ދޯންޏަކުން ގދ. ނަޑެއްލާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ.
ފުލުހުން މިއަދު ބުނީ 2025 މެއި 11 ވަނަ ދުވަހުގެ 14:00 އެހާކަންހާއިރު ގދ. ނަޑެއްލާއަށް ކައިރިކުރި ”އިތުބާރު“ ނަމަކަށް ކިޔާ ދޯނިން އާދަމް އިބްރާހީމް އެ ރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީއާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 22:25 އެހާކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ މި މަޢުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ގޮސް، ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާ ކަމަށެވެ.
މިއަދުވެސް އޭނާ ހޯދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން ފުލުހުން ވަނީ އާދަމް އިބްރާހިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.