ދަނޑުވެރިޔާއާއި ހިމާރު

Loading

May 17, 2025
profile
Facebook
Twitter
WhatsApp

އެއްފަހަރަކު ދަނޑުވެރިއަކު ގެންގުޅުނު ހިމާރެއް ފުން ވަޅުގަނޑަކަށް ވެއްޓުނެވެ.

ހިމާރު ވަޅުން އެރޭތޯ މަސައްކަތްކުރަމުން ސަލާމަތަށް އެދި ހަޅޭއްލަވަމުންދިޔައެވެ. ދަނޑުވެރިޔާވެސް ހިމާރު ސަލާމަތްކުރާނެ ގޮތަކާމެދު ވިސްނަމުންދިޔައެވެ.

އެތައްއިރަކު ވިސްނުމަށްފަހު ދަނޑުވެރިޔާ ހިތަށްއެރިއެވެ. މިއީ މުސްކުޅިވެ ގައިބާރު ދެރަވެފައި އޮތް ހިމާރެކެވެ. މާ ބޮޑު ބޭނުމެއްވެސް ހިފެނީއެއް ނޫނިއްޔާއެވެ. މިސޮރު ސަލާމަތް ކުރަން ނޫޅެ އެހެން ގޮތެއް ވިސްނިއްޔާ މާ ރަނގަޅުވާނެއެވެ.

އޭނާ އެހިސާބުގަނޑު މީހުންނަށް ގޮވައި އެއްކުރިއެވެ. އަދި ވަޅަށް ފަސްއެޅުމަށް އެހީވުމަށް އެމީހުން ގާތުގައި އެދުނެވެ. ދަނޑުވެރިޔާ އެދުނުގޮތަށް އެމީހުން މަސައްކަތް ފެށިއެވެ. ދަނޑުވެރިޔާގެ މަގުސަދަކީ ހިމާރު އެ ވަޅުގަނޑުގައި ވަޅުލުމެވެ.

ވަޅަށް ފަސްއަޅަން ފެށުމުން ހިމާރު ބިރުން ހަޅޭއްލަވަންފެށިއެވެ. ނަމަވެސް ވަރަށް އަވަހަށް ހަޅޭކުގެ އަޑު ކެނޑިއްޖެއެވެ.

ވީ ކިހިނެއްތޯ ބެލުމަށް ދަނޑުވެރިޔާ ވަޅުތެރެއަށް ގުދުވިއެވެ. ފެނުނު މަންޒަރުން އޭނާގެ ތަލިން ކުޅުހިކުނެވެ.

ވަޅުގަނޑަށް ފަސްއަޅާ ކޮންމެ ފަހަރަކު ހިމާރު އެ ފަސްފުނީގެ މައްޗަށް އަރަނީއެވެ. އަރަމުން އަރަމުން އައިސް ވަޅުން ބޭރަށް އެސޮރު ފުންމާލައިފިއެވެ. ސަލާމަތްވެވުނީތީ ވަރަށް ފަޚުރުވެރިވެ އޮވެގެންނެވެ. އެއްވެ ތިބި އެންމެން ހައިރާންކޮށްލާފައެވެ.

ޢިބުރަތް: ދިރިއުޅުމުގެ މައިދާނުގައި އެ ހިމާރު ފަދައިން ވާށެވެ. މީހުން ތިމާއާ ދިމާއަށް އެއްލާ ކޮންމެ ގާބުރިއަކީ ތިމާގެ އުންމީދުގެ ގަނޑުވަރު ބިނާކުރާ ގާބުރިއެއް ކަމުގައި ހަދާށެވެ.

(ތަރުޖަމާއެއް)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް