ބޮޑުބޭބެ

Loading

Facebook
Twitter
WhatsApp


އުމުރުން 17 އަހަރުގައި އަހަރެންގެ ބޮޑުބޭބެ އަހަރެން ގެއިން ބޭރުކޮށްލީ އަހަރެން އެއްވެސް ކުށެއް އޮވެގެން ނެއްނޫނެވެ.ހަމައެކަނި އޭނާގެ އަލަށް ކައިވެނިކުރި އަންހެނުން އަހަރެންނަކީ ބުރައެއްކަމަށް ބުނެގެންނެވެ. ބޮޑުބޭބެ އަހަރެންނާދިމާލަށް ބަލާވެސް ނުލާ އަހަރެންގެ ދަބަސްނެރެފަ ގޭދޮރުމަތީ ބޭއްވީއެވެ.


މައިންބަފައިން މަރުވުމުން ބޮޑުބޭބެއާއިއެކު އުޅެނިކޮށް ގެއިން ނެރެލުމުން ދާނެ ތަނެއް ނެތި ބައެއް ރައްޓެހިންގެގޭގެ ސިޓިންގރޫމް ސޯފާގައި ނިދާ، ކާއެތިކޮޅަކަށްޓަކާ ލިބުނު މަސައްކަތެއްވިއްޔާ ކުރަމުންގެންދިޔައިމެވެ.
އެއްދުވަހަކު އަހަރެން ތަށިތައް ދޮވެދޭ ރެސްޓޯރަންޓެއް ކުނިކަހަމުން ދަނިކޮށް އަހަރެންނަށް މުށި ކުލައިގެ ވޮލަޓެއް ފެނުނެވެ.ކާޑެއް އަދި އެހެން އައިޑީއެއްވެސް އެޔަކު ނެތެވެ. ވޮލަޓް ފުރާ ފައިސާގެ ނޫޓު ހުއްޓެވެ. އަހަރެން ވަށާ ބަލާލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. ބަނޑުހައިވެގެން އޭރުވެސް އަހަރެންގެ ބަނޑުން އަޑުގޮވަގޮވާ ހުއްޓެވެ. މިފައިސާ ބޭނުން ކޮށްގެން،މީހަކު ކައިފަބާކީވާ އެއްޗެއްނޫން ރަގަޅު ކެއުމެއް އަހަރެންނަށް ކާލެވިދާނެއެވެ.
ނަމަވެސް އަހަރެން އިޚްތިޔާރު ކުރީ ފައިސާގައި ނުޖެހުމަށެވެ.އަދި އެތެރެޔަށް ވަދެ މެނޭޖަރާ ފައިސާވޮލަޓް ހަވާލު ކުރީމެވެ.މެނޭޖަރުވެސް ވޮލަޓުގެ އެތެރެ ބަލާލުމަށްފަހު ބުންޏެވެ.ކަލޭ މިފައިސާ ބެހެއްޓިނަމަވެސް އެކަކަށް ވެސް ނޭގުނީސް ނޫން ހެއްޔެވެ. އެވަގުތު އަހަރެންނަށް ބުނާނެ އެއްޗެއް ނޭގި، ކޮނޑު އަރުވާލުމަށްފަހު އަނެއްކާވެސް ކުނިކެހުން ކުރިޔަށް ގެންދަން ނިކުތީމެވެ.
ނަސީބު ދިމާކުރިގޮތުން އެރޭ އެވަޒީފާވެސް އަހަރެންނަށް ގެއްލުނެވެ. މީހުން މަދުކުރާތީ ދެން މަސައްކަތު ނައުމަށް ބުންޏެވެ. ރެސްޓޯރަންޓުން ނިކުތް އިރު އަހަރެންވަނީ ދިރިހުރުމާ މެދު ވަރަށް ބޮޑަށް މާޔޫސްވެފައެވެ. މިއީ ހަމަ އިމްތިހާނެއްކަމާ އަހަރެންގެ ނަސީބު އަދި އޮތީކުރިޔަށް ކަމެއް އަހަރެންނަކަށް ނޭގެއެވެ.
އަނެއްދުވަހު އަހަރެނަށް ނުދަންނަ ނަމްބަރަކުން ފޯންކޯލް އެއް އަޔެވެ.އަދި އެޑްރެހެއް ދިނުމަށްފަހު އެތަނަށް ދިއުމަށް އެދުނެވެ. އަހަރެންވެސް މިވާއެއްޗެއް ނޭގިހުރެ އެމީހާބުނި އެޑްރެހަށް ދިޔައިމެވެ.
ތަނަކީ ވަރަށްވެސް ބޮޑު އޮޓޯގަރާޖެކެވެ.އެތެރެޔަށް ވަމުން އަހަރެންނަށް ފޯނުކުރިމީހާ އައިސް ހިނިއައިސްފައިހުރެ ތައާރަފް ވިއެވެ. އަދި އޭނާގެ ނަމަކީ ޖޯން ކަމަށް ބުންޏެވެ. އެއީ އޭނާގެ އަމިއްލަ ގަރާޖެއް ކަމަށާ އަހަރެންނަށް ފެނުނު ވޮލަޓަކީވެސް ފައިސާއަކީވެސް އޭނާގެ އެއްޗެތި ކަމަށް ބުންޏެވެ. އޭނާ އެގޮތަށް ކަންތައް ކުރަނީ ޓެސްޓެއްގެ ގޮތުން ކަމަށް ބުންޏެވެ.އަދި ކޮންމެ އަހަރަކުވެސް އެތަނަށް ފައިސާ އަޅާފައިވާ ވޮލަޓެއް ވައްޓާލާކަމަށާ ނަމަވެސް ވޮލަޓް ފެންނަ ގިނަމީހުން ރައްދު ނުކުރާކަމަށް ބުންޏެވެ. އަދި އަހަރެން ފައިސާއާއި ވޮލަޓް ރައްދު ކުރީތީ އޭނަހުރީ ވަރަށް އުފަލުންނެވެ.
އޭނާ އެވަގުތު ތަނެއްގައި އަޅުވާފަހުރި މެކޭނިކެއްގެ ޔުނީފޯމް އަހަރެންނަށް ދައްކާލުމަށްފަހު ބުންޏެވެ. ކަލެޔަށް މިތަނުން ވަޒީފާދޭން އަހަރެން ބޭނުމެވެ. މަސައްކަތުގެ ހުނަރުނެތަސް މީހާގެ ކިބައިގައި ތެދުވެރިކަމާއި ސާބިތުކަން ހުރިނަމަ ކުރިޔަށް ދާކަށް އުނދަގުލެއް ނުވާނެއެވެ. މާދަމާއިން ފެށިގެން ވަޒީފާއަށް ނިކުންނަށް ފަށާށެވެ. މިތަނުން ހުރުމާއި ކެއުން ލިބޭނެއެވެ.
އައުވަޒީފާގައި ގަޑިއަށް ވުރެމާކުރިން ނިކުމެ އަހަރެން ވަރަށް ބުރަކޮށް މަސައްކަތް ކުރީމެވެ. އަދި އިތުރު ގަޑިގައިވެސް މަސައްކަތްކޮށް އެތަނުގައި ކުރާ ހުރިހާ މަސައްކަތެއް އަހަރެން ދަސްކުރީމެވެ.
މިގޮތުގައި ދެތިން އަހަރު ފާއިތުވެގެން ދިޔައިރު މަސައްކަތުގައި އަހަރެން ކުރިއަރަމުންގޮސް ހެޑްއޮފް އޮޕަރޭޝަންސް ގެ މަގާމް އަހަރެންނަށް ލިބިއްޖެއެވެ.
އެއްދުވަހަކު އޮފީހުގެ މަސައްކަތުގައި އުޅެނިކޮށް ދަންނަހެން ހީވާ މީހަކު އެތަނުން އަހަރެންނަށް ފެނުނެވެ.އެއީ އަހަރެންގެ ބޮޑުބޭބެއެވެ. އޭނާހުރީ ވަޒީފާއެއް ހޯދުމަށް އައިސް އަހަރުމެންގެ އޮފީހުގެ ރިސެޕްޝަންގައެވެ. އަހަރެން ދުރުދުރުން މައުލޫމާތު ސާފުކޮށްލުމުން އިނގުނީ އޭނާގެ ވަޒީފާގެއްލުމުން އޭނާގެ ޒުވާން އަންހެނުން އޭނަ ދޫކޮށްލާފައި ގޮސްފައިވާ ކަމެވެ.
ބޮޑުބޭބެ ކައިރިޔަށް ގޮސް ކުރިމައްޗަށް އެރުމުން ބޮޑުބޭބެޔަށް އަހަރެން ފުރަތަމަ ނޭގުނެވެ. އަހަރެން ވަޒީފާޔަށް އެދި ފުރާ ފޯމެއް އޭނާގެ އަތަށް ދިނުމަށްފަހު ބުނީމެވެ. މިތަނުގައި އެއްވަޒީފާ އެބައޮތެވެ. ކުނިކަހާ މީހެއްގެ ވަޒީފާއެވެ. އެވަގުތު ބޮޑުބޭބެއިސް އުފުލާ ބަލާލުމަށްފަހު ދެލޯ ބޮޑުވެގެން ދިޔައެވެ.އަދި ބުންޏެވެ.ކަލޭ އަހަރެނަށް އެހީވެދޭންވީ ސަބަބެއް މިއަދަކު ނެތެވެ.އަހަރެން ހީލުމަށްފަހު ބުނީމެވެ. އާއެކެވެ. އަހަރެންގެ ކުށެއްނެތި ބޮޑުބޭބެ އަހަރެން މަގުމައްޗަށް ނެރެ އެއްލާލުމުން އަހަރެނަށްވެސް މީހަކު ފުރުސަތެއް ދިނެވެ.އަހަރެންގެ ކިބައިގައި އެފެންވަރު ނެތްނަމަވެސް އެވެ. އެހެންވީމަ މިއަދު އަހަރެން ބޮޑުބޭބެއަށްވެސް ފުރުސަތެއް ދޭން ބޭނުމެވެ. އެއީ ބޮޑުބޭބެ އަހަރެންނަށް ނުދިން ފުރުސަތު ކަމަށް ބެލިޔަސް ހެވެ.
އެވަގުތު ބޮޑުބޭބެ ވަރަށް ދެރަވެ އަހަރެންގެ ކިބައިން މައާފަށް އެދުނެވެ.
ހަޔާތުގައި މީހާގެ ހިތް ޓެސްޓް ކުރެވޭ އެތައް ގޮތެއް ހުރެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް