ހުޅުމާލޭ ފިޒިއޯ އެންޑް އޯޓިޒަމް ކްލިނިކަށް ގެންދިޔަ ކުއްޖަކަށް އެތަނުގެ މުވައްޒަފަކު އަނިޔާކުރި ކަމުގެ ތުހުމަތު، ކުއްޖާގެ އާއިލާއިން ކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މި މަހުގެ 5 ވަނަ ދުވަހު އެތަނަށް ގެންދިޔަ ކުއްޖަކަށް އެތަނުގެ މުވައްޒަފުުންގެ ފަރާތުން ވަނީ އަނިޔާތަކެއް ލިބިފައެވެ.
މި ހާދިސާއާގުޅޭ ވީޑިއޯއެއް އެމްވީ ކްރައިސިސްގެ ފޭސްބުކް ޕޭޖުގައި ވަނީ ހިއްސާކޮށްފައެވެ.
ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި ކުއްޖާއާމެދު ހަރުކަށި ގޮތަކަށް މުޢާމަލާތުކުރާ މަންޒަރު ފެނެއެވެ. އަދި ކުއްޖާގެ ގައިގައިވެސް އޭނާ އަތްލާތަން ފެނެއެވެ. އޭރު މުވައްޒަފުގެ އަތުގައި ކަތުރެއްފަދަ އެއްޗެއް އޮތް މަންޒަރުވެސް ފެނެއެވެ.
ވީޑިއޯއާއެކު ހިއްސާކޮށްފައިވާ ފޮޓޯއެއްގައި، އެކުއްޖާގެ ގައިގައި ޒަޚަމްތަކެއް ހުރިތަން ފެނެއެވެ.