ގަތަރުގެ ޝާހީ އާއިލާއިން އެމެރިކާގެ ރައީސަށް ޖައްވުތެރޭގެ ގަނޑުވަރެއް ހަދިޔާކުރަނީ

Loading

Facebook
Twitter
WhatsApp

މި ޚަބަރު އަޑުއިވުމުން ކުއްލިއަށް ހަނދާނަށް އައީ މީގެ ދުވަސްކޮޅެއްކުރިން މި ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް ތުހުމަތު ކޮށް އިވެމުން ދިޔަ އަޑުފަށްގަނޑެކެވެ.

އެމެރިކާ ރައީސްގެ ރަސްމީ އެއާރކްރާފްޓަކަށް ބޭނުންކުރައްވާނެ އެއާފޯރސް -1،  ބޯއިން 8-747  ގެ ލަގްޒަރީ ޖަމްބޯ ޖެޓެއް ގަތަރުގެ ޝާހީ އާއިލާއިން ރައީސް ޓްރަމްޕަށް ހަދިޔާކުރައްވަން ނިންމަވައިފިއެވެ. ޚަބަރުތަކުގައި ބުނެފައިވާގޮތުން މިއީ ބޭރުގެ ގައުމަކުން އެމެރިކާގެ ރައީސަކަށް ދެއްވާ އެންމެ އަގުބޮޑު ހަދިޔާއެވެ. މި ހަދިޔާ ރިޔާސަތުގެ މުއްދަތުގައި ޓްރަމްޕް ބޭނުންކުރައްވާނެއެވެ. އެއަށްފަހު އެ ޖެޓްގެ ރަޖިސްޓަރީ ބަދަލުކުރެވޭނީ ޓްރަމްޕް ޕްރެޒިޑެންޝަލް ލައިބްރަރީ ފައުންޑޭޝަނަށް ކަމުގައި މައުލޫމާތު އެނގޭ ފަރާތަކުން އޭ ބީ ސީ ނިއުސް އަށް ކިޔާދީފައި ވެއެވެ. 2029 ޖެނުއަރީ 1 ގެ ކުރިން އެކަން ނިމިގެންދާނެއެވެ.                       

ރައީސް ޓްރަމްޕްގެ 2 ވަނަ ރިޔާސަތުގައި އެމެރިކާއިން ބޭރަށް ފުރަތަމަ ކުރައްވާދަތުރުފުޅުގައި ގަތަރަށް ވަޑައިގަތުމުން މިއަންނަ ހަފުތާގައި ރަސްމީގޮތުން މި ހަދިޔާ އިއުލާން ކުރެވޭނެކަމަށް ބެލެވެއެވެ. އެހެންނަމަވެސް ރައީސް ގަތަރުގައި ހުންނަވަނިކޮށް އެ ހަދިޔާ އަރުވަން ހަމަޖެހިފައި ނުވާކަމަށް ވައިޓްހައުސް އިން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާއަށް އާދީއްތަދުވަހު ކުރެއްވި ޕޯސްޓެއްގައި އެ ހަދިޔާ ބަލާގަތުމުގެ ގާނޫނީ މިންތައް ފުރިހަމަ ކުރަމުން ގެންދާކަމަށް އެމެރިކާ ސަރުކާރުން ބުނެފައިވެއެވެ. ދިފާއީ ވުޒާރާއިން ބުނެފައިވަނީ ސަރުކާރުން ކަންތައްކުރާނީ ވަރަށް ސާފުކޮށް ދެފުށް ފެންނަ ގޮތެއްގައި ކަމަށެވެ.                            

ވައިޓްހައުސް ޕްރެސް ސެކްރެޓަރީ ކެރޯލީނެ ލީވިޓް ވިދާޅުވެފައިވަނީ ބޭރުގައުމަކުން ދޭ ކޮންމެ ހަދިޔާއެއްވެސް ގަބޫލުކުރުން އެމެރިކާގެ ގާނޫނު ހުއްދަކުރާކަމަށެވެ. ބަންޑާރަ ނައިބު ޕާމް ބޮންޑިއާއި އަދި ވައިޓްހައުސްގެ އެންމެ އިސް ގާނޫނީ ވަކީލު ޑޭވިޑް ވޯރިންގްޓަންވެސް ވަނީ އެ ހަދިޔާ ގަބޫލުކުރުން ގާނޫނު މަނާނުކުރާކަމަށް ރައީސް ޓްރަމްޕަށް ދަންނަވާފައެވެ. ޑިޕާރޓްމެންޓް އޮފް ޖަސްޓިސްގެ ރައުޔަކީވެސް އެ ހަދިޔާދިނުމުގައި ވަކި ކަމެއް ޝަރުތުކޮށްފައި ނެތުމުން އެއީ ގަބޫލު ކުރެވިދާނެ ހަދިޔާއެއް ކަމަށެވެ.                          

އެއާރފޯސް 1 ގެ ބޭނުމަށް ވަގުތީ ގޮތުން އެއާރކްރާފަޓެއް ދިނުމުގެ މަޝްވަރާތައް ގަތަރުގެ ދިފާއީ ވުޒާރާއާއި އެމެރިކާގެ ދިފާއީ ޑިޕާރޓްމެންޓުން މިހާރު ކުރެވެމުންދާކަމަށް ގަތަރު މީޑިއާގެ އެޓާޝޭ އަލީ އަލް އަންސާރީ ނެރެފައިވާބަޔާނެއްގައި ބުނެފައިވެއެވެ. އެއާރކްރާފްޓް އެމެރިކާއަށް ހަވާލު ކުރުމަށްފަހު އެމެރިކާގެ ރައީސް ދަތުރުފުޅުކުރެއްވުމަށްޓަކައި ބޭނުންވާ އެހެން ވަސީލަތްތައް ގާއިމް ކުރެވިގެންދާނެ ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ވަނީ ކިޔާދީފައެވެ.                                                  

އެވިއޭޝަން ތަޖްރިބާކާރުން ވިދާޅުވަނީ ރައީސް ޓްރަމްޕް އަށް މި ލިބިވަޑައިގަންނަވާ ހަދިޔާގެ މާކެޓް އަގަކީ އެމެރިކާގެ ރައީސް ދަތުރުފުޅު ކުރެއްވުމަށްޓަކައި ބޭނުންވާ އެހެން ވަސީލަތްތައް ގާއިމް ކުރުމުގެ އަގު ނުހިމަނައި 400 މިލިއަން ޑޮލަރ ކަމަށެވެ. އެއާރކްރާފްޓްގައި އެމެރިކާގެ ރައީސް ދަތުރުފުކުރައްވަން ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުން އޭވިއޭޝަން ކޮމްޕެނީ އެލް-3 ހަރިސް އަށް ކޮމިޝަންކޮށްފައިވާކަމަށް އެން ބީ ސީ ނިއުސް އަށް ވަނީ އެނގިފައެވެ. މި ޚަބަރު އެންމެ ފުރަތަމަ ޝާއިއުކޮށްފައިވަނީ ވޯލްސްޓްރީޓް ޖާރނަލުންނެވެ.         

އެން ބީ ސީ ނިއުސް އިން މި ޚަބަރު އާންމު ކުރުމާގުޅިގެން ޑިމޮކްރެޓިކް ސެނޭޓް ޗަކް ޝޫމަރ ސޯޝަލްމީޑިއާގައި ބުނެފައިވަނީ އެއީ ރިޝްވަތު ނޫންކަމަށާއި ބޭރުގައުމެއްގެ ނުފޫޒުގައި ޝަރަފްވެރިކަމާއެކު ފައިދަމާލާނެ އިތުރު ޖާގައާއެކު ލިބގެން ދިޔައީކަމަށެވެ. ޑިމޮކްރެޓުން ބާރުއަޅަމުންގެންދަނީ އެ އެއާރކްރާފްޓްގެ އަގު އަދާކުރުމަށެވެ.  

އެއާރފޯސް 1 ގެ ފްލީޓުގައި ބޭނުންކުރާ 200-747 ގެ 2 ޖަމްބޯ ޖެޓަކީ  1990 ވަނަ އަހަރުންފެށިގެން ބޭނުންކުރަމުންގެންދާ 2 އެއާރކްރާފްޓެކެވެ. އެ 2 އެއާރކްރާފްޓްގެ ބަދަލުގައި އެހެން އުޅަނދުފަހަރަށް 2018 ގައި ވަނީ އޯޑަރ ދީފައެވެ. ބޯއިން ކުންފުނިން އެ 2 އެއާރކްރާފްޓް ނިމޭވަރުވާނީ 2029 ގައި ކަމަށް ބުނުމުން ރައީސް ޓްރަމްޕް ހުންނަވަނީ ހިތްޕުޅު ހަމަޖެހިވަޑައިނުގެންފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް