އަވަސް އަރުވާލާފައި ފޯޅަވަހި މޮރިޝަސްއަށް މިދިނީ ކީއްވެގެން

Loading

Facebook
Twitter
WhatsApp

އަޅުގަނޑުމެންގެ ތެރޭގައި ފޯޅަވައްސަކީ ނުވަތަ ފޯޅަވަހިން ކޮންމެވެސް ބައެއް ދިވެހިންނަށް ލިބެންޖެހޭނެކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު ގަދަވެފައިވާއިރު އިނގިރޭސި ވިލާތާއި އަދި ބައިނަލް އަގްވާނީ މައިދާނުގައި ފޯޅަވަހީގެ މައްސަލަ އުޅޭގޮތްވެސް ދެނެގަތުން ރަނގަޅުވާނެއެވެ. 

                                    

ދުނިޔޭގެ ސިޔާސީ މާހައުލު ދެވޭ ނުދެވޭ ތަނެއްނޭންގި ބާރު ދުވެލީގައި ދުވަމުންދާއިރު އިނގިރޭސި ވިލާތުގެ ބާރުގެ ދަށުގއިއޮތް މުހިންމު ސަރަހައްދެއް އަވަސް އަރުވާލައިގެން ދޫކޮށްލުމުގައި ވިސްނައި ނުގަނެވޭ ސަބަބުތަކެއް އޮތް ކަމަށް ގަބޫލުކުރެވެއެވެ. އިންޑިއާ ކަނޑުން ބައިނަލް އަގްވާމީ މައިދާނުގައި އިނގިރޭސި ވިލާތުގެ ބާރު ތަމްސީލު ކުރެވެން އޮތް ހަމައެކަނި ސަރަހައްދު އެތައްހާސް މޭލެއް ދުރުގައި އޮތް މޮރިޝަސް ޖަޒީރާއަށް ދޫކޮށްލުމުގައި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ބައިވަރު ސަބަބުތައް ލިބިފައި ހުރިކަން ގަބޫލުކުރަން ޖެހެއެވެ. އަދި އެއިން ދޭހަކޮށްދެނީ އިނގިރޭސި ވިލާތުގެ ސެކިއުރިޓީ ބަލިކަށި ވަމުންދާ މިންވަރެވެ.              

ފޯޅަވަހި މޮރިޝަސް އަށް ދިނުމުގައި ހުރި ގާނޫނީ އަދި ޕްރެކްޓިކަލް ބުރަދަނަށް މި ފުރުސަތުގައި ބަލާލުން ރަނގަޅުވާނެއެވެ.                                                           

އެންމެ ފުރަތަމަފޯޅަވަހީގެ އަސްލު ވަޒަންވެރިން ދެކޭގޮތުގައި އިނގިރޭސިވލާތުން އަހަރަކު 101 މިލިއަން ޕައުންޑް މޮރިޝަސް އަށް ދޭގޮތަށް އެމެރިކާ އާއެކު ހެދީ ވަގު ޑީލެކެވެ. އެއީ އެ އަތޮޅުގެ އެންމެ ބޮޑުރަށް ފޯޅަވަހީގައި އެމެރިކާއާއި އިނގިރޭސި ވިލާތުގެ މިލިޓްރީ ބޭސްއެއް ހަދާށެވެ. އިނގިރޭސި ސަރުކާރުން ދެކޭ ގޮތުގައި އެ އަތޮޅު މޮރިޝަސް އަށް ދީގެންނޫނީ އެ މިލިޓްރީ ބޭސް އޮޕަރޭޓް ކުރުމުގައި ގާނޫނީ ހުރަސްތަކެއް މެދުވެރިވުން ގާތެވެ. އަދި އޭގެ ސަބަބުން އިނގިރޭސި ވިލާތުގެ ސެކިއުރިޓީއަށްވެސް ނުރައްކާ ކުރިމަތި ވެދާނެއެވެ. ދިފާއީ ވަޒީރު ޖޯން ހީލީ ޕާރލަމެންޓްގައި ވިދާޅުވެފައިވަނީ މިގޮތަށް ކަންތައް ނުކުރިނަމަ މަދު ދުވަސްކޮޅެއްގެ ތެރޭގައި މިލިޓްރީ ބޭސް ނުހިންގޭނެ ކަމަށާއި އަދި އިނގިރޭސި ވިލާތުގެ ސެކިއުރިޓީއަށް ބޮޑެތި ގޮންޖެހުންތަކެއް މެދުވެރިވާނެކަމަށެވެ. އޭގެފަހުން އެ އަތޮޅަކީ އިނގިރޭސި ވިލާތުގެ ބާރުގެ ދަށުގައި ބޭއްވިދާނެ ތަނެއްތޯ ސުވާލު އުފެދި ގާނޫނީ ތަޅާފޮޅުމެއްގެ ތެރެއަށް ވަންނަން ޖެހުން ކައިރިއެވެ. ސަބަބަކީ ފޯޅަވައްސަކީ މޮރިޝަސް ޖަރީގެ ތަނެއްކަމަށް ޔުނައިޓެޑް ނޭޝަންސްގެ ތަފާތު އިދާރާތަކަކުން ބަލައިގެންފައިވާތީއެވެ. 1960 ވަނަ އަހަރު މޮރިޝަސް ޖަޒީރާއަށް މިނިވަންކަން ދިނުމަށްފަހު ފޯޅަވަހި އެގައުމުން ވަކި ނުކުރެވޭނެކަމަށްބުނެ މޮރިޝަސް އިން ވަނީ މައްސަލަ ޖައްސާފައެވެ. އެ މައްސަލާގައި ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ ގައި ވޯޓުނަގާފައި ވަނިކޮށް  އަދި އެ ވޯޓުގެ މައްޗަށް 2019 ވަނައަހަރު ބައިނަލް އަގްވާމީ އަދުލު އިންސާފުގެ ކޯޓުން މިހާރުވަނީ އިސްތިޝާރީ ލަފާދީ އެލަފާ އަށް ބައިނަލް އަގްވާމީ ކަނޑުގެ ގާނޫނާބެހޭ ޓްރައިބިއުނަލްގެ ސްޕެޝަލް ޗޭމްބަރުން ސިއްކަ ޖަހާފައެވެ. މި ނިންމުންތަކުގެ އަލީގައި ވަރަށް ކައިރި މުސްތަގްބަލެއްގައި ފޯޅަވައްސަކީ މޮރިޝަސް ޖަރީރާގެ ތަނެއްކަމުގެ ނިޔާ އިއްވިގެން ހިނގައިދާނެ ކަމަށް ދިފާއީ ވަޒީރު  ޖޯން ހީލީ ވިދާޅުވިއެވެ.                                                        

