ދަރަނި

Loading

May 16, 2025
profile
Facebook
Twitter
WhatsApp

މަރުބައްޔަކާ ހަނގުރާމަކުރަމުންދިޔަ މީހަކު ބޭސްފަރުވާ ކުރުމަށް އެހީއަށް އެދި ޕޯސްޓެއް ޖެހިއެވެ.

ދެ ރަހުމަތްތެރިއަކަށް މި ޕޯސްޓު ފެނުނެވެ. އެތަނުން އެކަކު ބުންޏެވެ. އަހަރެންގެ އަތުގައި މާގިނަ ފައިސާއެއް ނެތެވެ. އެހެންނޫނަސް އެމީހާ ގަދަވާނެ ކަމުގެ އުންމީދެއް ނެތެވެ. ވީއިރު އަހަރެންގެ ފައިސާތައް ބޭކާރުކުރަންވީ ކީއްކުރަންހެއްޔެވެ؟ މިހެން ބުނެ އޭނާ އެ ފައިސާގެ އެހީ ދިނުމުން މަނާވެގަތެވެ.

އަނެއް ރަހުމަތްތެރިޔާ ވަރަށް ދެރަވެފައި ބުންޏެވެ. އަހަރެންގެ އަތުގައިވެސް މާގިނަ ފައިސާއެއް ނެތެވެ. ނަމަވެސް އަހަރެން ގަބޫލުކުރާ ގޮތަކީ މިއެވެ. ހަގީގަތުގައި އަހަރެން އެ ފައިސާ މި ދެނީ މަރުބައްޔަކާ ހަނގުރާމަކުރަމުންދާ އެ މީހާއަކަށް ނޫނެވެ. އަހަރެން އެ ފައިސާ މި ހަވާލުކުރަނީ މަރުވުމެއްނުވާ، ދިރިދެމިވޮޑިގެންވާ މާތް ﷲއަށެވެ. އަހަރެންނަށް އެންމެ ބޭނުންޖެހޭ ވަގުތު އެކަލާނގެ އިރާދަކުރައްވިއްޔާ އެތައް ގުނައެއް އިތުރުކުރައްވައި އެ ފައިސާ އަހަރެންނަށް ދެއްވަވާނެއެވެ. މިހެން ބުނެފައި އޭނާއަށް ދެވެން އޮތް އެންމެ ބޮޑު އަދަދެއް އެހީގެ ގޮތުގައި ދީފިއެވެ.

ދުވަސްތަކެއްގެ ފަހެވެ. ބަލިން ފަސޭހަވެގެން އެއްކަލަ މީހާ އެނބުރި އަތުވެއްޖެއެވެ. ގަދަވެ ހެޔޮހާލުގައި މީހުންގެތެރޭގައި އުޅެންފަށައިފިއެވެ.

މިތަން ފެނިފައި އެއްކަލަ ދެ ރަހުމަތްތެރިންގެ ތެރޭން އެމީހާއަށް އެހީ ނުދިން މީހާ ބުނެފިއެވެ. އަހަރެން ހަގީގަތުގައިވެސް ހީކުރީ އޭނާ އެ ބަލިން ގަދަނުވާނެ ކަމަށެވެ. އަނެއް ރަހުމަތްތެރިޔާ ބުންޏެވެ. މާތް ﷲއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

ދުވަސްކޮޅެއްގެ ފަހެވެ. އެއްކަލަ އެހީ ދިން މީހާގެ އަތްމަތި ދަތިވެއްޖެއެވެ. އޭނާގެ ރަހުމަތްތެރިޔާ އޭނާއަށް ބުންޏެވެ. އޭރުވެސް އަހަރެން އެހީ ނުދިނީ ތިޔަހެނެވެއެވެ. އަތްމަތި ދަތިވާ ވަގުތު އެކަކުވެސް އެހީއެއް ނުވާނެއެވެ.

އެހިނދު އޭނާ މާތް ﷲއަށް ދުޢާ ދެންނެވިއެވެ. ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުޢާކުރިއެވެ. ކުއްލިއަކަށް އެކި މީހުންގެ ފަރާތުން އޭނާއަށް އެހީތައް ލިބެންފެށީ ވަކި މިންވަރެއް ނެތިއެވެ. އެކަކު ބުނިގޮތުގައި އެއީ ޞަދަޤާތެކެވެ. އަނެއް މީހާ ބުނީ އެއީ ވަރަށް ކުރިން އޭނާގެ އަތުން ނެގި ދަރަންޏެއް ކަމަށެވެ. އަނެއް މީހާ ފައިސާ ދިނީ ހަދިޔާއެއްގެ ގޮތުގައެވެ. މިހެން ގޮސް އެކި ނަންނަމުގައި އޭނާގެ އެކައުންޓަށް ފައިސާތައް އޮހެންފެށިއެވެ.

އޭނާ އަނެއް ރަހުމަތްތެރިޔާއަށް ބުންޏެވެ. އަހަރެން އޭރުވެސް ބުނީމު ނޫންހެއްޔެވެ! މާތް ﷲ އިރާދަކުރައްވިއްޔާ އަހަރެންނަށް އެތައް ގުނައެއް އިތުރުވާހެން ފައިސާ ދެއްވަވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް