެންނަށް އަންގަވާފައެވެ.
ހުރިހާއެންމެން ކުރިމަތީ މިނިސްޓަރު ކަންތައް ކުރެއްވިގޮތުން ކުއްޖާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ވަރަށް ބޮޑަށް އިތުރު ވެގެން ދިޔައެވެ. އަދި މޮޅަށް ކިޔެވުމަށް އެދުވަހުން ފެށިގެން އަޒުމް ކަނޑައެޅިއެވެ.