ދިފާއީ ވަޒީރު ތިޔަ ވިދާޅުވާ ޕްރެޝަރ އަންނަ ފަރާތްތަކަކީ ކޮބައިތޯ ހައުސް އޮފް ކޮމަންސް އިން ސުވާލުތައް ކުރިމަތި ކުރަން ފެށުމުން އެމަނިކުފާނު ޖަވާބުގައި ވިދާޅުވީ އިނގިރޭސި ވިލާތާ ދެކޮޅަށް މިހާރުވެސް ގިނަ ނިންމުންތަކެއް އައިސްފައިވާ ކަމަށެވެ. އޭގެތެރެއިން އެންމެ ނުރައްކާތެރިކަމަށް ބެލެވެނީ ބައިނަލް އަގްވާމީ ކަނޑުގެ ގާނުނަށް ރިއާޔަތްކޮށް ޓްރައިބިއުނަލް އޮފް ދަ އިންޓަރނޭޝަނަލް ކޮންވެންޝަން އޮފް ދަ ސީގެ ނިންމުމެވެ. ސަރުކާރަށް މި މައްސަލަ ނާކާމިޔާބު ވެއްޖެނަމަ އެ ޖަޒީރާގައި މިލިޓްރީބޭސް އެއް ހިންގުމަށް ބައިނަލް އަގްވާމީ ގޮތުން ހުރަސްތަކެއް ކުރިމަތިވުން ގާތެވެ.                     

ފޯޅަވަހީގެ އިންޓަރނެޓްގެވަސީލަތްތަކަށްވެސް ނުރައްކާކުރިވެދާނެ ކަމާއި އަދި އެއީ ވަރަށް އެކަހެރި ޖަޒީރާތަކަކަށްވެފައި މުވާސަޅާތީ ޚިދުމަތް ލިބެން ނެތްނަމަ މިލިޓްރީ ބޭސް މަރާމާތުކޮށް ބެލެހެއްޓުމަށް އެހެންގައުމުތަކުން މަސައްކަތުމީހުން ގެންދިއުންވެސް އުދަނގޫވާނެއެވެ. އަދި މޮރިޝަސް އިން ބޭނުންވެއްޖެ ހިނދެއްގައި އެ ޖަޒީރާތަކަށް މަތިންދާބޯޓު ދަތުރުކުރުންވެސް ބައިނަލް އަގްވާމީ ގާނޫނުގެ ދަށުން ހުއްޓުވިދާނެކަމުގެ ބިރުވެރިކަން އެބަ އޮތެވެ.                                

