ވަރލްޑް ބޭންކުން ސްރީލަންކާއަށް އެއް ބިލިއަންޑޮލަރުގެ ސަޕޯޓް ޕެކޭޖެއް ދެނީ

Loading

Facebook
Twitter
WhatsApp

ސްރީލަންކާއަށް އެއް ބިލިއަން ޑޮލަރަށްވުރެ އަގުހުރި ސަޕޯޓް ޕެކެޖެއް ދޭނެކަން ވަރލްޑް ބޭންކުން ހާމަކޮށްފިއެވެ.މިކަން އިއުލާން ކޮށްފައިވަނީ ވަރލްޑްބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާ ސްރީލަންކާއަށް ކުރެއްވި އެއްދުވަހުގެ ދަތުރު ފުޅެއްގެ ތެރޭން އިއްޔެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކަ އާ ބައްދަލް ކުރެއްވުމަށް ފަހުއެވެ.


ސްރީލަންކާގައި އިތުރު ވަޒީފާތައް އުފެއްދުމަށާއި ޕްރައިވެޓް ސެކްޓަރ ފުޅާ ކުރުމަށް އަމާޒުކޮށް ދެވޭ އެހީ ދޭނީ ތިން އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. މިއެހީގެ ދަށުން އެނާޖީ،އެގްރިކަލްޗާ ޓުއަރިޒަމް އަދި ރީޖަނަލް ޑިވެލޮޕްމަންޓް ފަދަ ދާއިރާތައް ފުޅާކޮށް އިގްތިސާދީ މަސައްކަތްތަކަށް ފުރުސަތުތައް ތަނަވަސްކޮށް ދެވޭނެއެވެ.އަދި ލޯންގޓަރމް އަށް ވިސްނައިގެން ޕްރިއިވެޓް ކެޕިޓަލް ހޯދާ އަދި ލޯކަލް އިންޑަސްޓްރީތައް ފުޅާ ކުރުމަށްވެސް މިއެހީ ބޭނުން ކުރެވޭނެ ކަމަށް ސްރީލަންކާ ސަރުކާރުން ބުނެފައި ވެއެވެ.
ވަރލްޑްބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާ ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަކީ ފާއިތުވި ވިއްސަކަށް އަހަރުތެރޭ އެބޭންކުގެ ރައީސް އަކު ސްރީލަންކާ އަށް ކުރެއްވި ފުރަތަމަ ދަތުރު ފުޅެވެ.އަދި މިދަތުރުފުޅުގައި ބަންގާ ވަނީ ސްރީލަންކާ ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަށާ އަދި މުސްތަގްބަލްގެ ޕްރޮޖެކްޓްތަކަށް ވަރލްޑް ބޭންކުން އެހީވަމުންގެންދާނެ ކަމުގެ އައު ސިގްނަލް ތަކެއް ދެއްވާފައެވެ.
ރައީސް އާއި ބައްދަލް ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ބަންގާ ވިދާޅުވީ ސްރީލަންކާއަށް މިވަގުތު އައިސްފައިމިވަނީ ފުރުސަތުތައް ފަހިކުރުމުގެ ހިންދުކޮޅެއް ކަމުގައެވެ. ސްރީލަންކާގައި އިގްތިސާދު ހަމަޔަކަށް އެޅުވުމާއި އަދި ފުޅާ ކުރުމުގެ މަސައަކަތް ފަށާފައިވާކަން ފާހަގަ ކުރައްވަމުން ބަންގާ ވިދާޅުވީ އިތުރު ވަޒީފާތައް އުފެއްދުމުގެ ފުރަތަމަ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަ ކުރައްވާކަމުގައެވެ. އެހެން ކަމުން މިއީ އިސްލާހީ މަސައްކަތްތަކުގެ ގިއަރު މައްޗަށް ޖައްސާ، ޕްރައިޓް ވިޔަފާރިތައް ކޮޅަށް ޖެހުމުގެ ފުރުސަތު ދޭންޖެހޭ ވަގުތު ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ރައީސް ޑިސަނާޔަކާ ވިދާޅުވެފައިވަނީ ވަރލްޑް ބޭންކުގެ އެހީ އަކީ ސީދާ ސްރީލަންކާގެ ރައްޔިތުން ނަށް ކޮށްދިން އިންވެސްޓްމަންޓެއް ކަމުގައެވެ.
ވަރލްޑް ބޭންކުން އަންދާޒާ ކުރާ ގޮތުގައި ކުރިޔަށް އޮތް ދިހަ އަހަރުގެތެރޭގައި ސްރީލަންކާގެ މަސައްކަތުގެ އާބާދީ އާ ގާތްގަނޑަކަށް އެއްމިލިއަން ޒުވާނުން ގުޅޭނެއެވެ. ނަމަވެސް މިހާރު އޮތް ގޮތުން މި މުއްދަތުގައި އުފެއްދޭނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް ތިންލައްކައެއްހާ ވަޒީފާއެވެ.އެހެން ކަމުން ވަރލްޑްބޭންކުގެ އެހީގެ މައިގަނޑުއަމާޒަކީ މިފަރަގު ކުޑަކުރުމަށް މަސައްކަތް ކުރުމެވެ.
އަލަށް ދެވޭ އެއްބިލިއަނެއްހާ ޑޮލަރު މައިގަނޑުގޮތެއްގައި ބެހިގެންދާނެ ގޮތަށް ބަލާލާއިރު،އެނާޖީގެ ދާއިރާއިން ސޯލާ އަދި ވައިން ހަކަތަ ހޯދުމުގެ ޕްރޮޖެކްޓްތައް އިތުރުކޮށް ހިންގުމަށް 185 މިލިއަން ޑޮލަރު،އެގްރިކަލްޗާގެ ދާއިރާއިން ދަނޑުވެރިކަމާގުޅޭ އައު ޓެކްނޮލޮޖީތައް ހޯދާ އަދި މާކެޓް ފުޅާކުރުމަށް 100މިލިއަން ޑޮލަރު، ޓުއަރިޒަމްގެ ދާއިރާއިން ކަލްޗަރަލް ވަސީލަތް ތައް ހިމާޔަށްކޮށް އަދި އިތުރު ގުދްރަތީ މަންޒިލްތައް ތަރައްގީކުރުމަށް 200 މިލިއަން ޑޮލަރު ހިމެނެއެވެ.
ވަރލްޑް ބޭންކް ގްރޫޕުން ސްރީލަންކާއަށް އެހީވަމުން އަންނަތާ ހަތްދިހަ އަށް ވުރެގިނަ އަހަރުވެއްޖެއެވެ. މިވަގުތުވެސް އެބޭންކުގެ އިންވެސްޓްމަންޓްތައް 2.2 ބިލިއަން ޑޮލަށްވުރެ އިތުރު ކަމަށް ޚަބަރުލިބެއެވެ.
މައުލޫމާތު : ޑެއިލީ މިރަރ
(މި ޚަބަރު ކިޔާލުމަށްފަހު ހިތަށް އަރަނީ 8.8 ބިލިއަން ޑޮލަރަކީ ވާ ހާދަހާ ގިނަ ލާރިއެކެވެ!!)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް