ސައޫދީ ސަރުކާރުން ހިންގާ ”ކޯޖޮއިންޑް ޓްވިންސް ޕްރޮގްރާމް“ ނުވަތަ އުފަންވާއިރު ގުޅިފައިތިބޭ ކުދިން ވަކިކުރުމުގެ ޕްރޮގްރާމްގެ ދަށުން އެރިޓްރިޔާގެ ދެކުދިން ކާމިޔާބް ކަމާއެކު ވަކިކޮށްފިއެވެ. ސައޫދީ ރަސްގެފާނު ސަލްމާން،އަދި ޕްރިއިމިނިސްޓަރ މުހައްމަދުބިން ސަލްމާންގެ ޚާއްސަ އެހީތެރިކަމުގެ ދަށުން ހިންގާ ޕްރޮގްރާމްގެ ދަށުން މިފަހަރު ސަލާމަތް ކުރި ދެއަންހެން ކުދިންކަމަށްވާ އަސްމާ އާއި ސުމޭރާ ތިބީ އުފަންވީއިރު ބޮލުން ގުޅިފައެވެ.
ކިންގ ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ސުޕަވައިޒަރ ޖެނެރަލް އަދި މެޑިކަލްޓީމްގެ ވެރިޔާ އަބްދުﷲ އަލް ރަބީއާ ވިދާޅުވީ ދެކުދިން ވަކި ކުރުމަށް ކުރި ދިގު އަދި އުނދަގޫ އޮޕަރޭޝަން 15 ގަޑިއިރަށް ދެމިގެން ދިޔަ ކަމުގައެވެ.މިއޮޕަރޭޝަން ކުރުމުގައި 36 ކޮންސަލްޓަންޓުންނާއި އެކިދާއިރާ ތަކުން ގިނަ އަދަދެއްގެ ސްޕެޝަލިސްޓުން ބައިވެރިވެފައި ވެއެވެ. އޮޕަރޭޝަން ރަގަޅަށް ޕްލޭން ކޮށް އަދި ފުރިހަމަ ރައްކާތެރިކަން ޔަގީން ކުރުމަށްޓަކައި މިޓީމުން ނިއުރޯ ނެވިގޭޝަނަލް ޓެކްނޮލޮޖީ އަދި ސާޖިކަލް މައިކްރޯސްކޯޕީ ފަދަ ކަންކަން ބޭނުންކޮށްފައި ވެއެވެ.

ބުދަދުވަހު ކުރެވުނު އޮޕަރޭޝަން އަކީ ސައޫދީ ސަރުކާރުން ހިންގާ ”ކޯޖޮއިންޑް ޓްވިންސް ޕްރޮގްރާމް“ ގެ ދަށުން ވަކިކުރެވުނު 64ވަނަ ދެކުދިންނެވެ.މިޕްރޮގްރާމްގެ ދަށުން ފާއިތުވި 35 އަހަރުގެ ތެރޭގައި 27 ގައުމަކުން 149 ކޭސް ބަލާ ކުދިންނަށް ފަރުވާ ކޮށްފައި ވެއެވެ. މިމުއްދަތުގެ ތެރޭގައި އެޓީމުން ވަނީ ސައޫދީ ހެލްތުކެއާ ސެކްޓަރު ކުރިއަރާފައިވާ މިންވަރުދައްކާދިނުމުގެ އިތުރުން ޑޮކްޓަރުންގެ ކުޅަދާނަކަން ދައްކާދޭ އާދަޔާޚިލާފް މެޑިކަލް ކާމިޔާބްތައް ހާސިލްކޮށްފައެވެ.
އެންމެފަހުގެ ކާމިޔާބު އޮޕްރޭޝަން އަށްފަހު އެރިޓްރިޔާގެ ދެކުދިންގެ މައިންބަފައިންވަނީ ކުދިންގެ ރައްކާތެރިކަން ޔަގީން ކުރުމަށް ކުރެވުނު މަސައްކަތަށާ އަދި އާއިލާއަށް ލިބުނު މެހްމާންދާރީއަށް ސައޫދީ ސަރުކާރަށާ އަދި މެޑިކަލްޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.