ޗާގޯސްއާ ބެހޭގޮތުން ގޮތެއްނިންމުން އަނެއްކާވެސް ފަސްކޮށްފިއެވެ.
މިފަހަރު މަސްއަލަ ފަސްކޮށްފައިވަނީ ޗާގޯސް އަށް ނިސްބަތްވާ ދެއަންހެނުން ހުށަހެޅި ގާނޫނީ މައްސަލައަކާއި ގުޅިގެން، އެމައްސަލަ ބަލައިގަތުމަށްފަހު އިގިރޭސި ހައިކޯޓުގެ ފަޑިޔާރަކު ނިންމި ނިންމުމަކާއި ގުޅިގެންނެވެ.
އެއާއެކު ޗާގޯސް މައްސަލައާ ބެހޭ ވާހަކަތައް އަދި ނިމުމަކަށް ނުގެނައުމަށް ސަރުކާރަށް ވަނީ ހައިކޯޓުން އަންގާފައެވެ.
ދެއަންހެނުން މައްސަލަ ހުށަހަޅާފައިވަނީ އިގިރޭސި ފޮރިން އޮފީހާ ދެކޮޅަށެވެ.
ކުރިން ހަމަޖެހިފައިއޮތީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިގިރޭސި ބޮޑުވަޒީރު ކެއިރު ސްޓާމާ، އޮންލައިންކޮށް ބާއްވާ ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި މޮރިޝަސް ސަރުކާރުގެ ވެރިންނާއެކު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށެވެ.
މިއަދު ސޮއިކުރާ ގޮތަށް އޮތް އެއްބަސްވުމުގެ ދަށުން ޗާގޯސް ޖަޒީރާތައް، އިގިރޭސި ވިލާތުން ރަސްމީކޮށް މޮރިޝަސްއާ ހަވާލުކުރެވޭނެއެވެ. ނަމަވެސް އިގިރޭސިވިލާތާއި އެމެރިކާއިން އެތަނުގައި އަޅާފައިވާ މިލިޓަރީ ބޭސްތައް 99 އަހަރަށް ބޭނުން ކުރުމުގެ ހުއްދަ ،މިއެއްބަސްވުމުގެ ދަށުން ލިބިދެއެވެ.
މިއެއްބަސްވުމުގެ ދަށުން ބޭސްތައް ބޭނުންކުރަމުން ގެންދިއުމަށް މޮރިޝަސް އަށް ދޭންޖެހޭ އަގު، އަދި އިގިރޭސިސަރުކާރުން ހާމަކޮށްފައިނުވާކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އެތައްބިލިއަން ޑޮލަރަށް އަރާނެކަމަށް ވަނީ ބެލިފައެވެ.