އަހަރެން މަސައްކަތްކުރި ތަނެއްގައި އަހަރުތަކެއް ކުރިން ވަޒީފާއަދާކުރި އަންހެނެކެވެ. ވަރަށް ތަފާތު މީހެކެވެ. އޭނާ ކުރަންހުންނަ މަސައްކަތް ނިންމާފައި ގެއަށް ދާނެއެވެ. ވަރަށް މަދުން ނޫނީ މީހަކާ އަނގައިންނެއް ނުބުނާނެއެވެ. އަހަރެމެން މަދު މީހަކަށް ނޫނީ އޭނާގެ ނަމެއްވެސް ނޭނގެއެވެ.
ދުވަސްތައް މިގޮތުގައި ފާއިތުވެދިޔަފަހުން އެތަނަށް އާ މުވައްޒަފަކު ވައްދައިފިއެވެ. އަނގަގަދަ މީހެކެވެ. ކޮންމެފަދަ އެއްޗެއްވެސް ޖެހިލުމެއްނެތި ބުނެފާނެއެވެ.
އެއްދުވަހަކު އޭނާ އެއްކަލަ އަންހެންމީހާއާ ދިމާކޮށްލައިފިއެވެ. މަޖަލަކަށް ހަދާފައި، މަލާމާތުގެ ރާގަކަށް ބުންޏެވެ. ”އަޅެ މީނާ ކޮންމެ ދުވަހަކުވެސް ވަޒީފާއަށް އަންނަނީ މިހެން ހުރެގެންހެއްޔެވެ؟ ލައިގެން ހުރި ހެދުންވެސް ނިކަން ބަލާބަލަލާށެވެ! ހީވަނީ ހިއްކަންއަޅާފައި ރޯނުން ނަގާގޮތަށް ގަޔަށް މަހާލައިގެން ހުރިހެންނެވެ.“
އެހެން ބުނުމާއެކު ކަކަކަކަލާފައި އެންމެން ހީނގަތެވެ. އަހަރެންނާއި އެ އަންހެންމީހާ ފިޔަވައެވެ.
އެއްވެސް ބަހެއް ނުކިޔައި އަންހެންމީހާ ވަގުތުން އޭނާގެ ސާމާނު ދަބަހަށް އަޅައިގެން ނުކުމެގެން ހިނގައްޖެއެވެ. އޭނާގެ ޑިއުޓީ ގަޑިވެސް ނުނިމެނީހެވެ.
އޭގެފަހުން އޭނާ އެތަނަށް މަސައްކަތްކުރާކަށް ނާދެއެވެ. އަނެއްދުވަހު އަހަރެމެންނަށް ލިބުނީ އޭނާ ވަޒީފާއިން ވަކިވި ޚަބަރެވެ.
އަހަރެންނަށް ފަހުން އެނގުނުގޮތުގައި އޭނާ އައީ ވަރީގެ ސަބަބުން ހިތްދަތި ދުވަސްތަކެއް ކަޑައްތުކުރަމުންނެވެ. އޭނާގެ ބަލި ދަރިފުޅާއެކު ދިރިއުޅުން ކުރިއަށްގެންދިއުމަށް އޮތް ހަމައެކަނި މަގަކީ އެ ވަޒީފާއެވެ. ނަމަވެސް….
އެކަންވެސް އޭނާގެ އަތުން ނިގުޅައިގަނެވުނީއެވެ. މީހަކު ބުނި ”ކުޑަކުޑަ“ ބަހެއްގެ ސަބަބުންނެވެ. އެ ބަހުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖެހުނީއެވެ.
އެ ދުވަހު އަހަރެންނަށް ދަސްވި ވަރަށް ބޮޑު ފިލާވަޅެކެވެ. ބުނާ ކޮންމެ ބަހަކީ ކުޑަ ބަހެއް ނޫނެވެ. އޭގެ ސަބަބުން އަނެކާގެ ހިތުގައިޖެހިދާނެއެވެ. އަދި އޭގެ ސަބަބުން އެމީހަކަށް ކޮންމެފަދަ ދެރަ ގޮތެއްވެސް މެދުވެރިވެދާނެއެވެ.
-ތަރުޖަމާއެއް-