ސަރުކާރުގެ މި ވާހަކަޔަކާދޭތެރޭ ކޮންޒަވޭޓިވް އަދި އިސްލާހަށް މަސައްކަތްކުރައްވާ އެމް ޕީ އާއި ސަރުކާރުގައި ހިމެނޭ ބައެއް ބޭފުޅުންނާއި އަދި ބައެއް ބޭރުގެ ޑިޕްލޯމެޓުންވެސް ވިދާޅުވަމުން ގެންދަވަނީ އެ ދައްކަވަނީ އުފަންނުވާ ދަރިއެއްގެ ވާހަކަތަކެއް ކަމަށެވެ. އަދި ދިފާއީ ވަޒީރު އެހުންނެވީ ބައިނަލް އަގްވާމީ ގާނޫނުތަކުގެ ކުރިމަތީގައި މާބޮޑަށް ކުޑަކަކޫ ޖައްސަވައިގެން ކަމަށެވެ. ޝެޑޯ ދިފާއީ ވަޒީރު ޖޭމްސް ކާރޓްލިޖް އެމް ޕީ ންނަށް ދަންނަވާފައިވަނީ ދިފާއީ ވަޒީރު އެ ވިދާޅުވާ ކަންތައްތަކުން ދިފާއު ވެވޭނެ ގޮތްތައްވެސް ފެންނާނެކަމަށެވެ.                                             

ސަރުކާރުގެ ދެވަނަ ޒުވާބަކީ އެމެރިކާއާއި އިނގިރޭސި ވިލާތުން އެފަދަ އެއްބަސްވުމެއް މިހާރު ގާއިމް ނުކޮށްފިނަމަ މޮރިޝަސްއިން އެ ޖަޒީރާގައި އެހެން ގައުމެއްގެ މިލިޓްރީ ބޭސްއެއް އުފެއްދުމަށް ބައިނަލް އަގްމާމީ ގަވައިދުތަކުގެ ދަށުން ހުރަސްއެޅޭނެ ގޮތެއް ނޯންނާކަމަށާއި އެންމެ ފުރަތަނަ އެކަން ކުރާނީ ޗައިނާއިން ކަމަށެވެ. ބޭރުގެ އެހެން ގައުމަކުން އެ ޖަޒީރާއަށް އަތްގަދަކުރަން ކުރާ ކޮންމެ މަސައްކަތެއް ހުއްޓުވުމުގެ ފުރުސަތު މި ކުރެވުނު އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތަށް ހުޅުވިގެންދާނެއެވެ. މި އެއްބަސްވުން ނެތިއްޖެނަމަ ދެން ޖެހޭނީ ޗައިނާއާއެކު ނިމުމެއްނެތް މިލިޓްރީ ކޯޅުމަކަށްދާށެވެ.               

ސަރުކާރާ ދެކޮޅު ވިސްނުމުގެ ބޭފުޅުންގެ ނަޒަރުގައި މިނިސްޓަރ އެ ދައްކަވާ އެއްވެސް ވާހަކަފުޅަކުން މޮރިޝަސް އިން ބޭނުންވެއްޖެ ހިނދެއްގައި ޗައިނާ ނުވަތަ ރަޝިޔާގެ މިލިޓްރީ ބޭސް އެއް އެ ޖަޒީރާތަކުގައި ހުޅުވުން މަނާ ކުރެވިދާނެ ކަމަކަށް ނުފެނެއެވެ.                                         

ސަރުކާރުން ވާހަކަތައް ސާބިތުކުރަން އެންމެ ފުޅާދާއިރާއެއްގައި ކުރަމުންގެންދާ ޒުވާބަކީ ފޯޅަވަހީގެ މައްސަލާގައި މިހާރުވެސް ރަހްމަތްތެރިންނާއި އަދި ދެކޮޅަށްވާހަކަދައްކާ ގައުމުތަކުގެ ދުލުކޮޅުގައި އޮންނަ ވާހަކައަކީ އިނގިރޭސި ވިލާތަކީ މުނާފިގު ދައުލަތެއް ކަމަށްބުނެ ކުރާ ތުހުމަތުތަކެވެ. މި ހާލަތުގައި ދެކުނު ޗައިނާސީއަށް ޗައިނާއިން އަދި ޔޫކްރެއިނަށް ރަޝިޔާއިން ބާރު ފޯރުވަނީ ކަމަށްބުނެ އިނގިރޭސިވިލާތުން ވާހަކަދައްކާނީ ކިހެނަކުން ހެއްޔެވެ ؟ ދުނިޔޭގެ ސިޔާސީ ވެށި މިވަރަށް ހަލަބޮޅި ވެފައިވާ ދުވަސް ވަރެއްގައި އެންމެގާތް ރަޙްމަތްތެރިންވެސް ދުޝްމިނުންނަށް ބަދަލުވެގެން ދިއުމަށް ވަގުތު ނުނަގާނެއެވެ. 

