ފަލަސްތީނުގެ އެއް މިލިއަން ރައްޔިތުން އެ ގައުމުން ބޭރުކޮށް ދާއިމަށްޓަކައި ލީބިޔާގައި ވަޒަންވެރިކުރުވަން އެމެރިކާއިން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް ޓްރަމްޕް ސަރުކާރުގެ އެތެރޭ މައުލޫމާތު އެނގޭ 5 ފަރާތަކުން އެން ބީ ސީ ނިއުސް،ކޮމް އަށް މައުލޫމާތު ދީފިއެވެ.
އެ މީހުން ބަދަލުކުރުމުގެ ވާހަކަ ލީބިޔާގެ 2 މަސްއޫލުވެރިއަކާއެކު ޓްރަމްޕް ސަރުކާރުން ހިއްސާ ކޮށްފައިވާކަންވެސް އެން ބީ ސީ އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ލީބިޔާ ސަރުކާރުން އެމެރިކާގެ ހުށައެޅުން ގަބޫލުކޮށްފިނަމަ ކާނަލް ގައްޒާފީގެ ވެރިކަމުގައި އެމެރިކާއިން ހިފާއްޓާފައިހުރި އެތައް ބިލއަން ޑޮލަރ އަނބުރާ ލީބިޔާއަށް ދޭނެކަމަށްވެސް ޓްރަމްޕ ސަރުކާރުން ވަނީ ބުނެފައެވެ.
މިކަމާގުޅިގެން ކުރެވެމުންދާ މަޝްވަރާތައް އަދި ނުނިމޭ ކަމަށާއި އެހެންނަމަވެސް ވަހާކަތައް ކުރިއަށްދާ މިންވަރު އިސްރާއީލުގެ ބޮޑުވަޒީރަށް އަޕްޑޭޓް ކުރަމުން ގެންދާކަމަށްވެސް އެން ބީ ސީ ނިއުސް އަށް ވަނީ އެނގިފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއަށާއި އަދި ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ޖަވާބެއް ހޯދުމަށް އެތައްފަހަރަކު ކުރި މަސައްކަތް މި އާރޓިކަލް ޕަބްލިޝް ކުރުމާހަމަޔަށްވެސް ވަނީ ކާމިޔާބު ނުވެފައެވެ. އޭގެފަހުން އެއީ ދޮގު ވާހައެއް ކަމަށާއި މިއީ އެކަހަލަ މަޝްވަރާއެއް ކުރުމަށް އެކަށީގެންވާ ވަގުތެއްވެސް ނޫންކަމަށް ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މައުލޫމާތު ދީފައި ވެއެވެ. އިސްރާއީލު ސަރުކާރުންވެސް ބުނެފައިވަނީ މައުލޫމާތު ލިބިފައި ނެތް ކަމަށެވެ. އެން ބީ ސީ ނިއުސްއިން ކުރި ސުވާލަށް ހަމާސްގެ އިސް އޮފިޝަލަކު ކަމުގައިވާ ބާސިމް ނައީމް ވިދާޅުވެފައިވަނީ ރަސްމީ ސިފައެއްގައި އެބާވަތުގެ އެއްވެސް ވާހަކައެއް އަޑު އަހާފައި ނުވާ ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނަކީ އެބައިމީހުންގެ ވަޒަން މިނިވަންކުރުމަށްޓަކައި ޖާނާއި މާލާއި އަދި މައިން ބަފައިންނާއި ފިރިންނާއި އަނބިދަރިންވެސް ގުރުބާން ކުރަން ތައްޔާރަށް ތިބޭނެ ބައެކެވެ. އެމީހުންގެ ވަޒަނުންބޭރުކުރެވޭނީ ފުރާނަ ނެތް މަސްގަނޑު އެކަންޏެވެ. ފަލަސްތީނުގެ ކޮންމެ ކަމެއްގައިވެސް ގޮޔް ނިންމާނީ ފަލަސްތީނުގެ ރައްޔިތުންނެވެ. އެއީ ބާރުގެ ބޭނުންކޮށްގެން ނުވަތަ ބަޔަކަށް ފައިސާދީގެން ނަތަންޔާހޫ އަކަށް އަދި ޓްރަމްޕް އަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.
ލީބިޔާގެ މިއަދުގެ ހާލަތަށް ބަލާއިރު ކާނަލް ގައްޒާފީ ޝަހީދުކޮށްލިފަހުން ގައުމަށް ހަމަޖެހިގެން ނޭވާލާނެ ދުވަހެއްވަނީ ނުލިބިފައެވެ. އޭގެފަހުން ފާއިތުވެގެން މިދާ ސާދަވަރަކަށް އަހަރު އެ ގައުމުގެ ރައްޔިތުންނަށް ޚިދުމަތެއް ދޭނެ މަގެއްވެސް ވަނީ ނުފެނިފައެވެ. އެއްކޮޅުން ގައުމުގެ ހުޅަނގު ސަރަހައްދުތަކުގައި އަބްދުލް ހަމީދު ދެއިބާހް ސަރުކާރެއް ހައްދަވައިގެން އުޅުއްވާއިރު އިރުމަތީ ސަރަހައްދު ތަކުގައި ޚަލީފާ ޚަފްތާރު ގެންދަނީ އެމަނިކުފާނުގެ ސަރުކާރެއް ހިންގަވަމުންނެވެ. ގައުމުގެ ދެކޮޅުގައި އުފައްދާފައިވާ 2 ސަރުކާރުގެ އަމާޒަކީ ދެކޮޅުވެރިކަމެވެ. ކާނަލް ގައްޒާފީގެ ޒަމާނުގައި އެފްރިކާ ބައްރުގެ އެން ފުދުންތެރި ގައުމު ލީބިޔާގެ މިއަދުގެ ހާލަތު ސޫދާނުގެ ދާރފޫރާއި އެއްގޮތޭ ބުނެވިދާނެއެވެ. ވައްކަން ކުރުމާއި ފޭރުމާއި މީހުން ވަގަށް ނެގުމާއި ޓެރަރިޒަމްގެ ހަރަކާތްތަކާއި އަދި ނުގޮވާހުރި ލޭންޑް މައިން ތަކުގެ ސަބަބުން އެ ގައުމަށް ދަތުރު ނުކުރުމަށް އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ އެގައުމު ރައްޔިތުންނަށް އިރުޝާދު އާންމު ކޮށްފައެވެ.
ދެއިބާހް ގެ ސަރުކާރުން މައުލޫމާތު ހޯދުމަށްޓައި އެން ބީ ސީ އިން ކުރި މަސައްކަތުން މައުލޫމާތު ލިބޭނެ ގޮތެއްވެސް ނުފެނުނެވެ. ހަފްތާރުގެ ނޭޝަނަލް ލިބަރޭޝަން އާރމީގެ ފަރާތުން ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ.
ލީބިޔާއަށް ދާން އެއްބަސްވާ ފަލަސްތީނީންނަށް އެމެރިކާ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމާއި އަދި ދިރިއުޅުމުގެ ޚަރަދުތަކަށްޓަކައި ކޮންމެވެސް އަދަދަކަށް ފައިސާ ދިނުމަށް ވާހަކަދެކެވޭ ކަމަށްވެސް އެން ބީ ސީ އަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.
އެމެރިކާއިން ކިތަންމެ ބޭނުންވިޔަސް އެއްމިލިއަން ފަލަސްތީނީން ލީބިޔާގައި ވަޒަންވެރިކުރުން މިހާރުން މިހާރަށް ފެންނަނީ ދުންބޮނޑިއެއްގެ ގޮތުގައެވެ. އެއްވެސް ހިސާބަކުން ސާފު މަންޒަރެއް ނުފެނެއެވެ. ލީބިޔާގައި މިހާރު ދިރިއުޅޭ އެގައުމުގެ އަށެއްކަ މިލިއަން މީހުންގެތެރެއަށް އިތުރު އެއްމިލިއަން ފަލަސްތީނީން ވަޒަންވެރިކުރުވުމަކީ އެމެރިކާގައި އިތުރު ފަންސާހަކަށް މިލިއަން މީހުން ވަޒަންވެރިކުރުން ކަހަލަ ކަމެއްކަމުގައި ސީ އައި އޭގެ އެންމެފަހުގެ ރިޕޯރޓް ތަކުން ހާމަވެފައި ވެއެވެ.
ރައީސް ޓްރަމްޕްގެ ވިސްނުންފުޅުހުރީ ލީބިޔާއަކީ މިޒަމާނުގެ ކުނިއަޅާ ގޮނޑަކަށް ހަދާލާށެވެ. ދާދި ފަހުން އެމެރިކާގެ އިމިގްރޭޝަނާ ގާނޫނާ ޚިލާފަށް އެ ގައުމުގައި ދިރިއުޅެމުން ގެންދާ ބޭރު ގައުމުތަކުގެ ރައްޔިތުންވެސް ލީބިޔާއަށް ފޮނުވާލަން މަސައްކަތްކުރިތަން ފެނިގެން ދިޔައެވެ. އެކަން ހުއްޓުވީ ފެޑެރަލް ފަނޑިޔާރުންނެވެ.
ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭނެ އަމާން ވެއްޓެއް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ލީބިޔާގައި އެއްމިލިއަން ފަލަސްތީނީން ވަޒަންވެރިކުރުން ރައީސް ޓްރަމްޕް އިއުލާންކުރުމާއެކު އެމަނިކުފާނަށް ތާއީދުކުރާ އެމެރިކާގައި ދިރިއުޅޭ އަރަބިންގެ ފާޑުކިއުން އަމާޒުވެގެން ދިޔައެވެ. އޭގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވަނީ އަމާންކަމާއެކު ދިރިއުޅެވޭނެ ހާލަތަކާއި ވެއްޓެއް ކަށަވަރު ކުރެވުނީމާ އެ ތަނަކަށް ހިޖުރަ ކުރުމަކީ ތާރީޚުންވެސް ފެންނަ ހަގީގަތެއް ކަމަށެވެ.
ލީބްޔާއާއި ވާހަކަދައްކައިގެން އެއްމިލިއަން ފަލަސްތީނީން އެ ގައުމުގައި ވަޒަންކުރުމުގެ ވިސްނުންފުޅު އައިކަމަށް ބެލެވެނީ ރައީސް ޓްރަމްޕް އާއި ބޮޑުވަޒީރު ނަތަންޔާހޫއާއި ދެމެދު އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ތެރޭގައިކަމަށް ބެލެވެއެވެ. ގައްޒާއަށް އިތުރަށް ހަމަލާ ނުދޭން ރައީސް ޓްރަމް އަންގަވާފައިވާ އެންގެވުމާ ދެކޮޅަށް ނަތަންޔާހޫ އަމަލުކޮށް ގައްޒާއަށް މެދުނުކެނޑި ހަމަލާ ދެމުން ގެންދިއުމުގެ ސަބަބުން ރައީސް ޓްރަމްޕް އާއި ނަތަންޔާހޫއާދެމެދު ފުށޫ އެރުން ތަކެއް އުފެދިފައިވާކަމަށް މީޑިއާތަކުގައި ބުނަމުންގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.