ބާޒަކާއި މަންމައެއްގެ ބައްދަލުވުން

Loading

Facebook
Twitter
WhatsApp

ބަލިވެއިނދެ ވިހަން ތައްޔާރުވެފައިވާ އަންހެނަކާ ބާޒަކާ ދެމެދު ބަދަލުކުރެވުނު ކަމަށްބުނާ ވާހަކަކޮޅެއް ހިއްސާކޮށްލާނަމެވެ. ވާހަކަ ކޮޅު ބިނާވެފައިވަނީ ކުދިން ތަރުބިއްޔަތު ކުރުމަށް ދޫނިތަކުގެ ރަސްފާނު ކަމަށްބެލެވޭ ބާޒު ކަންތައް ކުރާ ގޮތުގެ މައްޗަށެވެ.


އެދުވަހު ބާޒު އަންހެންމީހާ އާއި ބައްދަލުވުމުން ހާލުގެ ވާހަކައިން ސުވާލުކުރިއެވެ. ބާޒު މިގޮތަށް ސުވާލުކުރުން އަންހެންމީހާ ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ޖަވާބުގައި ބުނަން ފެށިއެވެ. ”އަހަރެންގެ ހާލު ރަގަޅެވެ.ނަމަވެސް އަހަރެންގެ ދަރިފުޅު މިދުނިޔެއަށް އުފަންވާން ތައްޔާރުވެފައިވާ މިދަނޑިވަޅުގައި އަހަރެންގެ ހިތުގައި ޝައްކު ހިނގާ ބައިވަރު ކަންތައް އެބަހުއްޓެވެ.ދަރިފުޅަށް ވަރަށް ރަނގަޅު ވަރަށް އުފާވެރި ހަތާތެއް ހޯދާ ދޭން އަހަރެން ބޭނުންވެއެވެ.އެހެންނަމަވެސް އެކަން ހާސިލް ކޮށްދިނުމަށް އަހަރެންނަށް ކަންތައް ކުރެވޭނީ ރަނގަޅަށް ކަމެއް އަހަރެންނަށް ޔަގީނެއް ނުވެއެވެ.“
މިހެން ބުނުމުން ބާޒު އައިސް އަންހެންމީހާ ކައިރީގައި ޖައްސާލިއެވެ. އަދި ބުންޏެވެ. ”ކުއްޖަކު ރަގަޅު މަގުގައި ބޮޑު ކުރުމަށްޓަކައި އަބަދު ހުރިހާ އަރާމެއް ހޯދާދޭކަށް ނުޖެހެއެވެ.އޭގެ ބަދަލުގައި އަރާމުތަކުން މަހްރޫމް ކުރަންވެސް ޖެހޭނެއެވެ.“
ބާޒު އިތުރަށް ބުންޏެވެ.“އަހަރެންނަށް ދަރިން ލިބެން އުޅޭއިރު ދޫނިފަތާއި ހުއި އަދި ވިނަ ފަދަ އެއްޗެތި އަޅައިގެން ވަރަށް މަޑު ހާއްޔެއް އަހަރެން ތައްޔާރު ކުރަމެވެ.ނަމަވެސް ދަރިންކޮޅު ވަކިވަރަކަށް ބޮޑުވުމުން ހުރިހާ ދޫނިފަތާއި ވިނަތައް ނެގުމަށްފަހު ބަހައްޓަނީ ހަމައެކަނި ކަށިހުންނަ ދަނޑިތަކާ ފަތް ފަދަ ތަކެއްޗެވެ.“
މިހެންބުނުމުން އަންހެންމީހާ ހައިރާންވެފައި ބުންޏެވެ.“ކަށި ހުންނަ ދަނޑިކޮޅު ތަކާއި ފަތޭ ؟ އެއީ އަނިޔާވެރިވުން ނޫންހެއްޔެވެ؟“ މީގެ ޖަވާބުގައި ބާޒު ބުންޏެވެ.“ނޫނެކެވެ.އެއީ އަނިޔާވެރިވުމެއްނޫނެވެ. ގަޔަށް ކަށިހެރެން ފެށުމުން ތިބިތަނުން ގުޑިލާ އަދި ހާލިން ބޭރަށް ދާން ބޭނުންވާނެއެވެ.އަމިއްލަ އަރާމުތަނެއް ހޯދަން މަސައްކަތް ފަށާނެއެވެ.ހާލި މާ އަރާމުވެއްޖެ ނަމަ ކުދިންނަށް ދަސްވާ އެއްވެސް ކަމެއް ނޯންނާނެއެވެ.“
