އަހުމަދު އަހަރެންނާއި އިނީ އަހަރެންގެ 8 އަހަރުގެ އަންހެން ކުއްޖަކު ހުއްޓައެވެ. ދަރިފުޅު ސަރާ ދެކެ އަހުމަދު ލޯބިވީނަމަވެސް އޭނާގެ މަންމަ އެއްގޮތަކަށްވެސް ސަރާ އަކީ އޭނާގެ އާއިލާގެ މެމްބަރެއް ކަމަށް ގަބޫލެއް ނުކުރެއެވެ.
އަހުމަދަށް އޮފީހުން ލިބުނު ބޯނަސްއަކާއި ގުޅިގެން އޭނަފެމިލީ ދަތުރެއް ރޭވިއެވެ. ކައިރި ގައުމެއްގެ ރީތި ރިސޯޓަކަށެވެ.އަހަރުމެން ދެމަފިރިންނާ ސަރާ އަދި މަންމަ އާއި މަންމަގެ 25 އަހަރުގެ އަންހެން ދަރިފުޅު ލައިލާއެވެ.
މިދަތުރު ދެވޭތީ ސަރާ ހުރީ ވަރަށްވެސް އުފަލުންނެވެ.އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް މަތިންދާ ބޯޓެއްގައި ދަތުރު ކުރެވޭތީއެވެ.
ފުރަން އެއްދުވަހަށް ވެފައިވަނިކޮށް އަހުމަދަށް އޮފީހުގެ އިމަޖެންސީއެއް ޖެހިގެން އެހެން ތަނަކަށް ފުރަން ޖެހުނެވެ.އެހެން ކަމުން އޭނާއަށް އެދަތުރު ދެވޭ ގޮތެއް ނުވިއެވެ.ނަމަވެސް އަހަރެން ސަރާ ގޮވައިގެން ދިއުމަށް އޭނާއެދުނެވެ. އަދި ފަހުން ތިން މީހުން ވަކިން އެހެން ތަނަކަށް ދާނީ ކަމަށް ބުންޏެވެ.
ފުރަން އޮތް ދުވަސް ޖެހިއްޖެއެވެ. ސަރާއަށް އުފަލުން އެއްތާކު މަޑުންވެސް ނުހުރެވެއެވެ.ދަތުރަށް ބެކްޕެކް އަޅައިގެން ހުރިއިރު އުފަލުންގޮސް އޭނަޔަށް ގޭތެރޭ ދެކޮޅަށް ދެކޮޅަށް ހިނގެނީއެވެ.
އެއާޕޯޓަށް ދިއުމަށްޓަކާ ހަތަރުމީހުން، އަހަރެން ކުއްޔަށް ނެގި ކާރަށް އަރާ ދުއްވާލީމެވެ. ވައިގަދަ ދުވަހެކެވެ. ގެޔާ ފުދޭވަރަކަށް ދުރަށް ދެވިފަ ހުއްޓާ މައިދައިތަ ކުއްލިއަކަށް ބުންޏެވެ.އެއްޗެއްބަލާލަން ސަރާ ގެ ޓިކެޓް ދީބަލާށެވެ. ސަރާ ބެކްޕެކްގެ ޖީބުން ނަގާ ޓިކެޓް ދިއްކޮށްލިއެވެ. މައިދައިތަ ޓިކެޓް ހުޅުވައިގެން ބަލަން އިނދެފައި ކުއްލިއަކަށް ކުޑަދޮރުން ޓިކެޓް ބޭރަށް ދޫކޮށްލިއެވެ.ވަޔާދިޔައީ ކަމަށް ހަދާފައެވެ. އަދި ބުންޏެވެ.އަސްތާ ޓިކެޓް އެދިޔައީ ބޭރަށެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ. ސަރާއަކަށް ނުދެވޭނެދޯއެވެ.
އަހަރެން ގާތަށް ވަރަށް ރުޅިއައެވެ.އޭނަ ގަސްތުގައި ކުރިމަކެއްކަން އިނގޭތީއެވެ. އެއާޕޯޓަށް ދިއުމަށްފަހު ޓިކެޓް އަލުން ޕްރިންޓް ކުރެވޭނެކަންވެސް އަހަރެންނަށް އިނގެއެވެ.އެކަމަކު އަހަރެން ބޭނުންވީ އޭނައަށް ކާމިޔާބު ވީކަމުގެ އިހުސާސް ދިނުމަށެވެ.
އަހަރެން ވަގުތުން ކާރު އަނބުރާލީމެވެ. މައިދައިތަ މައްސަލަ ޖައްސަން ފެށިއެވެ. ތިޔައުޅެނީ ޓިކެޓް ހޯދަން ދާންތޯ އެހިއެވެ. އަދި ދެން ނުފެންނާނެ ކަމަށް ބުނަމުން އޭގެ ދެމައިން އެއާޕޯޓަށް ގެންގޮސްދިނުމަށް އެދުނެވެ.
ކާރުއަބުރާލީ ޓިކެޓް ހޯދަން ދާން ނޫންކަމަށާ މަށަށާ މަގޭ ދަރިފުޅަށް މިދަތުރު ނުދެވޭއިރު އަހަރެންގެ ލާރިޔަށް އަހަރެން ކުއްޔަށް ނެގި ކާރެއްގައި ދެން އެއާޕޯޓަށް ދިއުމުގެ ބޭނުމެއް ނެތެއްނޫންހޭ އަހަރެން ބުނީމެވެ.އަދި ކަލޭމެން ދެން ޓެކްސީއެއްގައި ދާށޭ ބުނީމެވެ.
އެމީހުން ފޭބުމުން ކާރު ހަވާލުކުމަށްފަހު މަށާ ސަރާވެސް ދިޔައީ ޓެކްސީއެއްގައި ގެޔަށެވެ. އަދި ސަރާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަ ހުއްޓުވާ އޭނާއުފާކޮށްދިނުމަށް އެކި ކަންތައް ކުރަމުން ގެންދިޔައިމެވެ. އައިސްކްރީމް ބޯން ގޮސް ގޭތެރޭގައި ޓެންޓް ހަދާ އަދި އެކިޖަނަވާރުގެ ސިފައިގަ ކުކީސް ހެދުންފަދަ ކަންތައްކޮށް އޭނާގެ ސިކުޑިން އެކަންތައް ފިލުވާލެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ.ނަމަވެސް އޭނާޔަށް އެދުވަހު ކުޑަމިނުން ހިނިތުންވެސް ނުވެވުނެވެ.
އެރޭ ކުއްލިއަކަށް އައީ އަހުމަދު ކޮއްކޮގެ ކޯލްއެކެވެ. މަންމަގެ ފައި އެޅުނު ގޮތަކުން ވަރަށް ބޮޑަށް ފައި ފުރޮޅިގެން ރިސޯޓަށް ނުފުރުނު ކަމަށް ބުންޏެވެ. އަދި މަންމަޔަށް ލާރިވެސް ގެނެވިފައި ނެތް ކަމަށް ބުންނެވެ.އަތްމަތީ ފުދޭވަރަށް ފައިސާ ނެތުމާއެކު ރަށަށް އެނބުރިދެވޭނެ ގޮތެއްވަންދެން، ވަރަށް އަގުހެޔޮ ހަޑި ހޮޓަލެއްގައި މަޑުކޮށްގެން ތިބީކަމަށް ބުންޏެވެ. އެތަނުގައި ކުރަތްޕާ ހޯނުފަދަ ދިރޭ ތަކެތިވެސް އުޅޭކަމަށާ ލިބޭ ކާއެއްޗެތިވެސް ވަރަށް ނުބައިކަމަށް ބުންޏެވެ.އަދި އެކަމާ މަންމަ ހުންނަނީ ރުޅިގަދަވެފައި ކަމަށް ބުންޏެވެ.
އަހަރެން ހިތަށް އެރިއެވެ. ގުދުރަތުގެ ރޭވުމާއި މެދު ނިކަން ވިސްނާލަބަލާށެވެ. އަހަރެން ކުޑަކުޑަދަރިފުޅަށް ރިސޯޓަށް ދިއުމުގެ އުފާނުދިނުމަށް އުޅުނު މީހާއަށް ވަކި ރިސޯޓަށް ދެވިއްޖެ ހެއްޔެވެ.
އަހަރެން ވެސް ބޭބެ ކައިރީ ބުނެގެން ގޮތެއްވޭތޯ އެބަ ބަލަމޭ ބުނަމުން ފޯނު ބޭއްވީމެވެ. ނަމަވެސް އަހަރެން އަހުމަދާ ގުޅައިފިނަމަ އަހަރެން ނާއި ސަރާ އެދަތުރު ނުދާކަން އޭނާއަށް އިނގޭނެއެވެ.އެއީވެސް އަހަރެން ބޭނުން ގޮތެއް ނޫނެވެ. އެހެން ކަމުން އޭނާއަށް ވަގުތެއްވެގެން އޭނާ ގުޅަންދެން އަހަރެން މަޑުކޮށްލީއެވެ.
ކޮންމެވެސް ބަޔެއްގެ އެހީތެރިކަމާއެކު އަހުމަދުގެ މަންމަ ހޮސްޕިޓަލް އަށް ގެންދިޔަކަށް ކޮއްކޮ ގެ ފަރާތުން އިގުނެވެ. ނަމަވެސް އަނެއްކާވެސް މައިދައިތަޔަށް އިތުރު ބޮޑު މުސީބާތެއް ކުރިމަތިވިއެވެ. އޭނާގެ ޕާސްޕޯޓް ގެއްލުނީއެވެ. ކޮންމެވެސް މީހަކު ވަގަށް ނެގީއެވެ.އެހެން ކަމުން އެބުރި ރަށަށް އާދެވޭނީ ޕާސްޕޯޓެއް ނުވަތަ އިމަޖެންސީ ލިއުމެއް ނަމަވެސް ހައްދައިގެންނެވެ. އެމީހުންނަށް ޖެހުނީ އެމުޑުދާރު ކޮޓަރީގައި އިތުރު ދުވަސްތަކަކު މަޑުކުރާށެވެ.
މަސައްކަތުގައި ބިޒީވެގެންގޮސް އަހުމަށް ގުޅޭގޮތްވީ ދެދުވަސް ފަހުންނެވެ. އަދި އަހަރެން އެދަތުރު ނުދާވާހަކަ ބުނުމުން އޭނަވަރަށް ކަންތައް ބޮޑުވިއެވެ. އެއާއެކު މަންމަޔަށް ދިމާވެގެން އުޅޭ ކަންތަކުގެ ވާހަކަ އަހަރެންކިޔައިދިނުމުން އޭނާ ވަކިން ހާސްވިއެވެ. އަދި އެކި މީހުންނާ ގުޅައިގެން ގޮތެއް އެބަވޭތޯ ބަލާކަމަށް ބުނަމުން ފޯނު ބޭއްވިއެވެ.
އަހަރެންގެ މައިދައިތަ އަހަރެންނަށާއި އަހަރެންގެ ދަރިފުޅަށް ކިތަންމެ ގޯސްނަމަވެސް އޭނާ އެފަދަ ވޭނެއްގައި އުޅޭކަން އަހަރެންވެސް ނޭދެމެވެ. އެއީ އޮންލައިންކޮށް ފައިސާ ފޮނުވާ ޒަމާނެއްނޫނެވެ. އެހެން ކަމުން އެކިމީހުންނާ ގުޅައިގެން އެހީވެދެވޭތޯ އަހަރެންވެސް ބެލީމެވެ.
ނިކަން ވިސްނާލަބަލާށެވެ. ތިމާކުރާ ގޯސް އަމަލުގެ ރަހަދެކޭނީ ހަމަ ތިމާކަމަށް ބުނާ ބަހުގެ މާނައަކީ މިއީ ދޯއެވެ.