އިންޑިޔާގެ ބެންގަލޫރަށް ބޯކޮށްވާރޭވެހުމުގެ ސަބަބުން އެސިޓީގެ ބޮޑުބައެއްގައި ފެންބޮޑުވެފައިވާކަމަށް ޚަބަރު ލިބެއެވެ. އިންޑިޔާގެ ސިލިކޯން ވެލީގެ ގޮތުގައިވެސް މަޝްހޫރުވެފައިވާ ބެންގަލޫރަށް ކުރަމުންދާ ވިއްސާރަޔަކީ އަންދަމަން ސީގެ މަތީގައި އުފެދިފައިވާ ސައިކްލޯނިކް ފޯމޭޝަން ތަކެއްގެ ސަބަބުން ކުރަމުންދާ ވިއްސާރަޔެއްކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.
އަންގާރަ ދުވަހުވެސް އިތުރަށް ވާރޭވެހޭނެކަމަށް ބެލިފައިވާއިރު މޫސުންގޯސްވެ ހިންގި ހާދިސާތަކުގައި ހޯމަދުވަހު ތިންމީހުން މަރުވެފައިވާ ކަމަށް ޚަބަރުލިބެއެވެ. މީގެ ތެރޭގައި ފާރެއް ވެއްޓުމުގެ ސަބަބުން މަރުވި 35 އަހަރުގެ އަންހެނަކާއި އެހެން ހާދިސާއެއްގައި މަރުވި އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނެއެވެ.

ބެންގަލޫރަކީ ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކެއްގެ އޮފީތައްވެސް ހުންނަ ސިޓީ އަކަށް ވާއިރު، މަގުތަކުގައި ފެންބޮޑުވެ ދަތުރު ފަތުރު ކުރެވޭވަރުނުވާތީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ގިނަ ކުންފުނިތަކުންވަނީ އަންގާފައެވެ.
ހޯމަ ދުވަހު އެސިޓީއަށް ކުރި ވިއްސާރައިގައި ސަތޭކަމިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
މިއީ 2011 ގެފަހުން މިހާގިނައިން އެހިސާބަށް ވާރޭވެހުނު ފަހަރުކަމަށް ވެއެވެ. ވެހުނު ބޯވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ދަތުރު ފަތުރު ނުކުރެވޭވަރުވެފައި ވާއިރު ބައެއް ތަންތަނަށްވެސް ގެއްލުން ލިބިފައިވެއެވެ.