ސަރުކާރުން ބައިނަލް އަގްވާމީ ގާނޫނުތަކަށް ރިއާޔަތްކޮށްދައްކަމުން ގެންދާ ވާހަކަތައް އިދިކޮޅު ޕާރޓީތަކުން ގަބޫލެއް ނުކުރެއެވެ. ދުނިޔޭގައި މިހާރު ބައިނަލް އަގްވާމީ ގާނޫނުތަކަކި ބޭކާރު އެއްޗަކަށްވެ އަތްގަދަމީހާގެ ރުއްގިނަވުން އެއީ ގާނޫނުކަމުގައި ވެގެން ގޮސްފައިވާކަން ސިއްރެއް ނުކުރެވޭނެއެވެ.             

ފޯލަވަޙީގެ ހަގީގަތަކީ މިހާރުވެސް އެމެރިކާއިން ގެންދަނީ މޮރިޝަސްއާއެކު ވަރުގަދައަށް ގުޅުން ބަދަހި ކުރަމުންނެވެ. އިނގިރޭސި ވިލާތާއެކު ކުރެވުނު މި އެގްރީމެންޓުގެ ދަށުން ޒަމާންތަކަކަށް ފޯޅަވަހީގައި މިލިޓްރީ ބޭސްއެއް ގާއިމް ކޮށްގެންތިބުމުގެ ފުރުސަތު ލިބިއްޖެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރުބިއޯ ވިދާޅުވި ބަސްފުޅުގެ މުރާދަކީ އެއީއެވެ.                                    

އެމެރިކާއާއެކު ކުރެވުނު އެގްރީމެންޓްގެ މައްސަލަ މިހާރު އޮތީ ޕާލަމެންޓުގައެވެ. ސަރުކާރަށް މެޖޯރިޓީ ލިބިފައިވާ މިދަނޑިވަޅުގައި އެމީހުންކުރިކަންތައްތަކުގައި ރަނގަޅު ސިއްކަޖަހަން ވޯޓަކަށްދާނެއެވެ. 

Loading

2 Responses

  1. އިންޑިޔާގެ ދަށަށް ރާއްޖެވެސް މިގޮތަށް ދާނެއެވެ. އެހެނީ ގައުމަށްވުރެ ރައްޔތުން ހޮވާ ވެރީން މާބޮޑެވެ. އެމީހުންގެ އުޖާލާ ދިރިއުޅުން ފަހިކޮށްލެވުނީމާ ނިމުނީއެވެ. ރައްޔތުން ތިބީ ދެފަރާތުންވެސް ހަދާހާ ދޮގެއް ގަބޫލްކުރާށެވެ. ބައްކުރުުުުުުުންނޫން ކަމެއް ސަރުކާރާ ޙަވާލުވާ ބަޔަކު ނކުރެއެވެ. އަމުދުން ވެރިކަން ނިންމާލައިފާ ދިޔުމުންވެސް ޖަވާބުދާރީއެއް ނުކުރެވެއެވެ. ދެންވާނެ ހައެތި މިދަނީ ވަމުންނެވެ.

  2. ބައިނަލް އަގްވާމީ ގާނޫނުތަކާއި ގަވައިދުތަކަކީވެސް އެވެރިންނަށް މޮޅަށް އެވެރިން ހަދާއެއްޗެކެވެ. ގައުމެއް ނުވަތަ ގައުމެއްގެ ބައެއް އެހެން ގައުމަކަށްދޭން ބޭނުންވީމާ ބާރުގަދަ ހަމަލާތަކެއް ދީގެން އެ ގައުމެއް ސުންނާފަތި ކޮށްލައި ރައްޔިތުން އުފުރާލައިގެން އެހެން ތަނަކަށް ފޮނުވާލީމާ އެއޮތީ އެ ގައުމު ލިބިފައެވެ. ދެން އެހެންބަޔަކަށް ވިއްކާލާފައި މިއީ ބައިނަލް އަގްވާމީ ގާނޫނޭ ބުންޏަސް އެހެން ބަޔަކަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ.
    އެކަމަކު ފޯޅަވައްސަކާ ދިވެހިންނަކާ ގުޅުމެއް އޮތް ކަމަކަށް ނުބުނެވޭނެއެވެ.
    ދިވެހި މަސްވެރިން އެހިސާބަށް ދިޔަކަމަށް ބުންޏަސް ގަބޫލު ކުރަން އުދަނގުލެވެ. ރިޔަލު ދޯނިފަހަރުގައި މަސްވެރިކަން ކުރި ދުވަސް ވަރެއް ވީމައެވެ.
    ދިވެހިން ބަންގާޅަށާއި އަސޭ ކަރައަށްވެސް ދިޔައެވެ. އެކަމަކު އެއީ ދިވެހިންގެ ތަންތަނެއް ނޫނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް