މުސްލިމެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ إخلاصތެރިކަމުގެ ސިފައެވެ. އެ އާއި ނުލައި މުސްލިމެއްގެ أخلاق ފުރިހަމައެއް ނުވެއެވެ.
مكةއިން مدينة އަށް މުސްލިމުންގެ ތެރެއިން އަންހެން ކަނބަލަކު ހިޖުރަކުރެއްވިއެވެ. އެ ކަމަނާގެ ނަމަކީ ام قيس އެވެ. އެއަށް ފަހު أصحاب ބޭކަލަކު ހިޖުރަކުރެއްވިއެވެ. އެ ބޭކަލަކު ހިޖުރަކުރެއްވީ އެ ކަމަނާއާ ކައިވެނިކުރުމަށެވެ. اللهގެދީނަށް نصرދިނުމަކަށް ނޫނެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން رَسُولُ اللهِ صَلّى اللهُ عَلَيْهِ وَسَلَّم، އެ ފަދަ އަމަލުތައް ގޯސްކުރެއްވިއެވެ. އަދި ﷲއަށް ޚާލިސް ނުކުރެވޭ ކަންތަކުގެ ހަގީގަތް ބަޔާންކޮށް ދެއްވިއެވެ. ފަހެ حديثކުރެއްވިއެވެ. وعَنْ أَميرِ الْمُؤْمِنِينَ أَبِي حَفْصٍ عُمرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «إنَّما الأَعمالُ بالنِّيَّات، وإِنَّمَا لِكُلِّ امرئٍ مَا نَوَى، فمنْ كانَتْ هجْرَتُهُ إِلَى الله ورَسُولِهِ فهجرتُه إلى الله ورسُولِهِ، ومنْ كاَنْت هجْرَتُه لدُنْيَا يُصيبُها، أَو امرَأَةٍ يَنْكحُها فهْجْرَتُهُ إلى ما هَاجَر إليْهِ»، متَّفَقٌ عليه. މާނައީ: މާތް اللهރުއްސުންލެއްވި اميرالمؤمنين ابو حفص عمرގެފާނުކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رَسُولُ اللهِ صَلّى اللهُ عَلَيْهِ وَسَلَّم، حديث ކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. އެ ކަލޭގެފާނު حديث ކުރެއްވިއެވެ. ހަމަކަށަވަރުން عملތައް ވަނީ ނިޔަތުގެ މައްޗަށެވެ. އަދި އެ عملތަކުގެ جزاء ލިބުންވަނީ އެ މީހެއްގެ ނިޔަތުގެ މައްޗަށެވެ. ފަހެ އެ މީހެއްގެ هجر ކުރުން اللهއާއި رسولއާ އަށްޓަކައި ހަދައިފި މީހާގެ هجر ކުރުންވަނީ قبول ވެގެންނެވެ. އަދި އެ މީހެއްގެ هجر ކުރުން ދުނިޔޭގެ ހެވެއް ހޯދުމަށް ނުވަތަ އަންހެނަކާ ކައިވެނިކުރުމުގެ مقصدގައި ކޮށްފި މީހަކަށް اّخرة ދުވަހުން هجرކުރުމުގެ ثواب އެއް ނުވެއެވެ.
إخلاصތެރިކަމަކީ ކޮބައި ހެއްޔެވެ؟
އެއީ ތިމާ ކުރާ ކޮންމެ އަމަލެއް الله އަށް ޓަކައި ޚާލިސްކުރުމެވެ. ހަމަ އެކަނި އެ އިލާހުގެ ރުއްސެވުން އެދިގެން އެ ކަމެއް ކުރުމެވެ. އަދި އެ ކަމުގައި ކަންދެއްކުމެއް ނުވަތަ އަޑު އުފުލުމެއް ނުބޭއްވުމެވެ.
މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ އެ މީހެއްގެ އެންމެހާ عمل ތަކުގައި ނިޔަތް خالصކުރުމެވެ. އެހެނީ الله سبحانه وتعالى قبولކުރައްވަނީ ހަމައެކަނި އެ އިލާހަށް خالصކުރެވޭ ކަންތައްތަކެވެ. އެ އިލާހުގެ ފޮތުގައި އެ އިލާހު ވަހީކުރެއްވިއެވެ. قَالَ اللهُ تَعَالَى: )وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ(. މާނައީ :باطلމަގުން އެއްކިބާވެތިބެ، اللَّهއަށް އަޅުކަން خالصކުރާحال، اللَّهއަށް އަޅުކަންކުރުމަށާއި، ނަމާދު قائمކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ دينއަކީ އެއީއެވެ.
އެއިލާހު وحىކުރެއްވިއެވެ. )أَلَا لِلَّهِ الدِّينُ الْخَالِصُ(. މާނައީ :- ދަންނާށެވެ! ސާފު ސީދާ ދީން ވަނީ މާތްاللَّه އަށެވެ.
رَسُولُ اللهِ صَلّى اللهُ عَلَيْهِ وَسَلَّم حديث ކުރެއްވިއެވެ. «إِنَّ اللَّهَ لَا يَقْبَلُ مِنَ الْعَمَلِ إِلَّا مَا كَانَ لَهُ خَالِصًا، وَابْتُغِيَ بِهِ وَجْهُهُ». މާނައީ :- ހަމަކަށަވަރުން الله އެ އިލާހަށް ޚާލިސްކުރެވޭ އަދި އެ އިލާހުގެ ރުއްސެވުން އެދިގެން ކުރެވޭ عملއެއްނޫނީ قبول ނުކުރައްވައެވެ.
إخلاصތެރިކަމަކީ މުސްލިމެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފައެކެވެ. އެއީ މަސައްކަތު މީހަހު ކަމުގައި ވިޔަސް އަދި ވިޔަފާރިވެރިޔަކު ކަމުގައި ވިޔަސް އަދި ކިޔަވާކުއްޖަކު ކަމުގައި ވިޔަސް ނުވަތަ އެނޫން އެހެން މީހަކު ކަމުގައި ވިޔަސް މެއެވެ. މަސައްކަތުމީހާ އޭނާގެ މަސައްކަތް ފުރިހަމަކުރަން ޖެހެއެވެ. އެހެނީ اللهُ سُبْحَانَهُ وَتَعَالى އޭނާއަށް އަންގަވާފައިވަނީ ކުރާ عملތައް ފުރިހަމަ ކުރުމަށެވެ. އަދި ހެޔޮގޮތުގައި ކޮށް ނިންމުމަށެވެ. އަދި ވިޔަފާރިވެރިޔާ އޭނާގެ ވިޔަފާރީގައި الله އަށް ބިރުވެތިވާން ޖެހެއެވެ. އެގޮތުން އޭނާ މީސްތަކުންނަށް އަގުބޮޑު ނުކުރާނެއެވެ. އަދި އަބަދުވެސް ހޯދަން މަސައްކަތްކުރާނީ حلال ފައިދާއެވެ. އަދި ކިޔަވާކުއްޖާ އޭނާގެ ފިލާވަޅު ދަސްކުރަން މަސައްކަތް ކުރަން ޖެހެއެވެ. އަދި އެ ކަމުގައި އެ ކުއްޖާ އެދޭހުށީ اللهގެ ރުއްސެވުމެވެ. އަދި އެ علم އަކުން މުސްލިމުންނަށް ފައިދާވުމެވެ.