ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ނުގަވާއިދުން ހައްޖު ޕާމިޓް ހޯދާދޭނެކަމަށް ބުނެ މީހުން އަތުން ފައިސާނަގަމުން ދިޔަ މިސްރުގެ އަންހެނަކު ރިޔާޟް ސަރަހައްދުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
އަންހެންމީހާ ހައްޔަރު ކުރުމަށްފަހު މިހާރުވަނީ އޭނާއާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ފަށާފައިވާކަމަށް ވެއެވެ.
ސައޫދީ އިންޓީރިއަރ މިނިސްޓްރީން މިއަހަރު ހަމަޖައްސާފައިވާ ގޮތުގައި ހައްޖު މޫސުން ކަމަށްވާ ޒުލްޤައިދާ މަހުގެ އެއްވަނަ ދުވަހުންފެށިގެން ޒުލްހިއްޖާ މަހުގެ 14ވަނަ ދުވަހާ ހަމަޔަށް ޞައްހަ ހައްޖުވިސާއެއްނެތި މައްކާ،މަދީނާ އަދި އެހެންވެސް ”ހޯލީ“ ސައިޓް ތަކަށް ވަންނަ ފަރާތްތައް ވިހިހާސް ރިޔާލް އިން ޖޫރިމަނާ ކުރެވޭނެއެވެ. މިގަވާއިދަށް ވިޒިޓް ވިސާ ނަގާފައިވާ ފަރާތްތަކާއި ރެސިޑެންޓް ވިސާ އޮންނަ ފަރާތްތައް ވެސް އަމަލުކުރަންޖެހެއެވެ.
ހައްޖުގެ އަޅުކަމުގެ ތެރޭގައި ބައިބޯވެ މީހުން ފިތިގެން މަރުވުންފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް އެޅިފިޔަވަޅުތަކުގެ ދަށުން މިއަހަރުވަނީ 14 ވަރަކަށް ގައުމުން މީހުން ހައްޖަށް ދިއުން ބަންދުކޮށްލާފައެވެ.އަދި އަލަށް އަމަލުކުރަންފެށިގަވާއިދު ތަކަށް ހުރިހާ ފަރާތްތަކަކުންވެސް ހުރުމަތްތެރިކޮށް ހިތުމަށް ސައޫދީ އިންޓީރިއަރ މިނިސްޓްރީން ދަނީ އަންގަމުންނެވެ. އަދި ގަވާއިދާއިޚިލާފްވާ ފަރާތްތައް ޚާއްސަ ނަމްބަރުތަކަށް ގުޅާ ރިޕޯޓްކުރުމަށް ވެސް އެދިފައި ވެއެވެ.