ދިވެހި ފުލުހުންގެ ޚިދުމަތުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ”ޓްރެފިކް މޮނީޓަރސް“ ޕްރޮގްރާމް އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލުގެ ދަރިވަރުންނަށް ފަށައިފިއެވެ.
މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލް ދަރިވަރުން އަހުލުވެރި ކުރުވުމަށްޓަކައި ބާއްވާ ޕްރޮގްރާމެކެވެ.
އިއްޔެ ފެށި މި ޕްރޮގްރާމް ޝަރަފުވެރި ކޮށްދެއްވީ ގަލޮޅު ޕޮލިހުގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ލުޠުފީއެވެ.
މި ރަސްމިއްޔާތުގައި، ރޯޑް ސޭފްޓީ އެންޑް ޕްރިވެންޝަނުގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ދިމްހާމާއި އަފި ދެ ސްކޫލުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަނާއި އަމީނިއްޔާ ސްކޫލް އަދި އިސްކަންދަރު ސްކޫލް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 17އިން ފެށިގެން ހަފުތާއެއްގެ މުއްދަތަށެވެ.
މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމާއި އަދި ސްކޫލް ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ރީތި ބަހުން މުޢާމަލާތްކުރަން ދަސްކޮށްދިނުމުގެ އިތުރުން ސެލްފް ޑިފެންސް ކްލާސްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.