ބޮޑު ކޯރެއްގެ ބިއްދޮށުގައި ފޮއްގަސްތަކުން ފުރިފައިވާ ޖަންގައްޔެއް އޮތެވެ. އެތައް ބާވަތެއްގެ ޖަނަވާރާއި ދޫނިސޫފާސޫފި އެ ޖަންގަލީގައި އުޅެމުންދިޔައެވެ.
ހުރިހާ ޖަނަވާރުން ނިންމީ ވަރުގަދަ ރޭހެއް ޖެހުމަށެވެ. ރޭސް ބާއްވަން ނިންމާފައިއޮތީ ޚަރީފު މޫސުން ފެށުމުގެ ކުރިން ހަނދު އެންމެ ފުރިހަމަވާ ރޭ ފާހަގަކުރުމަށެވެ. އެއީ ވާރޭ ތުނިކޮށްލައި، މޭވާތައް ފައްކާވެ، ހުރިހާ ދިރޭތަކެތި ސުލްހަވެރިކަމާއެކު އެއްތަންވެއުޅޭ ދުވަސްވަރު ކަމަށްވާތީއެވެ.
ޖަންގަލީގެ ރަސްގެފާނު ސިންގާ އުސް ހިލައެއްގެ މައްޗަށް އަރައި އޭގެ ބަރު އަޑުން ގޮވާލިއެވެ. ”ރޭހުގައި ބައިވެރިވާ ހުރިހާ ޖަނަވާރުން އަވަހަށް އަންނާށެވެ! މި ރޭހުގެ ނަމަކީ ”މި ޖަންގަލީގެ އެންމެ ހަލުވި“އެވެ.“
ރަންވަންފުއްލާ އޭގެ ހިމަ ހޯލިކޮޅެއްފަދަ ފައިތައް ހޫރަމުން ނަށަމުން ކަހަލަ ގޮތަކަށް ކުރިއަށް ޖެހިލިއެވެ. ފުންމަމުން ފުންމަމުން ރާމާމާކުނުވެސް އޭގެ ނިގޫ ހަލުވަމުން ކުރިއަށްޖެހިލިއެވެ. ޗީޓާ އޭގެ އޮފުގަދަ މޮއްގަނޑު ޖަހަމުން އަބުއި ގޮތަކަށް ހިނގާފައި ގޮސް ރޭސް ފަށާ ރޮނގުމަތީގައި މަޑުކޮށްލިއެވެ. ކުޅިބަލަން ތިބި ޖަނަވާރުތައް ފޯރިދެމުން އެކީ އެއް އަޑަކުން ހަޅޭއްލަވައިގަތެވެ.
އިރުކޮޅަކުން ލަސް ފިޔަވަޅުތަކެއްގައި ކޮންމެވެސް ދިރޭއެއްޗެއް އަންނަ އަޑު އިވެންފަށައިފިއެވެ. ޓޮކް ޓޮކް ޓޮކް…. އެއީ އަނެއްކާ ކޮން އެއްޗެއްބާވައެވެ؟
ހުރިހާ ޖަނަވާރުތައް އެއްފަހަރާ އެ އަޑު އަންނަ ދިމާއަށް ބަލަންފަށައިފިއެވެ.
އެ އިވެނީ ކަންޒުކަހަނބު އަންނަ އަޑެވެ. ވަރަށް މަޑުމަޑުން ފަހަރަކު ފިޔަވަޅެއް އަޅަމުން ކަންޒު ކަހަނބު އެބަ އާދެއެވެ. އަވީގައި ކަންޒުކަހަނބުގެ ތޮށިގަނޑު ފެންނަނީ ނިކަން އޮފުގަދަކޮށެވެ.
ހުރިހާ ޖަނަވާރުތައް މަލާމާތުގެ ގޮތުން އެކި އެއްޗެހި ކިޔައި މަޑުމަޑުން ހެމުންދިޔައެވެ.
ގުރާ މަލާމާތުގެ ގޮތުން ބުނެލިއެވެ. ”ހީވަނީ ދެން ހަނދު އަރާއިރުވެސް ކަންޒުކަހަނބު އޮންނާނީ ރޭސް ފަށާ ހިސާބުގައިހެންނެވެ.“
ކަންޒުކަހަނބު ބުންޏެވެ. ”އަހަރެންނަކީ އެންމެ ހަލުވި ޖަނަވާރަށް ނުވެދާނެއެވެ. އެކަމަކުވެސް އަހަރެން މި އައީ ހަމަ ރޭސްޖަހާ ހިތުންނެވެ.“
ލާނެތް ގޮތަކަށް ހީލާފައި ޗީޓާ ބުންޏެވެ. ”އެހެންވިއްޔާ އަހަރެމެން މި ރޭސް އަދި ކުރިއަށްވުރެ ފޯރިގަދަކޮށްލަމާ ހިނގާށެވެ! ރޭހުން މޮޅުވާ ޖަނަވާރަކަށް ހަމައެކަނި ލިބޭނީ އެންމެ ހަލުވި ޖަނަވާރުގެ ލަޤަބެއް ނޫނެވެ. އޭގެ އިތުރުން، އަވަށު މީހުންގެ ފަރާތުން ރިހި ވިނައިން ވިޔެފައިވާ ތާޖެއްވެސް ލިބޭނެއެވެ.“
ހުރިހާ ޖަނަވާރުތައް އަނެއްކާވެސް އެއްއަޑުން ހަޅޭއްލަވައިގަތެވެ.
ކަންޒުކަހަނބު ބޯޖަހައިލާފައި ބުންޏެވެ. ”އެންމެ ރަނގަޅެވެ! އެކަމަކު އަހަރެން އަވަސްއަރުވާލައިގެންނެއް ނުދުވާނަމެވެ. އަހަރެން ރޭސް ނިންމާނީ އަހަރެންގެ ގޮތުގައެވެ.“
އަނެއް ދުވަހުގެ ހެނދުނު ރޭސް ފަށައިފިއެވެ. ސިންގާގެ ގަދަ ހަޅޭކުގެ އަޑާއެކު ރަކަރަކަލާފައި ހުރިހާ ޖަނަވާރުތައް ދުއްވައިގަތެވެ. މުޅި ޖައްވަށް ހިރަފުސްގަނޑު ބުރައިގެންދިޔައެވެ.ގަސްތަކުގެ އޮފިތައް ހެލިގަތެވެ. ފަތްތައް ބުރައިގެންދިޔައެވެ. ބޯޖެހިތާ ނަގޫޖަހާފައި ޗީޓާއާއި ރާމާމަކުނާއި ރަންވަންފުއްލާ ދުވެގޮސް ލޯމަތިން ގެއްލިއްޖެއެވެ.
ކަންޒުކަހަނބު މަޑުމަޑުން ފަހަރަކު ފިޔަވަޅެއް އަޅަމުން ކުރިއަށް ދާންފެށިއެވެ.
(ނުނިމޭ)
-ތަރުޖަމާއެއް-