އަންހެންމީހާ އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނުމަށްފަހު ބުންޏެވެ. ”ކުދިން ހާލިން ބޭރަށް ދާން އުޅުމުގެ ތެރޭގައި ވެއްޓިއްޖިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟“ މިވާހަކަޔަށް ބާޒު ބޯޖަހާލިއެވެ. އަދި ބުންޏެވެ. ”އާއެކެވެ. ބޭރަށް ދާން އުޅުމުގެ ތެރޭގައި ވެއްޓެއެވެ. ކިތަންމެ ފަހަރަކު ވެއްޓެއެވެ. އެގޮތަށް ވެއްޓުމުން އަހަރެން ނަގާ ވައިގެތެރެޔަށް އަނެއްކާ ދޫކޮށްލަމެވެ.ވެއްޓެންދާވަގުތު ހިފަމެވެ. އަނެއްކާވެސް ދޫކޮށްލަމެވެ.މިގޮތަށް އެތައްފަހަރަކު ހަދަންޖެހެއެވެ. އަމިއްލަޔަށް އުދުހެން ދަސްވަންދެނެވެ. އުދުހެން ދަސްވުމަށްފަހު އަހަރެން ކަންތައް ކުރަނީ ކިހިނެއްތޯ ސުވާލުކޮށްފާނެއެވެ. އެސުވާލުގެ ޖަވާބަކީ އެހާހަމައިން އަހަރެން ކުދިން އެކަނި ދާނެތަނަކަށް ދާން ދޫކޮށްލަމެވެ.އެހާހަމައިން އަހަރެން އެހީތެރިއެއްނުވަމެވެ.“
މިހެން ބުނުމުން އަންހެންމީހާގެ ދެލޯބޮޑުވިއެވެ. އަދި ސުވާލު ކުރިއެވެ. ”އެހާއިރަށް އެކަނި އުޅެން ކުދިން އަދި ތައްޔާރު ނުވާނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟“
ބާޒު ބުންޏެވެ.“ކުދިން އަމިއްލަޔަށް އެކަމަށް މަސައްކަތް ނުކުރާހާ ހިނދަކު ތައްޔާރެއް ނުވާނެއެވެ.އަހަރުމެން ކުދިން ހާލީގައި ބައިތިއްބައިގެން ހުރިހާކަމެއް ކޮށްދޭހާ ދުވަހަކު ކުދިންނަށް އެއްވެސް ކަމެއް އަމިއްލަޔަށް ކުރާކަށް ދަހެއް ނުވާނެއެވެ.އެގޮތަށް ބޭރަށް ފޮނުވާލަނީ ކުދިންނަށް އަނިޔާދޭކަށްނޫނެވެ.އެއީ ކުދިން އިތުރަށް ފުރާފުރިހަމަ ވުމަށް އެހީތެރިވުމުގެ ގޮތުން ކުރާކަމެކެވެ. ކުދިން ދުރަށް ފޮނުވާލަން އަމިއްލަ ހިތް ނޭދުނުނަމަވެސް އެކަން ކުރަންޖެހޭނީ އެގޮތަށެވެ. އެއީ ކުދިންގެ ފައިދާއަށް ޓަކައެވެ“
އެވަގުތު އަންހެންމީހާ ބޮޑުވެފައިވާ އަމިއްލަ ބަނޑުގައި ފިރުމާލިއެވެ.އަދި ބާޒުމަންމައަށް ޝުކުރު އަދާކުރުމަށްފަހު ދުރަށް ހިނގައިގަތެވެ.
ބާޒުގެ ނަސޭހަތާއެކު އަންހެންމީހާ މިހާރު ހުރީ އޭނާގެ ދަރިފުޅަށް ބޭނުންވާނެފަދަ މަންމައަކަށް ވުމަށް އަޒުމް ކަނޑައަޅައިގެންނެވެ.ހުރިހާގޮތަކުން ފުރިހަމަ މަންމައަކަށް ނުވެދާނެކަންވެސް އިނގެއެވެ.އެހެންނަމަވެސް ހިއްވަރުގަދަ ،އެދަރިފުޅަށް އަމިއްލަޔަށް ”އުދުހެން“ ދަސްކޮށްދޭން ކެރޭނެފަދަ މަންމައަކަށް ވުމަށް ތައްޔާރަށެވެ.
އަމިއްލަދަރިން،ބާޒު ފަދައިން މައްޗަށް އުދުހެން ބޭނުންނަމަ އަރާމު ތަންމަތި ތަކުގައި ބައިތިއްބައިގެން ފިޔަކޮށާނުލާށެވެ. އުދުހި ގަންނަ ވަގުތު ވައިގަ އަޅައި،ވެއްޓި، އަލުން މައްޗަށް އެރުމުގެ ފުރުސަތު ތަނަވަސްކޮށްދޭށެވެ.
ހަގީގީލޯތްބަކީ ހަޔާތުގައި ދިމާވާ މައްސަލަތަކުން އަބަދު ހިމާޔަށް ކޮށްގެން ދަރިން ގެންގުޅުމެއް ނޫނެވެ.އެފަދަ މައްސަލަ ތަކާ ކުރިމަތިލާ،މައްސަލަތަކަށް ހައްލުހޯދަން ދަސްކޮށް،އަދި މައްސަލަތަކާ އެކުގައި ދިރިއުޅެން ދަސްކޮށް ދިނުމެވެ.
(ތަރުޖަމާއެއް)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް