އިންޑިއާ އިން ޕާކިސްތާނަށް ހަމަލާދިނުމުން ހާމަވެފައިވާ ސަބަބު

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ދަށުގައި އޮންނަ ކަޝްމީރުގައި މިލިޓެންޓުން ދިން ހަމަލާއެއްގައި އިންޑިއާގެ 25 މީހަކާއި ނޭޕާލްގެ ޓްއަރިސްޓަކު މަރާލާފައިވަނިކޮށް އިންޑިއާއިން ޕާކިސްތާނަށާއި ޕާކިސްތާނުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަހައްދަށް އެތައް ހަމަލާތަކެއް ދީފިއެވެ. ޕާކިސްތާނުން ބުނެފައިވަނީ މިލިޓެންޓުންގެ ހަމަލާއާއި ޕާކިސްތާނާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. އިންޑިއާގެ ހަމަލާތައް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ސިފަކުރައްވާފައިވަނީ ނުރައްކާތެރި އަރައިގަތުމެއް ކަމަށާއި ރައްދު ނުދީ ނުހުންނަވާނެ ކަމަށެވެ.

ޕާކިސްތާނުގެ މިލިޓްރީ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަޙްމަދު ޝަރީފް ޗައުދަރީ ބުނެފައިވަނީ އިންޑިއާގެ ހަމަލާގައި 26 މީހުން މަރުވެ 46 މީހުން ޒަޚަމް ވެފައިވާ ކަމަށެވެ. އިންޑިއާ ބުނެފައިވަނީ 2 ގައުމު ގުޅޭ ސަރަހައްދަށް ޕާކިސްތާނުން ދިން ހަމަލާތަކުގައި މަދުވެގެން އާންމުންގެ 15 މީހުން މަރުވެ 43 މީހުން ޒަޚަމް ވެފައިވާ ކަމަށެވެ.

ޕާކިސްތާނު މިލިޓްރީން ބުނެފައިވަނީ އިންޑިއާގެ 5 ފައިޓަރ ޖެޓާއި ޑްރޯނެއް ވައްޓާލިކަމަށެވެ. ޕާކިސްތާނުގެ މި ބުނުމަށް އިންޑިއާއިން ވަކި އެއްޗެއް ނުބުނެއެވެ.                                        

އިންޑިއާގެ ހަމަލާތައް އަމާޒުކުރީ ކޮންތަންތަނަކަށް؟                                     

ނިއު ދިއްލީން ބުނެފައިވަނީ މިދިޔަ ބުދަ ދުވަހު ހެނދުނު ޕާކިސްތާނާއި އަދި ޕާކިސްތާނުގެ ދަށުގައި ވާ ކަޝްމީރުގެ 9 އަމާޒަކަށް ހަމަލާދީފައި ވާނެ ކަމަށެވެ. އެ އަމާޒު ތަކަކީ ޓެރަރިސްޓުންނާ ސީދާ ގުޅުން ހުރި ތަންތަނާއި އަދި ޓެރަރިޒަމްގެ ހަރަކާތްތައް ރާވައި ހިންގާ ތަންތަނެވެ. އަދި މައްސަލަ އިތުރަށް ގޯސްކުރަން ބޭނުންނުވާތީވެ ޕާކިސްތާނުގެ އެއްވެސް މިލިޓްރީ އަމާޒަކަށް ހަމަލާދީފައި ނުވާނެކަމަށްވެސް އިންޑިއާއިން ބުނެފައިވެއެވެ.     

އިންޑިއާއިން ދިން ހަމަލާތަކާ ގުޅޭގޮތުން ޕާކިސްތާނުން އެންމެ ފުރަތަމަ ބުނެފައިވަނީ އެގައުމުގެ ދަށުގައިވާ ކަޝްމީރުގެ މުޒައްފަރު އާބާދާއި ކޮޓްލީ އާއި އަދި ޕާކިސްތާނުގެ ޕަންޖާބުން ބަހާވަލްޕޫރަށް ހަމަލާތައް އަމާޒުވެފައިވާ ކަމަށެވެ. އެހެންނަމަވެސް 6 ސަރަހައްދަކަށް އިންޑިއާގެ ހަމަލާތައް އަމާޒުވެފައިވާ ކަމަށް ޕާކިސްތާނުގެ މިލިޓްރީގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަޙްމަދު ޝަރީފް ޗައުދަރީ އޭގެ ފަހުން ބުނެފައިވެއެވެ.               

ޖިއޯ ޓީ ވީ ގައި ވާހަކަފުޅުދައްކަވަމުން ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚްވާޖާ އާސިފް ވިދާޅުވެފައިވަނީ އިންޑިއާގެ ހަމަލާތައް އަމާޒުވެފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށާއި ހަމަލާދިނީ ޓެރަރިސްޓް ކޭމްޕްތަކަކަށް ކަމަށްބުނެ އިންޑިއާއިން ހަދަނީ ދޮގެއް ކަމަށެވެ.

އިންޑިއާއިން ހަމަލާތައް ދިނީ ކީއްވެގެން ހެއްޔެވެ؟                                    

އިންޑިއާއިން ޕާކިސްތާނަށް ހަލާތައް ދީފައިވަނީ އިންޑިއާގައި ޓްއަރިޒަމް އަށް މަޝްހޫރު ރިސޯރޓެއް ކަމުގައިވާ ޕަހަލްގަމް ގައި ހިނގާދިޔަ ބަޑިޖެހުމުގެ ހާދިސާގެ ފަހުން ނިއުކްލިއަރ 2 ގައުމުގެ މެދުގައި އެތައް ދުވަހަކު ހަމަނުޖެހުން އުފެދެމުން ދިއުމާއެކުގައެވެ. 22 އޭޕްރިލްގެ އެ ހާދިސާގައި ސަލާމަތްވީ މިހުން ކިޔާދީފައިވާ ގޮތުގައި ހަމަލާދިން މީހުން ގެންދިޔައީ ހިންދޫމަޒްހަބުގެ މީހުން ފާހަގަކުރަމުންނެވެ. އެއީ އިންޑިއާއިން ގާނޫނު އަސާސީގެ 370 ވަނަ އާރޓިކަލް އިން ކަޝްމީރުގެ ރައްޔިތުންނަށް ދީފައިވާ ޚާއްސަ އިމްތިޔާޒް 2019 ވަނަ އުވާލި ފަހުންނާއި އަދި ފާއިތުވެގެން މިދާ ތިރީހަކަށް އަހަރު އެ ސަރަހައްދުގައި ހިނގާދިޔަ އެންމެ ހިތާމަވެރި ލޭ އޮހޮރުވުން ކަމުގައި ބުނެފައި ވެއެވެ. ޕަލްގަހަމްގައި ހިންގި ލޭ އޮހޮރުވުމާ މުޅިއިންޑިއާއިން ރުޅިވެރިކަން ފާޅުކުރަމުންގެންދާ މި ދަނޑިވަޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯޑީ  ވިދާޅުވަމުންގެންދަވަނީ ގިޔާމަތާ ޖެހެންދެންވެސް އެކަންކުރި ބަޔަކު ހޯދުން ހުއްޓާ ނުލައްވާނެ ކަމަށާއި އަދި އެމީހުން ހިތަށްވެސް ނުގެނެވޭފަދަ ބޮޑު އަދަބެއް ދެއްވާނެ ކަމަށެވެ. އެހެންނަމަވެސް އެ ހާދިސާގައި ޕާކިސްތާނުގެ ބައިވެރިވުން އޮތަކަމަށް ތުހުމަތު ކުރުން ފިޔަވައި އެ ލޭއޮހޮރުވުން ހިންގި ބަޔަކު މިހާތަނަށްވެސް އިންޑިއާއިން ހާމަ ކޮށްފައެއް ނުވެއެވެ.          

ފާއިތުވެގެން މިދާ 2 ހަފުތާގެތެރޭގައި 2 ގައުމުގެ ދެމެދުގައި ބައެއް ކަހަލަ ހަމަލާތައް ބަދަލު ކުރުމާއި ސިޔާސީ ބޭފުޅުން ފޮނުވާލުމާއި ވިސާ ދިނުން ހުއްޓާލުމާއި އަދި ބޯޑަރ ހުރަސްކުރުން އިތުރަށް މަނާކުރުމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ.                                                            

އިންޑިއާ އާއި ޕާކިސްތާނަށްވެސް ކަޝްމީރަކީ މުހިންމު ތަނަކަށްވަނީ ކޮން ސަބަބަކާހުރެ؟              

އިންޑިއާ އާއި ޕާކިސްތާނުންވެސް ދެކެނީ ކަޝްމީރަކީ އެ ގައުމުގެ ބައެއް ކަމަށެވެ. އެހެންނަމަވެސް 1947 ގައި އިނގިރޭސީންގެ އަތުން މިނިވަން 2 ގައުމު އުފެދުނީއްސުރެންވެސް ކަޝްމީރު އޮންނަނީ 2 ގައުމުގެ މެދުގައި ދެބައިކުރެވިފައެވެ. ކަޝްމީރު އަތުލުމަށްޓަކައި މިހާތަނަށް 2 ގައުމުން 2 ފަހަރު ހަނގުރާމަ ކޮށްފައި ވެއެވެ.   

އިންޑިއާ އާއި ޕާކިސްތާނުގެ ހަމަހިމޭންކަން ގެއްލިފައިވާ ވެށި ފަހަކަށް އައިސް އިތުރަށް ގޯސްވެފައިވަނީ މިލިޓެންޓުންގެ ހަމަލާތަކުގެ ސަބަބުންނެވެ. އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި 1989 ން ފެށިގެން ސަލާމަތީ ބާރުތަކާއި އަދި އާންމު ރައްޔިތުންނަށްވެސް މިލިޓެންޓުން ގެންދަނީ ހަމަލާތައް ދެމުންނެވެ.         

2016 ގައި އިންޑިއާ ކަޝްމީރުގެ އޫރި ގައި އިންޑިއާ ސިފައިން 19 މީހަކު މަރާލުމާގުޅިގެން ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި ފާހަގަ ކުރެވުނު މިލިޓެންޓުންގެ އަމާޒުތަކަކަށް އިންޑިއާއިން ހަމަލާ ދިނެވެ.      

2018 ގައި ޕުލްވާމާއަށް ބޮން އެޅުމުގެ ސަބަބުން އިންޑިއާގެ ޕަރަމިލިޓްރީގެ 40 މީހުން މަރުވިއެވެ. ރައްދުގައި ޕާކިސްތާނުގެ އެތެރޭން ބާލަކޯޓަށް އިންޑިއާއިން ހަމަލާ ދިނުމާގުޅިގެން 2 ގައުމުން ހަމަލާތައް ބަދަލުކުރެވެމުންދިޔައެވެ.                                                           

އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ދެކޮޅުވެރިކަން ނިމުމަކަށް ގެނެވޭތޯ ބައިނަލް އަގްވާމީ ގޮތުން މަސައްކަތްކުރަމުން އެބަ ގެންދެއެވެ.  ޔޫ އެން ގެ އާންމު ސެކްރެޓަރީ ވިދާޅުވެފައިވަނީ މައްސަލަ އިތުރަށް  ހޫނު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އިނގިރޭސި ބޮޑުވަޒީރުވެސް ވަނީ ހަމަމިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ދެކޮޅުވެރިކަން ނިމުމަކަށްއަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޚާރިޖީ ވަޒީރު މާރކޯ ރުބިއޯ ވިދާޅުވެފައިވަނީ ވަރަށް ކައިރިން ވާނުވާ ބަލަމުން ގެންދާ ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް