ޙިކުމަތްތެރި ކަންޒުކަހަނބު (2)

Loading

May 19, 2025
profile
Facebook
Twitter
WhatsApp

ކަންޒުކަހަނބު މަޑުމަޑުން ފަހަރަކު ފިޔަވަޅެއް އަޅަމުން ކުރިއަށް ދާންފެށިއެވެ.

ކަންޒުކަހަނބު ދަތުރުކުރަން އޮތީ ފަސޭހަ ރާސްތާއެއް ނޫނެވެ. ކުރު މަގުން ދަތުރުކުރާކަށް ކަންޒުކަހަނބު ޚިޔާލެއް ނުކުރިއެވެ. އެއީ ކަށި ގަސްތަކުން ފުރިފައިވާ މަގަކަށް ވީތީއެވެ.

ކަންޒުކަހަނބު ރޭހުގައި ކުރިއަށްދަނިކޮށް މަކުނުވަލެއްގައި ހައްޔަރުވެފައި އޮތް ރޯފަންފުޅަންގަކާ ދިމާވިއެވެ. ކަންޒުކަހަނބު އެސޮރު މަކުނުވަލުން ސަލާމަތްކޮށްދިނެވެ.

އަނެއްކާވެސް ކަންޒުކަހަނބު ހިނގައިގަތެވެ. މިފަހަރު ދިމާވީ ފެންބޮވައިގެންފައިވާ މުގޮށިމީދަލަކާއެވެ. ކަންޒުކަހަނބު އެސޮރަށް އެކި ކަހަލަ ބެރީ ގެނެސްދިނެވެ.

ކަންޒުކަހަނބު ހިނގަމުން ކުރިއަދިޔައިރު ދޭތެރެއަކުން މަޑުކޮށްލައިގެން އޮވެއެވެ. އަރާމުކޮށްލާކަށް ނޫނެވެ. ގަސްތަކުގައި ވައިރޯޅި ބީހިލާ އުފާވެރި މަންޒަރު ދެކެލައި، އަވީގެ ހޫނުކަން އިހުސާސް ކޮށްލުމަށެވެ.

އޭރު އެހެން ހުރިހާ ޖަނަވާރުތައް ބާރަށް ދުވަމުން ދެއެވެ. އެންމެ ކުރިން ރޭސް ނިންމުމުގެ ފަޚުރު ހޯދުމަށެވެ.

ވަކި ހިސާބަކަށް ގޮސްފައި ޗީޓާ ހިތަށްއެރިއެވެ. ”ހަމަ ގައިމެވެ. އަދި ކަންޒުކަހަނބަށް މާ ދުރަކަށް ނުދެވޭނެއެވެ.“ މިހެންހިތައި އަރާމުކޮށްލުމަށް ޗީޓާ ގަހެއްގެ ދޮށުގައި އޮށޯވެލައިފިއެވެ.

ރާމާމަކުނު ރޭހުގައި ވަރަށް ދުރަށް ދުވެވުނުތަނާ އަނބު އަޅައި ބަރާވެފައި އޮތް ގަހެއް ފެނުނެވެ. ރާމާމަކުނު ބަލާކަށްނުހުރެ އެއްކަލަ ގަހަށް އަރައި އަނބު ކާންފަށައިފިއެވެ.

ރަންވަންފުއްލާއަށް ވީ މާ ދެރަ ގޮތެކެވެ. މަގުއޮޅިގެން ދަމުން ދަމުންގޮސް އެއް ހިސާބެއްގައި ދެތިން ބުރު ޖެހިއިރުވެސް ދާންވީ ދިމާއެއް ނޭނގުނެވެ.

އިރުއޮއްސޭ ވަގުތު ގާތްވަމުން ދިޔަވަރަކަށް ހުރިހާ ޖަނަވާރުތައްވެސް މަސައްކަތްކުރީ އަވަހަށް ރޭސް ނިންމާ ހިސާބަށް ދެވޭތޯއެވެ.

ރޭސް ނިންމާ ހިސާބަށް ހުރިހާ ޖަނަވާރުތަކަށްވެސް އާދެވިއްޖެއެވެ. ނަމަވެސް ކަންޒުކަހަނބު ފެންނާކަށް ނެތެވެ. އެސޮރު ވީ ހިސާބެއް އެނގޭ އެހެން ޖަނަވާރެއްވެސް ނެތެވެ.

ޗީޓާ އާފުރެމުން ބުންޏެވެ. ”ހަމަ ޔަގީނެވެ. ކަންޒުކަހަނބު ހިތްވަރު އެލުވާލާފައި ރޭހުން ފިލީއެވެ.“

ރާމާމަކުނު ހީގެންފައި ބުންޏެވެ. ”ހެނދުނުން ފެށިގެން އެސޮރުގެ ޚަބަރެއް ނުވެއެވެ.“

ކުއްލިއަކަށް އަޑެއް އިވެންފަށައިފިއެވެ. އަޑު އަންނަނީ ގަސްތަކުގެ ތެރޭންނެވެ. ލަސްލަހުން، މަޑުމަޑުންނެވެ. ޓޮކް ޓޮކް ޓޮކް….

ހުރިހާ ޖަނަވާރުތައް ބަލަންތިއްބާ ގަސްތަކުގެ ތެރޭން ނުކުމެގެން އެ އަންނަންފެށީ ކަންޒުކަހަނބެވެ. އެސޮރު އޮތީ ވަރަށް ހަމަޖެހިލައިގެންގެންނެވެ. އެސޮރުގެ ތޮށިގަނޑަށް އިރުގެ އެޅިފައި އޮންނައިރު ހީވަނީ ރަންގަޑެއްހެންނެވެ.

ހުރިހާ ޖަނަވާރުތައް ކަންޒުކަހަނބާ ދިމާއަށް ހައިރާންވެފައި ބަލަން ތިއްބެވެ. އެއިން އެއްވެސް ކަމަކަށް ސަމާލުކަންނުދީ ކަންޒުކަހަނބު ކުރިއަށްދިޔައެވެ.
ގުރާ ކައިރިން އަޅާފައި، މުސަޅު ފަސްދީފައި، މީގޮނު ކައިރިންލައިގެން ގޮސް ބަސްހުއްޓިފައި އޮތް ޗީޓާ ފަހަނައަޅައި ގޮސް ކަންޒުކަހަނބު ރޭސް ނިންމައިފިއެވެ.

މުޅި ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. އެއްވެސް ޖަނަވާރެއް އަޑެއްވެސް ލައްވާނުލައި ތިއްބެވެ.

ކުއްލިއަކަށް ސިންގާ ރަސްގެފާނު ގޮވާލި އަޑު އިވުނެވެ. ”އެހެން ހުރިހާ ޖަނަވާރެއްވެސް ދުވެލި އަވަހެވެ. ނަމަވެސް ކުރިއަށް ދިއުމުގެ ބަދަލުގައި ބޭކާރު ކަންކަމުގައި މަޝްޣޫލުވީއެވެ. ކަންޒުކަހަނބުގެ ދުވެލި މަޑެވެ. އެކަމަކު އެސޮރުވީ އޯގާތެރި، އެހެންމީހުންނަށް އަޅާލާ، ޢަޒުމް ވަރުގަދަ، ޙިކުމަތްތެރި ޖަނަވާރަކަށެވެ.“ މިހެން ބުނެފައި ކަންޒުކަހަނބުގެ ބޮލުގައި ރިހި ތާޖު އަޅުވައިދިފިއެވެ.

ކަންޒުކަހަނބު ސިންގާ ރަސްގެފާނަށް އަދަބު އިޙުތިރާމް އަދާކޮށްފައި ބުންޏެވެ. ”ދުވެއްޔަކީ މީހުންގެ ސަމާލުކަން ލިބިދާނެ ކަމެކެވެ. އެހެންނަމަވެސް ކެތްތެރިކަމަކީ އަނެކާގެ ހިތުގެ ފުންމިނުން ޖާގަ ލިބިދާނެ ކަމެކެވެ.“

އެދުވަހަށްފަހު ކަންޒުކަހަނބުގެ ވާހަކައަކީ އެ ޖަންގަލީގައި މިސާލުނެގޭ ވާހަކައަކަށް ވެއްޖެއެވެ. ބޮޑެތި ޖަނަވާރުތައް ޅައެއްޗެއްސަށް ޢިބުރަތުގެގޮތުން ކިޔައިދޭކަމަށް ވެއެވެ. ”އަވަސްއަރައިގަނެގެން ކަންކަން ކުރުމަކީ މީހާގެ މޮޅުކަމެއް ނޫނެވެ. އެންމެ ދުވެލި މަޑުކަމަށް ފެންނަ ކަންޒުކަހަނބުވެސް ކެތްތެރިކަމުގެ ސަބަބުން ރޭހުން ކުރިހޯދައެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް