ރާއްޖެއަށް ހިލޭ ލިބޭ ކޮވިޑްގެ ވެކްސިން ދިނުމުގައި އިސްކަންދެނީ ހައި ރިސްކް މީހުންނާއި ސިއްހީ މާހިހރުންނަށް

Loading

Facebook
Twitter
WhatsApp

ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ހިލޭ ލިބޭ ވެކްސިން ދިނުމުގައި އިސްކަންދޭނީ ސިއްހީ މާހިރުންނާއި ހައި ރިސްކް ކެޓަގަރީތަކުގެ މީހުންނަށް ކަމަށް ކޮވިޑްގެ ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ރަޢީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އުފެއްދެވި ސްޓިއަރިން ކޮމިޓީން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ކޮވިޑްގެ ވެކްސިންދިނުމަށް އުފެއްދި ސްޓިއަރިން ކޮމިޓީގައިވެސް ހިމެނޭ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަޙްމަދު ފައިސަލް ވިދާޅުވީ، ކޮވެކްސް ފެސިލިޓީގައި ރާއްޖެ ބައިވެރިވެފައިވުމުން، ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ޖެހުމަށް ވެކްސިން ހިލޭ ލިބޭނެ ކަމަށެވެ. އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާނަމަ ގާތްގަނޑަކަށް 111،485 މީހުންނެވެ.

ކޮވެކްސް ފެސިލިޓީއަކީ ކޮވިޑް-19 ވެކްސިން ދުނިޔޭގެ އާބާދީއަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ ފެސިލިޓީއެކެވެ. އެ ފެސިލިޓީގައި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 171 ގައުމަކުން ވަނީ ބައިވެރިވެފައެވެ.

ޑރ. ފައިސަލް ވިދާޅުވީ، ސްޓިއަރިން ކޮމިޓީން އެންމެ ހާއްސަ އިސްކަމެއްދީގެން މިހާރު ކުރަމުން އަންނަ މަސައްތަކީ، ކޮވެކްސް ފެސިލިޓީން ލިބޭ ވެކްސިން ޖަހާނެ މީހުން ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ރާއްޖެއިންވެސް އިސްކަންދޭނީ ދުނިޔޭގެ އެހެނިހެން ގައުމުތަކުން އިންކަންދޭ ބީދައިން ސިއްހީ މާހިރުންގެ އިތުރުން ހައި ރިސްކް މީހުންނަށް ކަމަށް ވިދާޅުވިއެވެ.

”20 ޕަސަންޓް ވެކްސިން ލިބޭއިރުގައި އެ ވެކްސިން ފޯރުކޮށްދޭނީ ކޮން ބަޔަކަށްތޯ ފުރަތަމަ ކަނޑަމިއަޅަނީ. ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ނިންމާފައި މިވަނީ ސިއްހީ ދާއިރާގައި ބަލި މީހުން ބަލާ ނޫނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާދޭ ފަރާތްތަކަށް ވެކްސިނމްގެ ތިން ޕަސަންޓް ދިނުމަށް. ދެން އޭގެ އިތުރުން ދެން ހިމެނޭ 17 ޕަސަންޓުގައި ހިމެނޭނީ އުމުރުން ދުވަސްވީ މީހުންނާއި ބަލި ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް މީހުންނާއި އޭގެ އިތުރުން ބޮޑަށް ބަލިވާނެ ފަރާތްތައް“ ޑރ.ފައިސަލް ވިދާޅުވިއެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކުން އަންނަނީ ކޮވިޑްގެ ވެކްސިން އުފެއްދުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ފޭސް ތިނެއްގެ ޓްރަޔަލްގައިވެސް ގިނަ ވެކްސިންތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަނީ ކޮވިޑް-19އަށް ފަރުވާކުރުމަށް އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި އެސްޓްރާޒެނެކާ ވެކްސިނާއި އެމެރިކާގެ ބަޔޯ-ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މޮޑާނާއިން އުފެއްދި ކޮވިޑް ވެކްސިނެވެ. އެ ދެ ވެކްސިނަކީ ރާއްޖޭގެ މާހައުލަށް އެންމެ އެކަށޭނެ ދެ ވެކްސިން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް